18 ފެބުރުވަރީ 2026 - 10:15 0
18 ފެބުރުވަރީ 2026 - 10:15 0
ސަތޭކަ އަށް ވުރެން ގިނަ ރަށް ކުޅޭ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރު ކުޅުނު ހދ. ނައިވާދޫން މި އަހަރު ތަށި ހޯދައި، މި ވަނީ އެ ޓީމަކީ ވެސް ފުޓްސަލްގެ ގައުމީ ޗެމްޕިއަނެއްކަން ސާބިތުކޮށްދީފަ އެވެ. މި ފަހަރު އެ ޓީމުގެ ކާމިޔާބީގެ ފަހަތުގައި ހުރީ، ކުރިން އެ ޓީމަށް މި މުބާރާތުގައި ކުޅެފައިވާ، މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ.
"މިއީ، ހަމަ ކީކޭ ދެން ބުނާނީ، މިއީ ހަމަ ވަރަށް ވަރަށް މަސައްކަތް، ވަރަށް ދުވަހުގެ މަސައްކަތް، ވަރަށް ބުރަ މަސައްކަތް، ދެން ހަމަ މި ހުރިހާ ކަމެއްގެ ހައްގުވެރިންނަކީ އަހަރެމެންގެ ޕްލޭޔަރުން،" ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނާއްޓެ ބުންޏެވެ.
ނައިވާދޫ އަކީ 10 އަހަރުވީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ޖެހިޖެހިގެން ދެ އަހަރު ކުޅުނު ތިން ވަނަ ޓީމެވެ. މީގެ ކުރިން އެކަން ހާސިލްކުރީ އެއް ފަހަރު ޗެމްޕިއަންކަން ހޯދައި، ޖެހިގެން އައި އަހަރު އެ މުބާރާތުގެ ފައިނަލުގައި ކުޅޭ ގޮތަށެވެ. އެއްވެސް ޓީމެއް އެއް އަހަރުގެ ފައިނަލުން ބަލިވެ، އަނެއް އަހަރު އެނބުރި އައިސް ތަށި ހޯދީ މި ފަހަރު ނައިވާދޫންނެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގައި ނާއްޓެ ޓީމުގެ ކުޅުންތެރިއަކަށް ބުނެދެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ކ. ކާށިދޫ އަތުން މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި، ނައިވާދޫ ބަލިވީ 4-1 އިންނެވެ. މި ފަހަރުގެ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ހާފު ނިމުނުއިރު، ނައިވާދޫ އޮތީ 4-1 އިން ކުރީގަ އެވެ. ފައިނަލް ނިމުނުއިރު، ގއ. ދެއްވަދޫ އަތުން ނައިވާދޫ މޮޅުވީ 9-3 އިންނެވެ. މިއީ، ގޯލްޑަންގެ ފައިނަލެއްގައި ނުކުތް ބޮޑު ފަރަގެކެވެ.
"ދަނޑުމަތިން އެ ފެނުނީ ކަންނޭނގެ، އެހެން ހުރިހާ ޓީމުތަކާ އަޅާބަލާއިރު، އަހަރެމެން ޕްލޭޔަރުން މި އަށް ވެފައި އޮތް ތައްޔާރީ އަހަރެމެން ކޮންމެ ވަގުތެއްގައި ކޮންމެ ބަދަލެއް ގެނެޔަސް ޓީމަށް އެ އުނިކަން ނައިސް، މުޅި މެޗުގެ އެ 40 މިނިޓް ކުޅެލީ ހަމަ ހުރިހާ ޕްލޭޔަރުން އެ މީހުން ދަނޑުމަތީގައި ކުރި މަސައްކަތް ހަމަ އެންމެ ހައްގުވެރިންނަކީ ހަމަ ޓީމުގެ ޕްލޭޔާސް (ކުޅުންތެރިން)،" ފައިނަލް މެޗު ދިޔަ ގޮތާ މެދު ނާއްޓެ، ދެކޭ ގޮތް ހިއްސާކުރި އެވެ.
ނައިވާދޫ އަށް މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެލެންޖު ބޮޑު އަހަރެކެވެ. އެންމެ ޓީމު ގިނައިން ވާދަކުރާ އެއް އަތޮޅުގައި، ނައިވާދޫން ކުޅެން ޖެހުނީ، ގައުމީ ފުޓްސަލް ޓީމަށް ދިޔަ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ، ގޯލްކީޕަރު، އިބްރާހިމް ނާޖިހު (ހޭޓް)، އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) ނުލަ އެވެ. އަދި، މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި، ޝާއިން އަށް އަނިޔާގެ ސަބަބުން މި ފަަހަރުގެ މުބާރާތުގައި ނުކުޅެވުނެވެ. އެ ކުޅުންތެރިން ނުލައި އަތޮޅު ބުރަށް ދަތުރުކުރި އެވެ. ގައުމީ ޓީމުގެ ކުޅުންތެރިން އައިސް އެ ޓީމުގެ ކުޅުން އިތުރު ހަަރުފަތަކަށް ހިއްލާލައިދިނީ ޒޯން ބުރުގަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބީ އަށް ފަހު، ނައިވާދޫގައި ބޭއްވި އުފާފާޅުކުރުމުގެ އިވެންޓުގެ ތެރެއިން.---- ފޮޓޯ: ހަސަން އިހުސާން
މި ފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މޮޅު ކޯޗުގެ މަގާމު ހޯދި، ނާއްޓެ ބުނީ، ޖެހިޖެހިގެން ދެ ފައިނަލަށް ދިއުމަށް ހިތްވަރު ލިބުނީ ރައްދުވި ބަސްތަކެއްގެ ސަބަބުން ކަމަށެވެ.
"އަސްލު އަހަރެމެންނަށް ރައްދުވި ބައެއް ބަސްތައް، އޭގެ ބަދަލެއް ދޭން ހަމަ ބޭނުންވި، ފުރަތަމަ ދުވަހު ވެސް ބައެއް ސަޕޯޓަރުން، އަދި، ބޭރު ތެރެއިން ވެސް އަޑުއިވުނު ނައިވާދޫން މިދިޔަ އަހަރު ފައިނަލު ކުޅުނީ އޮޅިގެންނޭ ނޫނީ ނަސީބުންނޭ، ނޫނީ އެ ދުވަހުން ފެެށިގެން ހުރިހާ ކުޅުންތެރިން ވެސް އަޒުމު ކަނޑައެޅީ އަހަރެމެން ޖެހިގެން އަންނަ ފައިނަލް ކުޅޭނަމޭ، އެ އަޒުމުގައި އެ ކިކުގައި ކުރި މަސައްކަތް ފެނިގެން އެ ދިޔައީ ހުރިހާ ޕްލޭޔަރުން (ކުޅުންތެރިން)،" ނާއްޓެ ބުންޏެވެ.
ފައިނަލް މެޗުގެ ކުރިން، ނާއްޓެ ބުނެފައިވަނީ، ނައިވާދޫ އަށް ފުޓްސަލްގައި ވަރުގަދަ ނަމެއްގެ ގޮތުގައި ދެމި އޮންނަން މަދުވެފައި އޮތް ތަށްޓަކީ، ގޯލްޑަން ފުޓްސަލް ޗެލެންޖު ކަމަށެވެ. އެ ތަށި މިހާރު ލިބިފައި އޮތުމުން، ދެން، އެ ޓީމުގެ ކުރިމަގާ ބެހޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި، ނާއްޓެ ބުނެފައިވަނީ، ގޯލްޑަން ލިބުމަކީ ކުރިއަށް ދިއުމަށް ލިބުނު "ބޮޑު އެއްޗެއް" ކަމަށެވެ.
"މިހާރު ނައިވާދޫގެ ޕްލޭޔަރުންނަށް (ކުޅުންތެރިންނަށް) އަސްލު ވަރަށް ބޮޑު އެއްޗެއް ލިބިގެން މިދިޔައީ، އަހަރެމެންނަށް، މި ހިސާބުން ފެށިގެން ކުރިއަށް އޮތް ޖެނެރޭޝަންތަކަށް ވެސް، މީގެއިން ފިލާވަޅެއް ކަންނޭނގެ ލިބިގެންދިޔައީ، ދެން، އަނެއްކާ އަހަރެމެން ރިޓަޔާކުރަން ނޫނީ ދެން ހުއްޓާލަން ތިބި ޕްލޭޔަރުން (ކުޅުންތެރިން) ވަރަށް ރަނގަޅު ކާމިޔާބެއްގައި ނިންމާލީމަ ދެން އަންނަ ޖެނެރޭޝަން ލުކް ފޯވާޑް ކުރާނެ ވަރަށް ރަނގަޅު އެއްޗެއް،" ގައުމީ ފުޓްސަލް ޓީމަށް ކުޅެފައިވާ ނާއްޓެ ބުންޏެވެ.
"ދެން، އަބަދުވެސް މީގެ ކުރިން އަހަރެމެން އަޑުއަހަމުން އައީ ނައިވާދޫގެ ލެވަލަކީ ބޮޑުތިލަދުންމައްޗޭ، މިހާރު މިއީ، ރާއްޖޭގެ ނަމްބަރު ވަންއޭ، އިރާދަކުރެއްވިއްުޖިއްޔާ އަބަދުވެސް ދެން އޮންނާނީ އެ ގޮތުގައޭ،"
މި އަހަރު ބޭއްވީ ގޯލްޑަންގެ 10 ވަނަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.
Comment