Advertisement

ސިނާނުގެ ގޮނޑި މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ފަސް މަސްދުވަސް، ހުކުމް އިއްވާ މަޖިލިސް ތާވަލެއް ނުކުރޭ!

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިނާނުގެ ގޮނޑި މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ފަސް މަސްދުވަސް، ހުކުމް އިއްވާ މަޖިލިސް ތާވަލެއް ނުކުރޭ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ފަސް މަސްދުވަސްވެއްޖެ އެވެ.

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލައިގައި ހިތަދޫ ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ 2.5 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދެއްކުމަށެވެ. މި ހުކުމް އިއްވީ ސިނާނުގެ ޣައިރު ހާޒިރުގަ އެވެ. ސިނާނުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުން ނަމަ، ސިނާނަށް މި ހުކުމެއް އޮތް ކަން އެނގުނީ އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓަށް ތަންފީޒީ މައްސަލަ ހުށަހެޅުމުންނެވެ.

އެ މައްސަލައިގައި ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ. އެ މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބާއްވާފައި ވަނީ ޖުލައި 13، 2025 ގަ އެވެ.

ފުރަތަމަ ބޭއްވި އަޑުއެހުމުގައި މެންބަރު ސިނާނު ވަނީ މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ބުނެ ދިފާއު ނަންގަވައިފަ އެވެ.

ދެވަނަ އަޑުއެހުމުގައި ސިނާނުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ، މި މައްސަލައިގައި ހުކުމް ކުރި ކަން ސިނާނަށް އެނގުނީ މި އަހަރުގެ ޖެނުއަރީ 22، ގައި ކަމަށެވެ. އަދި، މި ހުކުމް ކުރި ކަން އެނގުމާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ މުއާމަލާތްކޮށް، ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައިސް، އެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ސިނާނުގެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައި ވެ އެވެ.

ނަމަވެސް، ހުކުމް ކުރި ދުވަހު އެމްއައިބީން ވަނީ ސިނާނަށް އެ ހުކުމް ވައިބާއިން ފޮނުވައިފަ އެވެ. އެމްއައިބީން ހުކުމާ އެކީ ފޮނުވި މެސެޖުގައި ވަނީ "މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދައުވާކުރި މައްސަލަ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާތީ ޝަރީއަތް ނިމުނު ގޮތް ފޮނުވިން" މިހެން ލިޔެ، މެސެޖު ލިބުނުކަން ހިއްސާކޮށްދޭން އެދިފަ އެވެ. މި މެސެޖު ފޮނުވިތާ ގަޑިއިރެއް ނުވަނީސް "ގޮޓް ތެންކް ޔޫ" ޖަހާފައި މި މެސެޖަށް ސިނާނު ރިޕްލައިކޮށްފައިވެ އެވެ.

އޭގެއިތުރުން ވެސް މި މައްސަލަ ހުށަހެޅި ގާލިބުގެ ވަކީލު ވަނީ ދިފާއުގައި ނެކި ނުކުތާތަކާ ދެކޮޅަށް ގިނަ ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި ނޭނގުމަކީ ހުއްޖަތެއް ނޫން ކަމަށް ފާހަގަކުރައްވައި، ގާނޫނު އަސާސީގައި ބުނާ މެންބަރުކަމުގެ ޝަރުތެއް ސިނާނުގެ ކިބައިން އުނިވެފައިވާ ކަން ސާފުވާ ކަމަށް އޭނާ ކޯޓުގައި ވިދާޅުވި އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލަ ސިނާނާ ދެކޮޅަށް ސާބިތުވެއްޖެ ނަމަ އޭނާ ވެގެން ދާނީ ސާބިތު ދަރަންޏެއްގެ މައްސަލަ ސާބިތުވެ ގޮނޑި ގެއްލޭ ދެ ވަނަ މެންބަރަށެވެ. މިގޮތަށް ކުރިން ގޮނޑި ގެއްލުނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

ސުޕްރީމް ކޯޓު މި ވަގުތު އޮތީ ރިސެސްގަ އެވެ. އެ ކޯޓުގެ އަޑުއެހުންތައް ދެން ފަށާނީ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު އެވެ.