9 ފެބުރުވަރީ 2025 - 11:34 3
ލީވާން އަލީ ނާސިރު
ތީމުގެ: އެ އިމާރާތުގައި ފެން ބިލަށް އިތުރަށް އެއް ލައްކަ ރުފިޔާ ހަރަދުވާ މައްސަލަ ދަނީ ހައްލު ކުރަމުން -- ފޮޓޯ: އަދަދު ފައިލް
9 ފެބުރުވަރީ 2025 - 11:34 3
ސުޕީރިއާ ކޯޓުތައް ހިންގާ ތީމުގެ ފެން ބިލަށް އެއް ލައްކަ ރުފިޔާ އިތުރަށް ހަރަދުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެކްޓިން ޗީފް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން. މުހައްމަދު ސުޖާއު "އަދަދު" އަށް ވިދާޅުވީ ތީމުގޭގެ ފެން ބިލު ބޮޑުވާ މައްސަލަ އޭނާގެ ސަމާލުކަމަށް އައީ ސެޕްޓެމްބަރު 20، ގައި މަގާމާ ހަވާލުވި ފަހުން ކަމަށާއި އެގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ޓެކްނީޝަނުންނާ ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވެސް ހިންގަމުންދާ ތީމުގޭގެ ފެން ބިލަށް މަހެއްގެ މައްޗަށް އާންމު ގޮތެއްގައި އަރަމުން ދިޔައީ 80،000ރ. ކަން ފާހަގަކުރައްވާ ސުޖާއު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ބިލަށް 180،000ރ. އަރާ ކަމަށެވެ.
"މައްސަލަ އެބައުޅޭ. މައްސަލަ އުޅޭކަން ފާހަގަވީ މިދިޔަ އަހަރު ތެރޭގައި ފެން ބިލު ބޮޑުވާތީ. ކުރީގައި އަރާ ވަރަށްވުރެ އެއް ލައްކަ ރުފިޔާ އިތުރަށް ވޭސްޓޭޖް ގޮތުގައި އެބަ ބިލަށް އަރާ. މިދިޔަ އަހަރު ފާހަގަވީ. ކުރީގައި އާންމު ގޮތެއްގައި އަރަނީ 80،000 ރުފިޔާ،" އޭނާ ވިދާޅުވި އެވެ.
ސުޖާއު އިތުރަށް ވިދާޅުވީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ތީމުގޭގެ ފެން ބިލު ބޮޑުވަނީ ބިމުގެ އަޑީގައި ވަޅުލާފައި ހުރި ހޮޅިއަކުން ފެން ލީކުވެގެންކަން މިހާތަނަށް ބެލި ބެލުމުން ކަށަަވަރުވެފައިވާ ކަމަށާއި އެ ހުރިހާ ފެނެއް އެޅެނީ ޖަންކްޝަނަކަށް ކަމަށެވެ.
އެ ގޭގެ ކުރެހުންތައް ފިނޭންސް މިނިސްޓްރީން ހޯދައިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ކުރިއަށް ގެންދަނީ އެ އިމާރާތުގައި ކުރިއަށްދާ އޮފީސް މަސައްކަތްތައް ނިމުމުން ހަވީރު 5:00 ޖަހާއިރުން ފެށިގެން ފެން ކަނޑާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޝުޖާއު ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދަނީ ހަވީރު އޮފީސް މަސައްކަތް ކުރިއަށް ގެންދަން އެދިއްޖެނަމަ، ފެން ދޫކުރާ ގޮތަށް ކަމަށެވެ.
"އަންޑަ ގްރައުންޑް ލީކެއް އެ އުޅެނީ. މިތަނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އުޅެން ހަދާފައި ހުރި ތަނެއްވީމަ، މިތާގެ ހުރިހާ ޓޭންކްތައް އަޅާފައި ހުންނަނީ އަޑީގައި. މިތަނަކީ ތެޅުން ވެސް ހުއްދަ ތަނެއް ނޫން. އެތެރެ ހުރި ގޮތެއް ވެސް ނޭގޭ. ހުއްދަ ހޯދައިގެން ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ. ހައްލު ކުރަން މަސައްކަތް މިހާރު ކުރަމުން ދަނީ،" ސުޖާއު ވިދާޅުވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ފެން ލީކުވުމުގެ މައްސަލަ ހައްލުކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެން ލީކުވާ ތަން ދެނެގަނެވިފައި ނުވާތީ ކަމަށާއި ބަލަން ހުއްދަ ލިބިފައިވާ އެއްވެސް ތަނަކުން ފެން ލީކުވާކަން ފާހަގަ ނުވާ ކަމަށެވެ.
މިގޮތުން ތީމުގޭގެ އިތުރު ތަންތަން ބަލަން އެމްއެންޑީއެފްއިން ހޯދަން ޖެހޭ ހުއްދައަށް އެދިފައިވާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.
Comment