ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ: ހައުސިން ލޯނުތައް މިދިޔަ އޮކްޓޫބަރުގައި ދޫކުރަން ފަށާނެ ކަމަށް ރައީސް ކުރިން ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަރުކާރުން މިދިޔަ އަހަރު އިއުލާނު ކުރި ހައުސިން ލޯނުތައް ދޫކުރަން ފަށާނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން ލޯނުތައް މިދިޔަ އަހަރު އިއުލާނު ކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވެފައި އޮތީ ލޯނު ދޫކުރަން ފަށާނީ އޮކްޓޯބަރު، 2024، ގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ލޯނުތައް ދޫކުރާކަށް ނުފަށަ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލޯނު ދޫކުރަން ކަނޑައަޅާ އާ ތާރީހެއް އަނެއްކާ ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"އެކަމަށް [ލޯނަށް] އެދޭ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ވާނީ ހުޅުވާލާފަ. އިރާދަކުރެއްވިއްޔާ މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރުގައި އިފްތިތާހުކުރި ހިޔާވެހި ސްކީމުގެ ދަށުން ދޫކުރާ ލޯނުތައް ބަހާލާފައިވަނީ ތިން ގިންތިއަކަށެވެ. އެއީ:
ހިޔާވެހި ރަށްވެހި (ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ)
ހިޔާވެހި ސަހަރު (އާބަން ސެންޓަރުތަކަށް ހާއްސަ)
ހިޔާވެހި ފުރަމާލެ (މާލެ ސަރަހައްދަށް ހާއްސަ)
މި ލޯނުތައް ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަނުން (އެޗްޑީއެފްސީ)ންނެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
މިއަދުގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖު ކުރި އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.
ނަން އިއްވި ފަހުން ވެސް މެންބަރުން ގެންދިޔައީ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. ދެން އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވީ ވާހަކަ މެދުކަނޑާލުމަށެވެ. އަދި ޖަލްސާ ވެސް މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.
ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ. ޖަލްސާ އަލުން ފެށީ މެންބަރުން ތަޅުމުން ބޭރު ކުރުމަށްފަހެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment