Advertisement

ތިނަދޫގެ މޭޔަރުގެ މަގާމަށް ވާދަ ކުރަން ސައުދު ނިންމައިފި

28 ނޮވެންބަރު 2025 - 14:13 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތިނަދޫ ސިޓީގެ މޭޔަރު ސައުދު -- ފޮޓޯ: އަދަދު ފައިލް


ތިނަދޫގެ މޭޔަރުގެ މަގާމަށް ވާދަ ކުރަން ސައުދު ނިންމައިފި

28 ނޮވެންބަރު 2025 - 14:13 1

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އެ މަގާމުގައި މިހާރު ހުންނެވި ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ސައުދު ވިދާޅުވީ ތިނަދޫ އެމްޑީޕީ ޕްރައިމަރީގައި އެ ޕާޓީއަށް ނިސްބަތްވާ ވީހާވެސް ގިނަ މެންބަރުން އޭނާއަށް ތާއީދު ކޮށްދޭން އެދޭ ކަމަށެވެ.

"އަޅުގަނޑު އިހްލާސްތެރި ކަމާއެކު ތިނަދޫ ސިޓީގެ އެމްޑީޕީގެ ލޮބުވެތި އެންމެހާ މެންބަރުންގެ އަރިހުން އަޅުގަނޑަށް ތާއީދުކޮށްދެއްވުން އެދެން،" ސައުދު ވިދާޅުވި އެވެ.

ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު މިދިޔަ ޖޫން މަހު ސައުދު ތިން މަހަށް ސަސްޕެންޑު ކުރި އެވެ. ސަސްޕެންޝަނަށްފަހު އޭނާ އަނބުރާ މަސައްކަތަށް ނުކުންނެވީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.

ސައުދު އޭރު ވިދާޅުވީ އޭނާ މަގާމުން ސަސްޕެންޑުކުރީ ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ.

"އަސްލު ހަގީގަތުގަ މިއީ ކައުންސިލް ބަދުނާމުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރަމުންދާ ސިޔާސީ މަސައްކަތެއް. ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ މިހާރު އިދާރީ މަސައްކަތް ކުރާ ތަނެއް ނޫން. އެއީ ސިޔާސީ މަސައްކަތް ކުރާ ތަނެއް،" ސައުދު މީގެކުރިން އަދަދު އަށް ވިދާޅުވި އެވެ.

ސައުދުގެ އިތުރުން އެމްޑީޕީގެ ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ޕްރައިމަރީގައި އިއުލާންކުރައްވާކަން އިއުލާން ކުރެއްވީ އަހުމަދު ނަސީރު އެވެ.