11 ޖަނަވަރީ 2025 - 11:13 1
ލީވާން އަލީ ނާސިރު
ހުޅުމާލެ ފޭސް 2 ގެ ޓްރާންސްފޯމަރުތަކަށް ގެއްލުން ދިނުން -- ފޮޓޯ: ސްޓެލްކޯ
11 ޖަނަވަރީ 2025 - 11:13 1
ހުޅުމާލެ ފޭސް 2 ގައި ހުރި ހައި ވޮލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ރޭ ގެއްލުން ދީފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޓްރާންސްފޯމަރުތަކަށް ގެއްލުންދިނުމުގެ ސަބަބުން ކަރަންޓު ނެޓްވޯކަށް ހުރަސްތަކެއް ދިމާވެފައިވާ ކަމަށެވެ.
ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ތަނުގައި ހުރީ ވަށާފާރު ރާނައިފަ އެވެ. އަދި ޓްރާންސްފޯމަރުތަކުގެ ގޭޓުތަކުގައި ޑަބަލް ލޮކް ހަރުކޮށްފައި ހުރި ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރުތަކަށް ގެއްލުން ދިނީ އެ ތަޅުތައް ހަލާކު ކޮށްލައިގެން އެތެރެއަށް ވަދެ އެވެ. އަދި ޓްރާންސްފޯމަރުތަކުގެ އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރުމުން، ގެއްލުން ދިނުމުގައި ބައިވެރިވި ބަޔަކީ އެފަދަ ތަކެއްޗާ ކުޅެން އެނގޭ ބައެއް ކަމަށް ބެލެވޭ ކަމުގައި ފަހުމީ ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ފޭސް 2 ގެ ޓްރާންސްފޯމަރުތަކަށް ގެއްލުން ދިނުން -- ފޮޓޯ: ސްޓެލްކޯ
އެޗްވީ ޓްރާންސްފޯމަރުތަކަށް ވަދެ ގެއްލުންދިނުމަކީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި، އަދި ބައެއް ފަހަރު ފުރާނަ ވެސް ގެއްލިގެން ގޮސްދާނެ ކަމެއް މެދުވެރިވެދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
މިދިޔަ އަހަރު ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ވަދެ ގެއްލުން ދޭން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެފައިވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން ގާއިމު ކޮށްފައި ހުންނަ 132 ކިލޯ ވޯލްޓޭޖުގެ ސަބްސްޓޭޝަން ގްރޭޓާ މާލެ އިންޓަ ކަނެކްޝަން ގްރިޑާ ސްޓެލްކޯއިން ގުޅާލީ އިއްޔެ އެވެ.
Comment