Advertisement

ބިލިއަނުން ބަޖެޓު އިތުރުވަނީ ރައްޔިތުން އަގުބޮޑު ކަންކަމަށް އެދ މުއިއްޒު ކައިރި ކިޔާތީ ކަމަށް ސައުދުﷲ ވިދާޅުވެއްޖެ

12 ނޮވެންބަރު 2025 - 10:37 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މެންބަރު ސައުދުﷲ އަދި ރައީސް މުއިއްޒު ----


ބިލިއަނުން ބަޖެޓު އިތުރުވަނީ ރައްޔިތުން އަގުބޮޑު ކަންކަމަށް އެދ މުއިއްޒު ކައިރި ކިޔާތީ ކަމަށް ސައުދުﷲ ވިދާޅުވެއްޖެ

12 ނޮވެންބަރު 2025 - 10:37 2

އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ބަޖެޓު ބިލިއަނުން ބޮޑުވަނީ ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި ރައްޔިތުން އަގު ބޮޑު ތަރައްގީގެ މަޝްރޫއުތަކަށް އެދޭތީ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ 80 ގެ އަހަރުތަކުގައި ރާއްޖޭގެ ބަޖެޓު މިލިއަނުން ގުނާލެވޭ ކަމަށާއި މިހާރު އެ އަދަދު އެތައް ބިލިއަނަކަށް އަރައިގެންދާ ސަބަބަކީ ރައްޔިތުންގެ ބޭނުންވާ ކަންކަން ބަދަލުވުން ކަމަށެވެ.

މިސާލު ޖައްސަވައި ސައުދުﷲ ވިދާޅުވީ، އޭރު ރައްޔިތުން ވެރިން ކައިރި އެދެނީ މިސްކިތުގަ ބައްތި ދިއްލާނެ ތެޔޮ ފޮދަކާއި މިސްކިތަށް ކުނަލަކާއި މިސްކިތުގެ ވަޅަށް ދާންޏެއް ހޯދަން ކަމަށެވެ.

"މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވީމަ ރައްޔިތުން ދަންނަވަނީ އެއާޕޯޓާއި ބަނދަރު ހެދުމާއި މަގު ހެދުމާއި އަދި އެ ނޫން ވެސް އުމްރާނީ ތަރައްގީއެއްގެ ވާހަކަ. ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ހިޔާލު މިވަނީ ވަރަށް ބޮޑަށް މުއްސަނދި ވެފަ،" ސައުދުﷲ ވިދާޅުވި އެވެ.

ވެރިކަމަށް ދެ އަހަރު ނުވަނީސް މުއިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފި ކަމަށާއި ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަވާ އެއް ކަމަކީ. މި ބަޖެޓު ތައްޔާރުކުރުމުގައި ވަރަށް ބޮޑު ހިއްސާއެއް ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ ރައްޔިތުންނާ ބައްދަލުކޮށް ރަށްތަކަށް ޒިޔާރަތްކުރައްވައިގެން އެ ރައްޔިތުންގެ ހުރި އުދާސްތަކާއި ކަންބޮޑުވުންތަކަށް ބައްލަވައިގެން ބަޖެޓު ތައްޔާރުކޮށްފައި އޮންނާނެކަން،" ސައުދުﷲ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުން އެދޭ ކޮންމެ ކަމެއް ކޮށްދޭން ކަމަށާއި ދައުލަތަށް މަޖުބޫރުވާ ކަމަށް ވިދާޅުވެ ސައުދުﷲ ވަނީ ރާއްޖެއަށް ލިބޭ އާމްދަނީ އާއި އެއްގޮތަށް ކަންކަން ކުރަން ބަޖެޓު ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން ދައުލަތުން ދޭ ސަބްސިޑީ އާއި އެހެނިހެން އެހީތައް އަދި ތަރައްގީގެ މަޝްރޫއުތައް ވެސް އެންމެ ބޭނުން ފަރާތްތަކަށް އިސްކަން ދީގެން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރު ވިދާޅުވި އެވެ.

ދައުލަތުން ހަރަދު ކުރަންވާނީ ލިބޭ އާމްދަނީ އާއި ބައްދަލުވާ ގޮތެއްގައި ކަން ސިޔާސީން ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ވެސް ސައުދުﷲ މިއަދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ހަރަދުކުރަނީ ރިކަރަންޓު ހަރަދުތަކަށެވެ. އެއީ 39.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ސައުދުﷲ އެ ވިދާޅުވި، ރައްޔިތުން އެދޭ އަގުބޮޑު ތަރައްގީގެ މަޝްރޫއުތަކަށް ހިމަނާފައިވަނީ އެންމެ 8.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ވެސް ޕީއެސްއައިޕީއަށް 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހެޅި އެވެ. ނަމަވެސް މި ބަޖެޓުން ކުރަމުންދާ ހަރަދު ފިނޭންސުގެ ރިޕޯޓުތަކުން ފެނުމުގެ އިތުރަށް، އެ ބަޖެޓު ބޭނުންކުރާ ގޮތެއް ނޭނގެ އެވެ.