ސަރުކާރުން ސުޕްރީމް ކޯޓުގެ މިނިވަން ކަމަށް އަރައިނުގަތުމަށް އަލީ ހުސައިން ގޮވާލައިފި

8 ފެބުރުވަރީ 2025 - 05:31 0

ސާއިފް ޝިޔާދު

ސ

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން. މިހެން ވިދާޅުވި ވަކި ސަބަބެއް އޭނާ ހާމަނުކުރައްވާ --- ފޮޓޯ: އަދަދު ފައިލް


ސަރުކާރުން ސުޕްރީމް ކޯޓުގެ މިނިވަން ކަމަށް އަރައިނުގަތުމަށް އަލީ ހުސައިން ގޮވާލައިފި

8 ފެބުރުވަރީ 2025 - 05:31 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މި މަހަށް ތާވަލުކޮށްފައި ވަނިކޮށް އެ ކޯޓުގެ މިނިވަންކަމަށް ސަރުކާރުން އަރައިނުގަތުމަށް އެ މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ގޮވާލައްވައިފި އެވެ.

"ސަރުކާރުގެ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުން ކޮށްގެން ސުޕްރީމް ކޯޓުގެ މިނިވަންކަމާއި މުސްތަގިއްލު ކަމަށް އަރައިނުގަތުމަށް ގޮވާލަން،" އެއްވެސް ތަފުސީލެއް ނުދެއްވައި އެކްސްގައި އަލީ ހުސައިން ލިޔުއްވި އެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި ކޯޓުތަކަށް މި ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ފެބްރުއަރީ 17، ގެ ހެނދުނު 11:00 އަށެވެ. މި މައްސަލަ ބައްލަވާނީ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.

އެ ސަބަބުތައް އެހެން ހުރުމުން ސުޕްރީމް ކޯޓަށް އަލީ ހުސެއިން ހުށަހަޅާފައި ވަނީ ގާނުނުއަސާސީއަށް ގެނައި އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ގެނައި ބަދަލުގެ ތެރޭގައި ގާނޫނުއަސާސީގެ 73 އަށް ގެނައި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.