15 ފެބުރުވަރީ 2026 - 02:02 0
15 ފެބުރުވަރީ 2026 - 02:02 0
ފައިނަލުގައި ގއ. ދެއްވަދޫ 9-3 އިން ބަލިކޮށް، ހދ. ނައިވާދޫން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން، ހޯދައި ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހަށް ވަނީ ޖެހިލައިފައި.
މިދިޔަ އަހަރުގެ ފައިނަލުގައި، ކ. ކާށިދޫ އަތުން 4-1 އިން ބަލިވި ނައިވާދޫން މި ވަނީ ތަފާތު ރޫހެއް ދައްކައި، އަލުން ފައިނަލުގައި ވާދަކޮށް ތަށި ހޯދައިފަ އެވެ. ރެެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލުގައި ނައިވާދޫން ވަނީ ދެއްވަދޫ ކައިރީ މުޅި މެޗަށް ބަލާއިރު ވެސް ރަނގަޅު ކުޅުމެއް ދައްކައި، ހައްގުވާ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފައިނަލުގައި މިރޭ މެޗު ފަށައިގެން 15 ވަރަކަށް ސިކުންތު ހިނގިތަނާ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ދެއްވަދޫ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ހިލޭ ޖެހުމަކުން ލަނޑު ޖަހައި، ނައިވާދޫ އަށް އެއްވަރުކޮށްދީފަ އެވެ. ނައިވާދޫން ލީޑުނެގީ އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލުންނެވެ. އަދި، މުހައްމަދު ޔާމިން (ޔާންޓެ)ގެ ލަނޑުން ލީޑުފުޅާކުރިއިރު، ވީޑިއޯ ސަޕޯޓުން ބަލާފައި ދިން ޕެނަލްޓީއެއް ވައްދާލައި، އައްމަޑޭ ވަނީ ފުރަތަމަ ހާފު ނިމުނުއިރު، ނައިވާދޫ އަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
ނައިވާދޫގެ ކެޕްޓަން، ޔާންޓެ އުފާފާޅުކުރަނީ،---- ފޮޓޯ: އިމޭޖަސް،އެމްވީ
ދެ ވަނަ ހާފު ފަށައިގެން ދެއްވަދޫން ކުޅުން ރަނގަޅުކޮށް ރާއްކޮގެ ގޯލުން އުންމީދެއް ހޯދައިފަ އެވެ. އެކަމަކު، ހުސެއިން މައިޝާން (ޓޯނު) ވަނީ ލަނޑެއް ޖަހައި އަލުން ނައިވާދޫގެ ލީޑުފުޅާކޮށްދީފަ އެވެ. މުހައްމަދު އިމްރާން (އިންމި) ދެއްވަދޫގެ ތިން ވަނަ ލަނޑު ޖެހިއިރު، ޕަވަޕްލޭގައި ދެއްވަދުން ކުރިއަށް ޖެހިގެން ކުޅުނުއިރު، ޝާއްޕެ އިތުރު ދެ ގޯލުޖަހައި ހެޓްރިކެއް ހެދިއިރު، ޓޯނު ވެސް ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އަދި، އަބްދުﷲ ވިސާމް (ވިޝާންޓެ) ވެސް ލަނޑު ޖެހި އެވެ.
ފުޓްސަލް ކިންގްގެ މަގާމު ލިބުނީ ޔާންޓެ އަށެވެ. ގަދަ ފަހެއްގައި ހިމެނެނީ، ނައިވާދޫގެ ޔާންޓެ އާއި އައްމަޑޭގެ އިތުރުން، ދެއްވަދޫގެ އަލީ ހަަައިޝަމް (ޗުމްޕު) އާއި އއ. މަތިވެރީގެ އަލީ އަލްސަން އަދި ރ. ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ، އޭދަފުށީގެ އަބްދުﷲ ނާސިހު އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ތިމަރަފުށީގެ 18 އަހަރުގެ ކީޕަރު، ސާއިފް އަލީ އެވެ. އެންމެ ގިނަ ގޯލު ޖެހީ، 13 ލަނޑު ޖެހި ށ. ކަނޑިތީމުގެ ރައުލް ނިޔާޒް އެވެ. ފެއާޕްލޭ ޓީމަކަށް ކ. ގާފަރު ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކީ ނައިވާދޫ އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، އެ ޓީމުގެ މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ.
މިއީ، ގޯލްޑަންގެ 10 ވަނަ މުބާރާތެވެ. މީގެ ކުރިން މި މުބާރާތުގެ ތަށި ހޯދާފައިވަނީ، ތ. ތިމަރަފުށި ތިން ފަހަރުގެ އިތުރުން، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު، ހެންވޭރު އަދި ކ. ކާށިދޫ އެވެ.
Comment