3 އޮކްޓޯބަރު 2025 - 09:58 5
މަހްފޫޒް ސައީދު
ނޭޕާލްގައި ކުރި މުޒާހަރާގެ ބައެއް މަންޒަރުތައް އެއްކޮށްލާފައި.
3 އޮކްޓޯބަރު 2025 - 09:58 5
ނޭޕާލުގެ ސަރުކާރު ވައްޓާލަން ޒުވާނުން މަގުމައްޗަށް ނުކުތުމަކީ އެއް ދުވަހުން އައި ހިޔާލެއްގެ މައްޗަށް ނިންމި ކުއްލި ނިންމުމެއް ނޫނެވެ. އެއީ އެތައް ދުވަހެއް ވަންދެން ނޭޕާލުގެ ރައްޔިތުން ތަޖުރިބާ ކުރަމުން ދިޔަ ބޭއިންސާފާއި، ސިޔާސީންގެ ކޮރަޕްޝަން އިންތިހާއަށް ދިއުމުން އެކަމަށް ނިމުން ގެނައުމަށް ރައްޔިތުން ހިޔާރުކުރި މަގެވެ. އެއީ ސޯޝަލްމީޑިއާ ހުއްޓުވުމުން ނިކުތް ނަތީޖާއެއް ކަމަށް ލޭބަލް ކުރުމަކީ އެ މުޅި ހަރަކާތަށް ރައްދުކުރެވޭ ހުތުރެކެވެ.
ނޭޕާލުގެ ރަސްކަން އުވާލައި، އިންތިހާބީ ވެރިކަމަކަށް މިސްރާބު ޖެހީ 2008 ވަނަ އަހަރު އެވެ. ރާއްޖެއަށް ވެސް ޑިމޮކްރެސީ ތައާރަފު ކުރެވުނު އަހަރު އެވެ. ރާއްޖޭގެ ރައްޔިތުންނެކޭ އެއްފަދައިން ނޭޕާލުގެ ރައްޔިތުން ވެސް ދެކިގެން ތިބީ އެހައި ހިސާބުން ދެން ހުރިހައި ކަމެއް ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ރައްޔިތުންގެ އަގުލަބިއްޔަތުން ސަރުކާރު އިންތިހާބު ކުރީމާ ކަންކަން ވެގެންދާނީ ވެސް އެހެންނެވެ. އެންމެންގެ ހައްގުތަކަށް ރައްކާތެރިވުމާއެކު، ރައްޔިތުންގެ އަގުލަބިއްޔަތު އެދޭ ގޮތަށެވެ. ޑިމޮކްރެސީގެ އަސާސީ ވިސްނުމަކީ ވެސް އެއީ އެވެ. އެހެންނަމަވެސް ނޭޕާލުގައި ވެސް އަދި ރާއްޖޭގައި ވެސް ރައްޔިތުންނަށް ނުކުރެވުނު ކަމަކީ ފާރަވެރިވުމުގެ ޒިންމާ އަދާކުރުމެވެ.
ނޭޕާލުގައި ދިޔައީ ސަރުކާރަކަށް ފަހު ސަރުކާރެއް ބަދަލުވަމުންނެވެ. ސަރުކާރު ހިންގާން އަންނަ ކޮންމެ ބަޔަކު މަހުޖަނުންނަށް ވެގެން، ދައުރު ހަމަކޮށް، ނުވަތަ ދައުރު ފުރިހަމަ ނުކޮށް ސަރުކާރާ ފެއަށް ޖެހޭއިރު ގައުމު އޮންނަނީ އެތައް ތަނަކުން ފަހަތަށް ގޮސްފަ އެވެ. ރައްޔިތުންގެ ފަރާތުން އެއްވެސް ކަމެއްގައި މާބޮޑު ދެކޮޅު ހެދުމެއް ނުފެންނާތީ ވައްކަމާއި ފަސާދައިގައި ސިޔާސީންގެ ހިތްވަރު ދިޔައީ އެތައް ގުނައަކުން އިތުރުވަމުންނެވެ. ރައްޔިތުންގެ އެންމެ އަސާސީ ޒަރޫރަތުތައް ކިރިޔާ ފުއްދޭ މިންވަރުކޮށްދެވުނީމާ އެއޮތީ ސަރުކާރު ހިންގިފަ އެވެ.
މި ސަގާފަތާ ދެކޮޅު ހަދަން ނުކުތީ ނޫސްވެރިންނެވެ. ގައުމީ މަސްލަހަތުގައި މަސައްކަތް ކުރާން އެއްބަސްވި ނޫސްވެރިންތަކެއް ކުރިއަށް ޖެހިލައި ސިއްރުވެރި އެއްބަސްވުމެއް އެކުލަވާލި އެވެ. ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކަށް ފާރަވެރިވުމާއެކު އެހުރިހައި ކަމެއް ފަޅައިއަރުވަމުން ގެންދިއުމެވެ. ބައެއް މީޑިއާތަކުން ވަނދު ގޮތަކަށް އެ ހަބަރުތައް ގެނެސްދޭއިރު ހަބަރުތަކުގެ ބޮޑުބައި ތިލަކުރަމުން ގެންދިޔައީ ސޯޝަލްމީޑިއާއަށެވެ.
ސިޔާސީންނާއި އެބައިމީހުންގެ ދަރީންގެ މުއްސަނދި ދިރިއުޅުމުގެ ހަފަރާތް ސޯޝަލްމީޑިއާއަށް ތިލަކޮށް، އެއީ ސޯޝަލް މީޑިއާގެ މައިގަނޑު ބަހުސަކަށް ހެދުމުގެ އަޑީގައި ތިބީ ނޫސްވެރިންނެވެ. ބޫޓާނުން ނޭޕާލަށް ހިޖުރަކުރި ލައްކައެއްހައި މީހުން ވަޒަންވެރިކުރުވުމަށް ހިންގުނު މަޝްރޫއުގައި 2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވިކަން ފަޅާއަރުވައިލީ ނޫސްވެރިންނެވެ. ސަރުކާރުގެ ބިންތައް އަމިއްލަ މީސްމީހުންގެ ނަމަށް ބަދަލުކޮށްފައި ހުރިކަން ފަޅާއަރުވައިލި މަޝްހޫރު 'ބަލުވޯޓަރ ލޭންޑްގްރޭބް' ތަހުގީގުކޮށް ހާމަކުރީ ނޫސްވެރިންނެވެ. ނޭޕާލް އޮއިލް ކޯޕަރޭޝަނާއި، ސަރުކާރުގެ އެހެން ކުންފުނިތަކުގެ ރިޕޯޓުތަކުގައި ހުރި އެތައް މައްސަލައެއް ފާހަގަކޮށް ތިލަކޮށްދިނީ ވެސް ނޫސްވެރިންނެވެ.
މިއިން ކޮންމެ މައްސަލައަކާއެކު ސަރުކާރާމެދު އާންމުން ނުރުހޭ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުންނާއި ބައެއް އަމިއްލަ ޖަމާއަތްތަކުން އިންތިޒާމުކޮށްގެން ބޭއްވި ގިނަ މުޒާހަރާތައް ސަރުކާރުން ގެންދިޔައީ ހުއްޓުވަމުންނެވެ. ބައެއް ފަހަރު ބާރުގެ ބޭނުންކޮށްގެންނެވެ. ބައެއް ފަހަރު އެ މުޒާހަރާތައް އިންތިޒާމުކުރާ މީހުންނަށް ފައިސާ ދީގެންނެވެ.
ނަތީޖާއަކަށްވީ ސަރުކާރާމެދު ކިތަންމެ ބަޔަކު ނުރުހުންވެފައި ތިއްބަސް، އެކަން އަމަލުން ދައްކާނެ ހިތްވަރު މަޑުމަޑުން ނެތެމުން ދިއުމެވެ. އެކަން ވެގެން ދިޔައީ ސަރުކާރުގެ ކެރުމާއި އަނިޔާވެރިކަން އެތައް ތަނަކުން އިތުރުވެގެން ދިޔަ ކަމަކަށެވެ. ރުޅި އައިސްފައި ތިބި ރައްޔިތުން އެ މީހުންގެ ޝުއޫރުތައް ފާޅުކުރަމުން ގެންދިޔައީ ސޯޝަލްމީޑިއާގަ އެވެ. އެއީވެސް އެހައި ބޮޑަށް އިންތިޒާމުވެގެން ހިންގަމުން ދިޔަ ހަރަކާތެއް ނޫނެވެ. އެހެންނަމަވެސް މިހާރު ސަރުކާރުގެ ސާބިތުކަމާމެދު އޮތް ޔަގީންކަމުގެ ސަބަބުން ސަރުކާރުން ނިންމީ އެކަމަށް ވެސް ހުރަސް އެޅުމަށެވެ.
މިއީ ހުރިހައި ގޯސްތަކުގެ މައްޗަށް ނޭޕާލު ސަރުކާރުން ހެދި ގޯހެކެވެ. ހިޔާލެއް ފައުޅުކުރުމަށް އޮތް ހަމައެކަނި ދޮރު ބަންދުކޮށްލުމުން ހުރިހައި ޒުވާނުން މަގުތަކަށް ނުކުތީ އެއްވެސް އިންތިޒާމެއް ނެތި އެވެ. ކުރިއަށް ޖެހިލައި ގޮތް ބުނެދޭ މީހާއަކީ ޖަޑިބުކަމަށް ބަލައިގެން މުޒާހަރާތައް ކުރިއަށް ގެންދާން ފެށީ އެވެ. މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ބާރުގެ ބޭނުންކުރި ވަރަކަށް މުޒާހަރާތައް ވީ ވަރުގަދަ އެވެ. ދެން ވީ ގޮތް އެއޮތީ ފެންނާށެވެ. ލާރިކާލައިގެން ވަދެ ބަނޑުދަމާލަން އޮތް ސިޔާސީންގެ ގެދޮރަށް ވަދެ އެވެރިން މަގުމައްޗަށް ނެރެ އުކާލި އެވެ. ސަރުކާރު ވެރިންގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ އެ ސަރުކާރުގެ އިސްތިއުފާ އަވަސް ވުމުންނެވެ.
ނޭޕާލުގެ ސިޔާސީ މަންޒަރު ބަދަލުވުމުގައި ނިއުޅެމުން ދިޔަ ހުރިހައި މަންޒަރުތަކަކީ ނޫސްވެރިން އެތައް ޒަމާނެއް ވަންދެން ކުޅަ ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އެއީ ނޫސްވެރިކަމުގެ ސަބަބުން ސަރުކާރުތައް ބަދަލުވެގެން ދާގޮތުގެ މިސާލެކެވެ. އެ ނޫސްވެރިން އަދާކުރީ ނޫސްވެރިންގެ ޒިންމާ އެވެ. ސަރުކާރުގެ ކޮރަޕްޝަނަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުތަކާމެދު ރައްޔިތުން ހޭލުންތެރިކުރަމުން ގެންދިއުމުގެ ނަތީޖާއަކަށްވީ ބާރުދަގަ ވެރިކަމެއް ނިމުމަކަށް ގެނެސް، ރައްޔިތުންގެ ބާރުތައް އަލުން ރައްޔިތުންނަށް ރުޖޫއަވުމެވެ.
Comment