Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރިތާ 200 ދުވަސްވީއިރު ވެސް އޭސީސީގެ ތަހުގީގު ނުނިމޭ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން: އެ ކޮމިޝަނުން ބަލަމުންދާ ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުންގެ މައްސަލަ އަދިވެސް ނުނިމޭ -- ފޮޓޯ؛ އޭސީސީ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރިތާ 200 ދުވަސްވީއިރު ވެސް އޭސީސީގެ ތަހުގީގު ނުނިމޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރިތާ 207 ދުވަސްވީއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ އެ ދެ ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އަދަދު އަށް ވިދާޅުވީ އެ ދެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ.

"މައްސަލަ [އަޒްމިރާލްދާ އާއި މަހާޒްގެ] ނުނިމޭ. ތަހުގީގު ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ.

އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި މަގާމުން ވަކިކުރީ މެއި 14، ގަ އެވެ.

އެ ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ ވެސް އޭރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ސުއޫދު ވަނީ އޭރު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭސީސީން ބަލަމުންދާ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައާ ގުޅޭގޮތުން ބަހެއް ހޯދުމަށް އަދަދު އިން އެ ކޮމިޝަނުގައި ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އޭސީސީން ވަނީ މި މައްސަލައިގައި އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ސުއޫދުގެ މައްސަލައެއް އޭސީސީން ބަލާތީ ކަމަށް ބުނެ ފުރަތަމަ މަގާމުން ސަސްޕެންޑުކުރި އެވެ. އެއަށްފަހު އަޒްމިރާލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީއިން ނިންމީ، ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި މައްސަލައެއްގަ އެވެ.

ސުޕްރީމް ކޯޓުން ވަކިކުރި ދެ ފަނޑިޔާރުންނަށް ދިފާއުވުމަށް ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް އެއްވެސް ފުރުސަތެއް ދީފައި ނުވާޚަން ފާހަގަކުރެވެ އެވެ.

ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރުން ވަކިކުރީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން އޭރު ކުރި މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތުދީ، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން އޭރު ބަލަން ފަށާފައި އޮއްވަ އެވެ.

ސުޕްރީމް ކޯޓުން ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އަދި އަޒްމިރާލްދާ އާއި މަހާޒް ވަކިކުރެއްވުމާ ގުޅިގެން ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ ހުސައިން ޝަހީދާއި، މުހައްމަދު ސަލީިމާއި، އަބްދުﷲ ހަމީދެވެ. އޭގެއިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާ ރިޓަޔާކުރެއްވުމުން އެ މަގާމަށް އަބްދުލްޣަނީ މުހައްމަދު ވަނީ އައްޔަންކުރައްވާފަ އެވެ.