17 ޖަނަވަރީ 2025 - 11:18 2
ލީވާން އަލީ ނާސިރު
ތިނަދޫ ގޮނޑުދޮށަށް ކުނި އަޅާފައި: އެ ކުނިތައް ނަގަން އީޕީއޭ އިން ވަނީ އަންގާފައި -- ފޮޓޯ؛ ތިނަދޫ ކައުންސިލް
17 ޖަނަވަރީ 2025 - 11:18 2
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ގދ. ތިނަދޫ ގޮނޑުދޮށަށް އެޅި ކުނިތައް ނަގަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ތިނަދޫ ގޮނޑުދޮށަށް އުކާލައިފައި ވަނީ ކޮންސްޓްރަަކްޝަން ކުންޏެވެ.
އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީމް "އަދަދު" އަށް ވިދާޅުވީ ތިނަދޫ ގޮނޑުދޮށަށް ކުނި އެޅި ކުންފުންޏަށް އެ ކުނިތައް ނަގައި ސާފު ކުރުމަށް ހަފްތާ ބަންދުގެ ކުރިން އަންގާފައިވާ ކަމަށެވެ.
ސްވިފްޓް އިންޖިނިއަރިން އިން އެ ކުނިތައް އެޅީ ކައުންސިލުގެ ހުއްދައާ އެކު ކަމަށް ބުނި ނަމަވެސް، މިހާތަނަށް ކައުންސިލުން އެކަމަށް ހުއްދަ ދިން ކަމުގެ އެއްވެސް ލިޔުމެއް ދެއްކިފައި ނުވާ ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ތިނަދޫގެ އުތުރު ފަރާތު ގޮނޑުދޮދަށް ސްވިފްޓް އިންޖިނިއަރިން އިން ކުނިތައް އެޅީ ކައުންސިލުގެ ހުއްދަ ނެތި ކަމަށެވެ. އެގޮތުން އެ ކުނިތައް ނަގައި ސާފު ކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ވެސް ސްވިފްޓް އިންޖިނިއަރިން އިން އެ ކުނިތައް ނަގައި ސާފު ކޮށްފައި ނުވާއިރު، އެ ކުންފުނިން ބުނަމުންދަނީ ކައުންސިލުން އަނގަބަހުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.
ނަމަވެސް ކައުންސިލުން އެފަދަ އެއްވެސް ހުއްދައެއް ސްވިފްޓް ކުންފުންޏަށް ދީފައި ނުވާ ކަމަށް ބުންޏެވެ.
ގަވާއިދާ ހިލާފަށް ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އަޅާނަމަ، ކުނި އަޅާ ތަނެއް ނުވަތަ މީހެއް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އީޕީއޭއަށް ލިބިގެންވެ އެވެ.
މިގޮތުން ނައީމު ވިދާޅުވީ ކުނި ނަގައި ސާފު ނުކުރާނަމަ އީޕީއޭ އިން ސްވިފްޓް އިންޖިނިއަރިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެކި ކުންފުނިތަކުން ދޭތެރެ ދޭތެރެއިން ރަށު ތެރެއަށް ކުނި އަޅާ މައްސަލަ ފެންމަތިވެ އެވެ. މިގޮތުން ބައެއް ފަހަރު މައްސަލަ ފެންމަތިވުމުން އެ ކުންފުނިތަކުން ކުނިތައް ނަގައި ސާފު ކުރެ އެވެ. އަދި ބައެއްފަހަރު ކުނިތައް ސާފު ނުކުރުމުން އީޕީއޭއިން ފިޔަވަޅު ވެސް އަޅަ އެވެ.
Comment