Advertisement

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް ލިބިއްޖެ

ތިނަދޫ ސިޓީގައި ފެންބޮޑުވުން: ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް


ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގެއްލުންތަކެއް ލިބިއްޖެ

ތިނަދޫ ސިޓީއަށް ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު ވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު 8:30 ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެއަށް ފެން ވަދެ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނު ކަމަށާއި މިހާރު ކަރަންޓު ކެނޑުނު ގެތަކަށް އަނބުރާ ކަރަންޓުގެ ހިދުމަތް ވަނީ ދީފައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ތިނަދޫ ސިޓީގައި ފެންބޮޑުވުން: ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް


ތިނަދޫ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ އަދަދާއި ލިބުނު ގެއްލުމުގެ ތަފްސީލްތައް ތިނަދޫ ސިޓީ ކައުންސިލުން ދަނީ އެއްކުރަމުންނެވެ. ގެތަކަށް ލިބިފައިވާ ގެއްލުން 7531718 އަށް ގުޅައިގެން ރިޕޯޓް ކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ތިނަދޫ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެން ޕަމްޕް ބަހައްޓައިގެން އަދި ކޯރު ކަނޑައިގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ފަހުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެހެން ބައެއް ރަށްރަށުގައި ވެސް ފެންބޮޑުވުމާ ގުޅިގެން ގެއްލުންތަކެއް ލިބުނެވެ.