21 ޖަނަވަރީ 2025 - 10:06 1
ލީވާން އަލީ ނާސިރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް
21 ޖަނަވަރީ 2025 - 10:06 1
އެމެރިކާއިން ގައުމުތަކަށް ދޭ އެހީތައް 90 ދުވަހަށް ހުއްޓާލައި، ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް އެ ގައުމުން ވަކިވެއްޖެ އެވެ.
އެމެރިކާގެ ރައީސްކަމާ ރޭ ހަވާލުވުމަށްފަހު އާ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށް ނެރުނު އަމުރުތަކުގެ ތެރެއިން 90 ދުވަހަށް އެހީ ހުއްޓާލި އަމުރުގައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ގައުމުން އެހެން ގައުމުތަކަށް އެހީވާނީ ހަމައެކަނި އެމެރިކާގެ ފޮރިން ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.
"އެމެރިކާގެ ހާރިޖީއާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ މަސްއޫލިއްޔަތު އަދާ ކުރާ ހުރިހާ ޑިޕާޓްމަންޓްތަކާއި އެޖެންސީތަކުގެ އިސްވެރިންނަށް ތަރައްގީގެ އެހީގެ ފަންޑުތަކަށް ފައިސާ ދޫކުރުން ވަގުތުން މެދުކަނޑާލަން އަންގަން،" ޓްރަމްޕްގެ އަމުރުގައި ވިދާލުވި އެވެ.
ޑަބްލިއުއެޗްއޯއިން ވަކިވާން ޓްރަމްޕް ނެރުނު އަމުރުގައި ވިދާޅުވީ އެ ޖަމިއްޔާއިން ކޮވިޑް-19 އާއި އެހެން ބަލިތައް ފެތުރުން ކޮންޓްރޯލް ކުރަން ފެއިލްވެފައިވާ ކަމަށާއި އެ ޖަމިއްޔާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
"ޑަބްލިއުއެޗްއޯއިން ދަނީ ބޭއިންސާފުން ފައިސާތައް ހޯދަމުން. މިއީ ބޮޑު ނިންމުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓަލްއަށް ޖެނުއަރީ 6، 2021 ގައި ވަދެގަނެ ހަމަނުޖެހުން ހިންގި ޕްރައުޑް ބޯއީސް އާއި އޯތު ކީޕާސް ގޭންގު މެންބަރުންގެ އަދަބު ލުއިކޮށް، އެ ހަމަނުޖެހުމުގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކަށް ޓްރަމްޕް ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މައާފު ދެއްވާފަ އެވެ.
އޭގެ ގާތްގަނޑަކަށް 1500 މީހުންނަށް ފުރިހަމަ އަފޫއާންމެއް ދިނެވެ. އޭގެ ތެރޭގައި ފުލުހުންނަށް ހަމަލާ ދިން މީހުންނާއި ކެޕިޓޯލްގެ މުދަލަށް ގެއްްލުން ދިން އެތައް ސަތޭކަ ބަޔަކު ވެސް ހިމެނެ އެވެ.
ކެމްޕެއިންގައި ޓްރަމްޕް ހައްލުކުރައްވާނެ ކަމަށް ވައުދުވެޑައިގެންނެވި އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް އެމެރިކާގައި ދިރިއުޅޭ ހިޖުރަވެރިންނާއި އެ ގައުމަށް އެތެރެވާން މަސައްކަތްކުރާ ހިޖުރަވެރިންގެ މައްސަލަ އެވެ.
މި ވައުދު ފުއްދަވައި ދެއްވުމުގެ ގޮތުން ކުއްލި ހާލަތު އިއުލާންކޮށް އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރު ދޮށަށް ސިފައިން ފޮނުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ކުރިން ރައީސްއަކަށް ހުންނެވިއިރު, ތައާރަފުކުރެއްވީ "ރިމެއިން އިން މެކްސިކޯ" ސިޔާސަތު އިޔާދަކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"ރިމެއިން އިން މެކްސިކޯ" ސިޔާސަތުގެ ދަށުން, އެމެރިކާގައި ވަޒަންވެރިވާން ބޭނުންވާ ހިޖުރަވެރިންނަށް, އިމިގްރޭޝަން މައްސަލަތަކުގެ އަޑުއެހުންތައް ނިމެންދެން މެކްސިކޯގައި ތިބެން މަޖުބޫރުވާނެ އެވެ.
Comment