19 ޖަނަވަރީ 2025 - 10:47 0
އަމަން ހަލީމް
ކުލި މުއްދަތު 99 އަހަރަށް އިތުރުކުރަން ފައިސާ ދެއްކި ރަށަކާއި ދެ ފަޅު: މި ފޮޓޮއިން ފެންނަ ހުރިހާ ތަނަކީ ވެސް ދުބާއީގެ ދަމަކު ކުންފުނިން ހިއްސާވާ ވީޓާ ހައިޓްސްއިން ކުއްޔަށް ނަގާފައިވާ ތަންތަން -- ފޮޓޯ: ގޫގުލް އާތު/އަދަދު ގްރެފިކްސް
19 ޖަނަވަރީ 2025 - 10:47 0
ޓޫރިޒަމް ގާނޫނު ބަދަލުކޮށް, އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކައިގެން ކުލި މުއްދަތު އިތުރުކުރަން ލިބުނު ފުރުސަތުގެ ދަށުން, ހަތަރު ރިސޯޓެއްގެ ކުލި މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޯގަސްޓު 29، ގައި އަމަލުކުރަން ފެށި "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު" ގެ ދަށުން ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކާއި، ބިންތަކާއި، ފަޅުތައް ދޫކޮށްފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދިނެވެ.
މި ފުރުސަތުގެ ބޭނުންކޮށްގެން ކުލި މުއްދަތު އިތުރުކުރި ރިސޯޓުތަކުގެ ތަފުސީލުތައް ހިއްސާކޮށްދޭން އެދި "އަދަދު" އިން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި ޓޫރިޒަމް މިިނިސްޓްރީން ބުނީ ކުލި މުއްދަތު އިތުރުކުރި ތަންތަނަކީ:
ކުލި މުއްދަތު އިތުރުކުރި ތަންތަނުގެ ތެރެއިން ކެނދިވަރާއި, މާދިއްގަރު ފަޅާއި, ބޮލިދުއްފަރަކީ ދުބާއީގެ ވީޓާ ހައިޓްސް ކުންފުނިން ކުއްޔަށް ނަގާފައިވާ ތަންތަނެވެ. ފުސްފަރު ފަޅަކީ ބޭރުގެ ހިއްސާދާރުންތަކެއް ހިމެނޭ ފުސްފަރު ހޯލްޑިންސް ކުންފުނިން ކުއްޔަށް ނަގާފައިވާ ފަޅެކެވެ.
މި ހުރިހާ ތަނަކީ ވެސް ތަރައްގީކުރުމުގެ މަރުހަލާގައި ހުރި, އަދި ރިސޯޓު ހިންގަން ނުފަށާ ތަންތަނެވެ. މި ތަންތަނުގެ ސެޓެލައިޓް ފޮޓޯތައް ބެލިއިރު, މިހާތަނަށް މަސައްކަތް ކުރިއަށް ގޮސްފައިވާ ހަމައެކަނި ތަނަކީ, ބޮލިދުއްފަރެވެ.
ބޮލިދުއްފަރު ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ބިން ހިއްކަމުން އަންނައިރު, މިތަނުގައި ތަރައްގީކުރާ ރިސޯޓު ހިންގާނީ މެންޑަރިން އޮރިއެންޓަލްއިން ކަމަށް މީގެ ކުރިން ވާނީ ރިޕޯޓުކޮށްފަ އެވެ. މި ރިސޯޓު ވެގެންދާނީ މެންޑަރިން އޮރިއެންޓަލް މަރުކާގައި ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓަށެވެ.
ޓޫރިޒަމް މިނިސްޓްރީން ދިން މައުލޫމާތުން ހިސާބުކުރާއިރު, ކުލި މުއްދަތު އިތުރުކޮށްދީގެން މިހާތަނަށް 20 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިހާރު ދީފައިވާ ހަ މަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނިޔަލަށެވެ.
އެ ތާރީހުގެ ފަހުން 99 އަހަރަށް ކުލި މުއްދަތު އިތުރުކުރަން 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހެ އެވެ. އަދި އަހަރުން އަހަރަށް އިތުރުކުރާނަމަ އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ.
Comment