2 ޑިސެންބަރު 2025 - 11:21 1
އަމަން ހަލީމް
ނަލަ މޯލްޑިވްސްގެ ބީޗު ވިލާތަކެއް: މިއީ ޗަމްޕާއިން ރާއްޖޭގައި ހުޅުވި 11 ވަނަ ރިސޯޓު --- ފޮޓޯ: ކްރައުން އެންޑް ޗަމްޕާ
2 ޑިސެންބަރު 2025 - 11:21 1
ރާއްޖޭގައި އޮތް އެންމެ ބޮޑު ޓޫރިޒަމް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ޅ. އިންނަހުރާގައި ހިންގަމުން އައި ރިސޯޓު ފަސް ތަރީގެ ފެންވަރަށް އަލުން ތަރައްގީކުރުމަށް ފަހު ނަލަ މޯލްޑިވްސްގެ ނަމުގައި އިއްޔެ ހުޅުވައިފި އެވެ.
ނަލަ މޯލްޑިވްސް ހިންގަނީ އެ ރިސޯޓު ކައިރީގައި އޮންނަ ޖާވާކަރައިގެ ސިސްޓާ ޕްރޮޕަޓީއެއްގެ ގޮތުގައި، 12 އަހަރުން މަތީގެ މީހުންނަށް އާދެވޭ "އެޑަލްޓްސް އޮންލީ" ރިސޯޓެއްގެ ގޮތުގަ އެވެ.
ކްރައުން ކުންފުނިން މި ރިސޯޓަށް ގެނައި އެންމެ ބޮޑު ބަދަލުތަކުގެ ތެރޭގައި، މޫދު ކޮޓަރިތައް ތަރައްގީކުރުން ހިމެނެ އެވެ. އިންނަހުރާ ހުޅުވިއިރު، އެ ތަނުގައި އެއްވެސް މޫދު ކޮޓަރިއެއް ނުހުރެ އެވެ.
ސީޕްލޭންގައި 35 މިނިޓުން ދެވޭ މި ރިސޯޓު މާކެޓުކުރަމުން އަންނަނީ "ސަސްޓެއިނަބިލިޓީ ވިތު ލަގްޒަރީ" ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ އެންޓްރީ ލެވަލްގެ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގަ އެވެ. ނަލަ މޯލްޑިވްސްގެ ފެކްޓު ޝީޓުގައިވާ ގޮތުގައި އެ ރިސޯޓުގައި ހުންނަ ސަންރައިސް ބީޗު ވިލާތަކާއި ސަންސެޓު ބީޗު ޕޫލް ވިލާތަކަށް ކަރަންޓު ދެނީ ސޯލާ ހަކަތަ ބޭނުންކޮށްގެންނެވެ.
ނަލަ މޯލްޑިވްސްގައި ހުންނަ ކޮޓަރިތައް
ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހުންނަ މި ރިސޯޓުގައި ހަތް އެފްއެންބީ އައުޓްލެޓު ހުރެ އެވެ. މި ރިސޯޓަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ޖާވާކަރައިގައި ހުންނަ ރެސްޓޯރުންޓުތަކާއި އެހެނިހެން ފެސިލިޓީތައް ވެސް ބޭނުންކުރެ ވެ އެވެ.
ކްރައުން އެންޑް ޗަމްޕާއިން އަންނަނީ، ނަލަ މޯލްޑިވްސް ހިމަނައިގެން، 11 ރިސޯޓެއް ރާއްޖޭގައި ހިންގަމުންނެވެ. އެއީ އެ ކުންފުނީގެ ލަގްޒަރީ ކަލެކްޝަނުގައި ހިމެނޭ ނަލަ މޯލްޑިވްސް، ޖާވާކަރަ، ކުޑަދޫ ޕްރައިވެޓު އައިލެންޑް، ކަގި މޯލްޑިވްސް، ހުރަވަޅި މޯލްޑިވްސް، އަދި ވެލިގަނޑާއި، "އޮލް-އިން-ވަން" ކަލެކްޝަނުގައި ހިމެނޭ މީރު މޯލްޑިވްސް، ވިލަމެންދޫ، ކުރެއްދޫ އަދި ބުޓީކު ރިސޯޓެއްގެ ގޮތުގައި ހިންގާ ކޮމަންޑޫ މޯލްޑިވްސް އެވެ.
Comment