5 ފެބުރުވަރީ 2025 - 10:13 2
ލީވާން އަލީ ނާސިރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:
5 ފެބުރުވަރީ 2025 - 10:13 2
ފަލަސްތީނުގެ ގާޒާ ހިފައި އެމެރިކާގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ގާޒާ ހިފުމަށްފަހު އެމެރިކާއިން އެތަން އަލުން އާބާދުކޮށް، އެތައް ހާސް ވަޒީފާ އުފައްދާނެ ކަމަށެވެ.
"އެމެރިކާއިން ގާޒާ ހިފާނެ. އަހަރުމެންގެ ބެލުމުގެ ދަށަށް މުޅި އެތަން ގެންނާނަން. މިއީ އާދައިގެކޮށް ނަގާވަރުގެ ކަމެއް ނޫން. އެމެރިކާއިން ގާޒާ ހިފައި އެތަން ތަރައްގީކޮށް އެތައް ހާސް ވަޒީފާއެއް އުފެއްދުން ވެގެންދާނީ އާދަޔާ ހިލާފު ކަމަކަށް،" ޓްރަމްޕް ވިދާޅުވި އެވެ.
ހާލުގައި ޖެހިފައި ތިބި ފަލަސްތީނު މީހުންނަށް އެހެން ގައުމުތަކަށް ދިޔުމަށް ފުރުސަތު ދޭނެކަން ފާހަގަކުރައްވާ ޓްރަމްޕް ވިދާޅުވީ ފަލަސްތީނުގެ މީހުންނަށް އެ ގައުމުގައި ފުރިހަމަ މިނިވަންކަމާ އެކު ދިރިއުޅެވޭނެ ކަމަށެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުނ އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވެ، ގަތުލްއާންމަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ވަނީ އައިސްފަ އެވެ. ނަމަވެސް އިޒްރޭލުން ދަނީ އެއްބަސްވުމާ ހިލާފުވެ މަދުން ނަމަވެސް ގާޒާއަށް ހަމަލާތައް ދީ މީހުން މަރަމުންނެވެ.
ހަމަލާތައް ހުއްޓާލި ފަހުން ހަމާސްއިން ރަހީނު ކޮށްފައި ތިބި އިޒްރޭލުގެ ބައެއް މީހުން މިހާތަނަށް ދޫކޮށްލާފައިވާއިރު، އިޒްރޭލުން ރަހީނު ކޮށްފައި ތިބި ބައެއް ފަލަސްތީނު މީހުން ވެސް ވަނީ ދުކޮށްލާފަ އެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 61،700 މީހުން މަރާލައިފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރުވީ 1،139 މީހުންނެވެ.
Comment