އެޓްމޯސްފިއާ ކަނިފުށި ---
ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައި ހުރި ތަންތަނުގެ ވަށައިގެން ހުރި ފަޅުތަކާއި، ރަށްތަކާއި، ފިނޮޅުތައް ޓޫރިސްޓު ރިސޯޓުތަކުގެ ފަޅުގެ ސަރަހައްދުގެ ތެރޭގައި ހިމަނައިގެން، ރިސޯޓުތަކުގެ ސަރަހައްދު ބޮޑު ކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.
ޓޫރިޒަމުން ގެޒެޓުކޮށްފައިވާ "ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދު" ގެ ދެ ވަނަ އިސްލާހުގައި ވަނީ އަގެއް ދައްކާފައި، ކުލި ދައްކާ ގޮތަށް، ޓޫރިސްޓު ރިސޯޓުތަކުގެ ސަރަހައްދު ބޮޑު ކުރެވޭނެ ފުރުސަތު ފަހިކޮށްދީފަ އެވެ. އެކަމަކު މިހެން އިތުރުކުރާ އެއްވެސް ތަނެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގެ އެވެ.
މި ފުރުސަތުގެ ދަށުން 250،000 ޑޮލަރަށް ވުރެ މަތިން އިންވެސްޓު ކޮށްފައިވާ ނުވަތަ އިންވެސްޓު ކުރަން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައިވާ ހުރިހާ އިންވެސްޓަރުންނަށް ފަޅުގެ ސަރަހައްދު ބޮޑުކުރަން ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.
ރިސޯޓުތަކުގެ ސަރަހައްދުގެ ތެރޭގައި ހިމެނެނީ، އެ ތަނެއްގެ ފަޅުގެ ނުވަތަ ރަށުގެ ސަރަހައްދުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1000 މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ހިމެނޭ 50 ހެކްޓަރަށް ވުރެ ބޮޑު ނޫން ފަޅު ނުވަތަ ރަށް ނުވަތަ ފިނޮޅުތަކެވެ. މި ތަންތަނަށް އެކުއިޒިޝަން ފީ ނަގަނީ އެ ތަނެއްގެ ކުޑަބޮޑު މިނަށް ބަލާފަ އެވެ.
ޓޫރިސްޓު ރިސޯޓުތަކުގެ މާނައިގެ ތެރޭގައި ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިސޯޓުތަކުގެ އިތުރުން ހޮޓާތަކާއި ޔޮޓް މެރީނާތައް ވެސް ހިމެނެ އެވެ. މިހެން ކަމުން މި ގޮތަށް އެއްބަސްވުންތައް ހަދާފައި ހުރި ހުރިހާ ޑިވެލޮޕްމަންޓުތަކާއި ތަރައްގީކުރަމުން އަންނަ ތަންތަނަށް ވެސް ސަރަހައްދު ބޮޑުކުރަން ހުށަހެޅެ އެވެ.
ޓޫރިސްޓު ރިސޯޓުތަކުގެ ސަރަހައްދުގެ މިހާރު އޮންނަނީ ހިކިފަސް ބިމުން ފެށިގެން 500 މީޓަރާ ހަމައަށެވެ. މި ސަރަހައްދު 1000 މީޓަރާ ހަމައަށް އިތުރުކުރެވެނީ އެއް ލައްކަ ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.
Comment