4 ޑިސެންބަރު 2024 - 14:19 1
ލީވާން އަލީ ނާސިރު
ލޯންޗެއްގެ ބޭރު ތޮށިގަނޑު ހަ އަހަރު ފަހުން ވެރި މީހާއާ ހަވާލުކުރަން އަމުރު ކުރުން
4 ޑިސެންބަރު 2024 - 14:19 1
ލޯންޗެއް މަރަމާތު ކުރަން ހަވާލު ކުރުމުން އެ ލޯންޗު ވެރި ފަރާތާ ހަވާލު ނުކުރުމުން، އެ ލޯންޗު އަނބުރައި ހޯދައި ދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލު ނަގައިދޭން ދައުވާ ކުރުމުން، އެ ލޯންޗު ހަތް ދުވަސް ތެރޭގައި ވެރިފަރާތާ ހަވާލު ކުރަން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ޝާޝާ ވޯޓާވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ "އެލެކްސް-1" ނަމަކަށް ކިޔާ އެ ލޯންޗުގެ އިންޖީނު ހަލާކުވެގެން މަރާމާތު ކުރަން ދަރަވަންދޫއަށް ޑިސެމްބަރު، 28، 2014، ގައި އެހެލައި ހަވާލު ކުރީ ބ. ދަރަވަންދޫ، އަނާ، މުހައްމަދު ބަޝީރުއާ އެވެ.
އެގޮތުން އެ ލޯންޗު ބަޝީރުއާ އާއިލީ ގޮތުން ގުޅުން އޮންނަ ބ. ދަރަވަންދޫ، ދިރިމާގޭ މުހައްމަދު އިދުރީސް ގެ ގޯއްޗަކަށް އެހެލުމަށްފަހު ވެރިފަރާތަށް އަނބުރާ ރައްދު ނުކުރާތީ ޝާޝާ ވޯޓާވޯލްޑުން ދައުވާ ކުރީ އެ ދެ މީހުންގެ އިތުރުން ކަޅިހި ކާޕެންޓްރީގެ މައްޗަށެވެ.
ފަނޑިޔާރު މަރްޔަމް ރަސާ ރާފިއު އިއްވެވި ހުކުމުގައި މައްސަލައާ ގުޅިގެން ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ޝަރުއީ އަދި ގާނޫނީ އަސާސެއް ނެތަތީ، އެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ނޫން ކަމަށް ކަނޑައެޅި އެވެ.
ބަދަލު ނަގައި ނުދޭން ކޯޓުން ނިންމީ އެކަށީގެންވާ ވަރަށް ރައްކާތެރި ނުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަށް ބަދަލު ދިނުން ނޯންނާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނާތީ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޝާޝާ ވޯޓާވޯލްޑަށް ލިބުނު ގެއްލުން ކުޑަ ކުރަން މަސައްކަތް ނުކުރާކަން ކޯޓުން ވާނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް އެ ލޯންޗަކީ ޝާޝާ ވޯޓާވޯލްޑްގެ ލޯންޗެއްކަން ސާބިތުވާތީ، އެ ލޯންޗު ޑިސެމްބަރު 2، އިން ފެށިގެން ހަތް ދުވަސް ތެރޭގައި އަނބުރާ އެ ކުންފުންޏަށް ރައްދު ކުރުމަށް ދައުވާ އުފުލި މީހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
Comment