2 ޖަނަވަރީ 2025 - 11:29 4
ލީވާން އަލީ ނާސިރު
މަރުވި ނޭޕާލް އަންހެން މީހާ: އޭނާ މަރުވީ މިދިޔަ ޑިސެމްބަރު 9، ގައި
2 ޖަނަވަރީ 2025 - 11:29 4
ރާއްޖޭގައި މަރުވި ނޭޕާލްއަށް ނިސްބަތްވާ ކަންޗަން ޑަންގަލް، 25، ގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތިގެން މޯޗަރީގައި އޮންނަތާ 24 ދުވަސް ވެއްޖެ އެވެ.
ފުލުހުން ބުނީ ކަންޗަންގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތުމުން، އޭނާގެ ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތެއް ނޭޕާލް އެމްބަސީއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އަދަދު" އަށް ކަންޗަންގެ މަރު ފޯމް ވަނީ ލިބިފަ އެވެ. އެ މަރު ފޯމުން އެނގޭ ގޮތުގައި އޭނާ މަރުވީ މިދިޔަ ޑިސެމްބަރު 9، ގަ އެވެ.
އަދި ކަންޗަން މަރުވިއިރު އިނީ ބަލިވެކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ. މަރުވުމުގެ ކުރީ ދުވަހު ވެސް އޭނާގެ ޓިކްޓޮކް އެކައުންޓަށް ފޮޓޯއެއް ލާފައިވެ އެވެ.
އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އީއާރަށް ގެނައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ކަމަށާއި ހޮސްޕިޓަލަށް ގެނައި މަގުމަތީގައި ހަބަރު ހުސްވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މެޑިކޯ ލީގަލް ރިޕޯޓުން ކަންޗަން މަރުވި ސަބަބު އެނގިފައި ނުވާއިރު، އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
ނަމަވެސް އޭނާއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަންޗަންގެ ހަށިގަނޑާ ސްޕޮންސަރުގެ ފަރާތުން ހަވާލުވެފައި ނުވާތީ، އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންދިޔައީ ފުލުހުންގެ ހަވާލުގަ އެވެ.
އޭނާގެ ކުއްލި މަރުގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެ މަރުގައި ޝައްކު އުފެދޭ ކަންކަން ހުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
Comment