29 ޖަނަވަރީ 2025 - 07:03 0
މުހައްމަދު ޝަހްޒާން
ތިނަދޫ ސިޓީގައި ހުންނަ ހައުސިން ޔުނިޓުތައް -- ފޮޓޯ: އަދަދު ފައިލް
29 ޖަނަވަރީ 2025 - 07:03 0
ރާއްޖޭގެ 57 ރަށެއްގައި 12،000 ހައުސިން ޔުނިޓު އަޅައިދޭން ޝައުގުވެރިވާ މީހުން ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކުރީ ހައުސިން މިނިސްޓްރީން އެދިގެން ކަމަށެވެ. ހައުސިން ޔުނިޓުތައް އަޅަން ނިންމާފައި ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ ކެޓެގަރީގެ ދަށުން އަޅަން ނިންމާފައި ވަނީ 50 ހައުސިން ޔުނިޓެވެ. އެ ކެޓެގަރީގެ މަޝްރޫއުތައް ހިންގަން އެދި ހުށަހެޅޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
ދެވަނަ ކެޓެގަރީއަށް ފެތޭ ރަށްރަށުގައި 51 އާއި 150 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާއިރު، މި ކެޓެގަރީގެ މަޝްރޫއުތައް ހިންގަން އެދި ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި އިންޓަނޭޝަލަ ޖޭވީ ކުންފުނިތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
ތިންވަނަ ކެޓެގަރީއަށް ފެތޭ ރަށްރަށުގައި އަޅަން ނިންމާފައި ވަނީ 200 އާއި 250 ހައުސިން ޔުނިޓެވެ. ހަތަރު ވަނަ ކެޓެގެރީއަށް ފެތޭ ރަށްރަށުގައި އަޅަން ނިންމާފައި ވަނީ 300 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ. މި ކެޓެގަރީތަކުގެ މަޝްރޫއުތައް ހިންގަން އެދި ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ވެސް ފިނޭންސް މިނިސްޓްރީން ދީފައިވެ އެވެ.
ހައުސިން ޔުނިޓުތައް އަޅަން ނިންމާފައިވާ ރަށްރަށުގެ ލިސްޓު ފިނޭންސް މިނިސްޓްރީގެ އިއުލާނާއެކު އެއް ކަރުދާސް ކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 12،000 ހައުސިން ޔުނިޓުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ. އެ މަޝްރޫއުގެ ދަށުން އިއުލާނު ކުރާ ކޮންޓްރެކްޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އާއި ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާން ކުރާ ހަމަތަކުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އަދި ޕްރީ ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއަށް ހުޅުވައިލެވޭ ކޮންޓްރެކްޓުތަކަށް ހާއްސަ ޕްރޮކިއުމެންޓް ނޯޓިސްތައް މި އަންނަ ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ޕްރީ ކޮލިފިކޭޝަނަށް ދައުވަތު ދިނުމަށް މެއިލިން ލިސްޓުގައި ހިމެނުމަށް އެދޭ ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ފަރާތްތަކުން tender@finance.gov.mv އަށް މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެ އެވެ.
57 ރަށެއްގައި ހައުސިން ޔުނިޓުތަކެއް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment