Advertisement

ޕާޓީ އުފެއްދިތާ ތިން އަހަރު ފަހުން ނޭޕާލްގެ އިންތިހާބު ކާމިޔާބުކޮށް ބަލެންދުރަ ޝާހު ބޮޑުވަޒީރަކަށް

about 2 hours 0


ޕާޓީ އުފެއްދިތާ ތިން އަހަރު ފަހުން ނޭޕާލްގެ އިންތިހާބު ކާމިޔާބުކޮށް ބަލެންދުރަ ޝާހު ބޮޑުވަޒީރަކަށް

about 2 hours 0

ނޭޕާލުގައި ބޭއްވި އާންމު އިންތިހާބު، އުފެދުނުތާ އެންމެ ތިން އަހަރުވީ އާ ޕާޓީއަކުން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފި އެވެ.

މި ކާމިޔާބީއާއެކު، ކުރިން ރެޕް މިއުޒިކުގައި މަޝްހޫރު ފަންނާނު ބަލެންދުރަ ޝާހި ނޭޕާލުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އޭނާއަށް މި ފުރުސަތު ލިބިގެންދިޔައީ އެ ގައުމުގެ ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ރައްޔިތުން ދިން ވަރުގަދަ މެންޑޭޓަކާ އެކުގަ އެވެ.

މާޗު ފަހެއްގައި ބޭއްވި މި އިންތިހާބަކީ، ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހު "ޖެން-ޒީ" ނުވަތަ ޒުވާނުން ކުރި މުޒާހަރާތަކަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. އެ މުޒާހަރާތަކުގައި 77 މީހުން މަރުވެ، އޭރު އޮތް ސަރުކާރު ވަނީ ވެއްޓިފަ އެވެ.

ނޭޕާލުގެ އިލެކްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ބަލެންދުރަ ޝާހުގެ ރާސްތުރިޔާ ސުވަތަންތުރަ ޕާޓީ (އާރުއެސްޕީ) އިން ވަނީ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި އެއް ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

ނޭޕާލުގެ ކަތަމަންޑޫގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ޝާހު އަކީ ސިޔާސީ ނިޒާމަށް ފާޑުކިޔައި އޭނާ އުފައްދާފައިވާރެޕް ލަވަތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލީޑަރެކެވެ.

އޭނާގެ ޕާޓީން ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ވަޒީފާގެ ފުރުސަތުތައް އުފައްދައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ގައުމުގެ އިގްތިސާދު ދެ ގުނައަށް ކުރިއަރުވާނެ ކަމަށް ވައުދުވެފަ އެވެ.

މި އިންތިހާބުގައި ނޭޕާލުގެ އެންމެ ދުވަސްވީ ޕާޓީތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. ނޭޕާލީ ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 38 ގޮނޑިއެވެ. އަދި ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީގެ ކޮމިއުނިސްޓު ޕާޓީއަށް ލިބުނީ އެންމެ 25 ގޮނޑިއެވެ.