9 ޑިސެންބަރު 2025 - 11:43 1
އަމަން ހަލީމް
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާރު ހިއްކަމުން އަންނަ ސަރަހައްދު: ސަރުކާރުން ބުނަނީ އަންނަ މާޗު މަހަށް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް --- ފޮޓޯ: އެޗްޑީސީ
9 ޑިސެންބަރު 2025 - 11:43 1
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ދަތުރުފަތުރުގެ މާސްޓްޕްލޭން ތައްޔާރުކުރާނެ ކޮންސަލްޓަންޓަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ރަސްމާލޭގެ ޓްރާންސްޕޯޓު މާސްޓާޕްލޭންގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީއަށް ކޮންސަލްޓަންޓަކު ހޯދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން ކަމަށެވެ.
ރަސްމާލޭ ޓްރާންސްޕޯޓު މާސްޓާޕްލޭނުގެ މަގުސަދަކީ، ފިނޭންސް މިނިސްޓްރީން ބުނިި ގޮތުގައި، ރަސްމާލެއަށް ފުރިހަމަ ޓްރާންސްޕޯޓު މާސްޓާޕްލޭނެއް އެކުލަވާލުމެވެ.
"މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަން ކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައި ވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން،" ފިނޭންސުގެ އިއުލާނުގައި ބުންޏެވެ.
މީގެ ދެ މަސް ކުރިން ފިނޭންސުން ވަނީ ރަސްމާލޭގެ ޑީޓެއިލްޑް މާސްޓާޕްލޭނެއް ތައްޔާރުކުރާނެ ކޮންސަލްޓަންޓަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ. މި މަސައްކަތް އަދި ބަޔަކާ ހަވާލުކުރި ކަމެއް ނޭނގެ އެވެ.
ފިނޭންސުގެ ވެބްސައިޓުން ދައްކާ ގޮތުގައި މި ކަން ކުރާނެ ބަޔަކު ހޯދަން ކުރި ޓެންްޑަރު އޮތީ "ކްލެރިފިކޭޝަން" މަރުހަލާގަ އެވެ.
ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި، ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. މި ޕްރޮޖެކްޓު އިއުލާނުކުރި ދުވަހު ސަރުކާރުން ބުނީ ރަސްމާލެ ބްރޭންޑު ކުރަނީ ރާއްޖޭގެ ފުރަތަމަ އެކޯ ސިޓީގެ ގޮތުގައި ކަމަށެވެ. މި ރަށް ހިއްކާ ނިމުމުން ވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު ރަށަށެވެ.
ރަސްމާލެއަށް ބިން ހިއްކަން ފެށިތާ ދެ އަހަރު ވާން ގާތްވެފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 215 ހެކްޓަރު ހިއްކާ ނިމިއްޖެ އެވެ. މިއީ މިހާރުގެ ޕްލޭނުގެ ދަށުން ހިއްކާ 1008 ހެކްޓަރުގެ ސަރަހައްދުގެ 21 ޕަސެންޓެވެ.
މިހާރު މި މަސައްކަތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ހަރަކާތްތެރިވަމުން އަންނައިރު، ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ މާޗު މަހަށް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ.
Comment