Advertisement

ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އިހުތިރާމެއް ނުކުރޭ: އަލީ ހުސައިން

އަލީ ހުސައިން


ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އިހުތިރާމެއް ނުކުރޭ: އަލީ ހުސައިން

ރައްޔިތުންގެ އަސާސީ ހައްގުތަކަށް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލުނުކުރާ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ޑިސެމްބަރު 10، ގެ ހެނދުނުން ފެށިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މިހާރު މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހިމެނޭހެން ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ދޫކޮށްލުމަށް އަލީ ހުސައިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވި ގޮތުގައި މަޓޭ ބަންދުކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށެވެ. އެއީ އަސާސީ ހައްގުތަކުގެ ބޭނުންކުރާ މީހުންނަށް ސަރުކާރުން އިހުތިރާމު ނުކުރާކަން ދައްކުވައިދޭ ކަމެއް ކަމަށް އަލީ ވިދާޅުވި އެވެ.

އިހުތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. މަސްވެރިން ބޭނުންކުރަމުންދިޔައީ އެ ހައްގެވެ.

މަޓޭއަކީ ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އެވެ. މައުރޫފް ހައްޔަރުކުރީ މިއަދު މެންދުރުގެ ވަގުތެއްގައި ކަންނެލި އޮޑިއެއްގެ ވީލްހައުސްގައި ހުއްޓައި ގަދަކަމުން ބާރުގެ ބޭނުންކޮށްގެންނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އެރުވުމަށްފަހު ގެންދިޔައީ ދޫނިދޫއަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އޭނާ ކުރީ ކޮން ޖިނާއީ ކުށެއް ކަމެއް އަދި އޭނާ ހައްޔަރުކުރުމަށް އަމުރެއް އޮތް ކަމަށް ފުލުހުން މިހާތަނަށް ނުބުނެ އެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.

ބީކޭއެމްޔޫ އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ ޑިސެމްބަރު 10، ގެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ. އެ އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ނަގިލި ލައިގެން ތިބީ މާލޭގެ ބޭރު ތޮށީގެ ބޭރުން ކަނޑުގަ އެވެ. އެހެން ތިއްބައި ޑިސެމްބަރު 11، ގެ ހެނދުނު ފުލުހުން ވަނީ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މުޒާހަރާ ހުއްޓާނުލައި އަންނަނީ ހުޅުމާލޭ ފަޅުގައި ކުރަމުންނެވެ.

މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ. މިއީ ހައްތަހާވެސް މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރިއިރު މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތަކެކެވެ.