Advertisement

އެއްވުންތަކަށް އެޗްޑީސީއަށް ހުރަހެއް ނޭޅޭނެ، ހުޅުމާލޭ އާންމު ބިންތަކަކީ މާލެ ސިޓީ ކައުންސިލުގެ ބިން: ސައިފް

22 ޖަނަވަރީ 2025 - 19:17 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު -- ފޮޓޯ: ރައީސް އޮފީސް


އެއްވުންތަކަށް އެޗްޑީސީއަށް ހުރަހެއް ނޭޅޭނެ، ހުޅުމާލޭ އާންމު ބިންތަކަކީ މާލެ ސިޓީ ކައުންސިލުގެ ބިން: ސައިފް

22 ޖަނަވަރީ 2025 - 19:17 0

މުޒާހަރާތަކާއި އެއްވުންތަކަށް ހުރަސް އެޅުމުގެ ގާނޫނީ ބާރުވެރިކަމެއް އެޗްޑީސީއަށް ލިބިގެން ނުވާ ކަމަށާއި ހުޅުމާލޭގެ އާންމު ބިންތަކާއި މުނިސިޕަލް ހިދުމަތްތަކުގެ ބެލެނިވެރި ފަރާތަކީ މާލެ ސިޓީ ކައުންސިލް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު، މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ރޭ ހުޅުމާލޭގައި ބާއްވަން އުޅުނު ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން އެންގި އެންގުމަށް އިޝާރާތް ކުރައްވައި ސައިފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ދަންނަ ގޮތުން ހުޅުމާލޭގެ އާންމު ބިންތަކުގެ ބެލެނިވެރި ފަރާތަކީ މާލެ ސިޓީ ކައުންސިލް ކަމަށެވެ.

"މުޒާހަރާތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ ބާރެއް ހަގީގަތުގައި އެޗްޑީސީއަކަށް ނުވެސް ނެތްމެ، ގާނޫނު ދަންނަ ގޮތުން، ހުޅުމާލޭގެ އާންމު ބިންތަކާއި މުނިސިޕަލް ހިދުމަތްތަކުގެ ބެލެނިވެރިފަރާތަކީ މާލެ ސިޓީ ކައުންސިލް،" ސައިފް ވިދާޅުވި އެވެ.

ހުޅުމާލޭގައި ރޭ ބާއްވަން އެމްޑީޕީން މަސައްކަތް ކުރީ މިމަހުގެ 31، ގައި އިދިކޮޅުން މާލޭގައި ބާއްވާ ސިޔާސީ ހަރަކާތައް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ބާއްވަމުންދާ ކަންމަތީ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެކެވެ. ނަމަވެސް އެ ޖަލްސާ ނުބޭއްވޭނެ ކަމަށް ބުނެ އެޗްޑީސީން އެމްޑީޕީއަށް އެންގުމުން ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.

ސައިފް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެޗްޑީސީގެ އެންގުމަށް ތަބާވެ އެމްޑީޕީ ފިތުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އެއާއެކު ސައިފް ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމަށް މަސައްކަތް ނުކުރުމަށް އެޗްޑީސީއަށް ގޮވާލައިފަ އެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދިނުން ހުއްޓައިލަން މާލެ ސިޓީ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވައިލަން،" ސައިފް ވިދާޅުވި އެވެ.

ހުޅުމާލެއަކީ މާލޭގެ އިހުތިސާސްގެ ތެރޭގައި އޮންނަ އަވަށެއް ނަމަވެސް އެތަނުގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ. ނަމަވެސް ގާނޫނު ބުނާ ހަމައިން ބަލާނަމަ، އެ ރަށެއްގެ މުނިސިޕަލް ހިދުމަތްތަކާއި އާންމު ބިންތައް ބަލަހައްޓަން ޖެހޭނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުންނެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގައި އަމަލީ ކުލަ ޖެހިފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން އެންމެފަހުން އެޗްޑީސީން ބުނެފައި ވަނީ ސިޓީ ކައުންސިލުގެ ދަށަށް މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުން ލަސްވަނީ ސިޓީ ކައުންސިލުގެ މާލީ ހާލަތު ހުރިގޮތުން ކަަމަށެވެ.