Advertisement

އޮޑިޓަރުން އިސްލާހުކުރަން ބުނި ކަންކަން ދަރަވަންދޫ ކައުންސިލަށް ނުވި، ދެ އަހަރު ވެސް އެއް މައްސަލަތަކެއް

29 ޖޫން 2025 - 12:38 2

ދަރަވަންދޫ މަތިން ނަގާފައިވާ މަންޒަރެއް: ދަރަވަންދޫ ކައުންސިލަށް ރަނގަޅުކުރަން އެންގި ގިނަ ކަންކަން އިސްލާހުނުކުރޭ --- އަދަދު ފައިލް ފޮޓޯދ


އޮޑިޓަރުން އިސްލާހުކުރަން ބުނި ކަންކަން ދަރަވަންދޫ ކައުންސިލަށް ނުވި، ދެ އަހަރު ވެސް އެއް މައްސަލަތަކެއް

29 ޖޫން 2025 - 12:38 2

ބ. ދަރަވަންދޫ ކައުންސިލުގެ މާލީ ހިސާބުތައް އޮޑިޓު ކުރި އިރު، އޭގެ ކުރިން އަހަރުގެ އޮޑިޓުގައި އިސްލާހުކުރަން ލަފާ ދިން ކަންކަން އިސްލާހުނުކޮށް އެ މައްސަލަތައް ތަކުރާރުކޮށްފައިވާ ކަމަށް އޮޑިޓަރުން ބުނެފި އެވެ.

ދަރަވަންދޫ ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި، މާލިއްޔަތު ގަވާއިދާ ހިލާފަށް ދަރަވަންދޫ ކައުންސިލުން ގިނަ ކަންކަން ކޮށްފައިވާ ކަމަށް ވެ އެވެ. އޭގެ ތެރޭގައި ރަނގަޅަށް ރެކޯޑުތައް ނުބެލެހެއްޓުމާއި ތިޖޫރީން ފައިސާ މަދުވުން ފަދަ ކަންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.

އޮޑިޓަރުން ބުނީ، ކައުންސިލުގެ ތިޖޫރީގައި ހުރި ފައިސާ ގުނިއިރު އޭގައި ހުންނަން ޖެހޭ އަދަދު ކަމަށް ހިސާބުތަކުން ދައްކާ އަދަދުތަކަށް ވުރެ ބައި ލައްކައާ ގާތްކުރާ އަދަދަކަށް ފައިސާ މަދެވެ. އަދި ތިޖޫރީގައި ބަހައްޓާ ފައިސާގެ ރެކޯޑުތައް ބަލަހައްޓަމުން އަންނަނީ އެކްސެލް ޝީޓެއްގަ އެވެ. މި ޝީޓުގައި ހުރި އަދަދުތަކަށް ބަދަލު ގެނެސްފައިވާ ކަަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

މި އަދަދުތަކަށް ބަދަލު ގެނައި އިރު، ތިޖޫރީއާ ހަވާލުވޭ ހުންނަ މުވައްޒަފަށް އެ ބަދަލުުތައް ގެނައި ސަބަބެއް ނުވަތަ އެ ބަދަލު ގެނައި ތާރީހެއް ވެސް ނޭނގޭ ކަމަށް އޮޑިޓުގައި ބުންޏެވެ. އޮޑިޓަރުން ވަނީ މިއީ މާލިއްޔަތު ގަވާއިދާ ހިލާފު އަމަލެއް ކަމަށް ބުނެ، މި މައްސަލައިގެ ތެރޭގައި ޖިނާއީ ކުށެއް ހިމެނޭ ކަމެއް ފެނިއްޖެ ނަމަ އެ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހަޅައިގެން ފިޔަވަޅު އެޅުމަށް ލަދާ ދީފަ އެވެ.

އޭގެ އިތުރުން، ތިޖޫރީގައި ނަގުދު ފައިސާ ބަހައްޓައިގެން، ފިނޭންސުގެ ހުއްދަ ނުހޯދައި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ. އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މި ގޮތަށް ބައި މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހަރަދުކޮށްފައި ވެ އެވެ. މި މައްސަލައަކީ 2022 ގެ އޮޑިޓުގައި ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފައިވާ ކަމަށެވެ.

ކުރީގެ އޮޑިޓުގައި އިސްލާހުކުރަން ލަފާދިން ކަމެއްގެ ތެރެއިން، ތަކުރާރުކުރި އަނެއް ކަމަކީ ކައުންސިލުގެ ނަން މަތީގައި ހުރި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއީ ކައުންސިލުގެ މާލީ ހިސާބުތަކާ ރީކޮންސައިލްކޮށްފައި ނެތުމެވެ. އަދި ކައުންސިލަށް ލިބޭ އާމްދަނީ ގަވާއިދުން ބޭންކު އެކައުންޓުތަކަށް ޖަމާކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

ލިބޭ އާމްދަނީ ރީކޮންސައިލް ނުކުރުމުގެ ސަބަބުން، ބޭންކު އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި ކައުންސިލުގައި ހުރި ފައިސާގެ އަދަދުތަކާ ދިމާ ނުވެ އެވެ. އަދި ބޭންކަށް ޖަމާވި ފައިސާގެ ތެރެއިން ތިން މިލިއަން ރުފިޔާގެ މުއާމަލާތްތައް ވިޔަ މޮޑިއުލްގައި ރަސީދުކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

ދަރަވަންދޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް އޮޑިޓުގައި ވެ އެވެ. މި ފައިސާގެ ތެރޭގައި ކައުންސިލަށް ޕިކަޕެއް ގަންނަން ދިން އެޑްވާންސް 58،830ރ. އާއި ދަރަވަންދޫ އެއާޕޯޓުގެ ލައުންޖު ކުއްޔަށް ދޫކޮށްފައިވާ ބިމަށް ލިބެން ޖެހޭ 772،259ރ އާއި "ސެއިލް އެކްރޮސް މޯލްޑިވްސް" ރެލީގެ ޔޮޓުތައް ބަނދަރުކުރަން ކައުންސިލުން ކުރި ހަރަދަށްވާ 25،000ރ. ހިމެނެ އެވެ.

ކުރިން ފަހަރު އޮޑިޓުގައި ރަނގަޅުކުރަން ލަފާދިން ކަންކަން އިސްލާހުކުރަން މި ފަހަރުގެ އޮޑިޓުގައި ވެސް ލަފާދީފައިވާއިރު، މާލިއްޔަތު ގަވާއިދާ އެއް ގޮތަށް ކައުންސިލުގެ ހިސާބުތައް ބަލަހައްޓަން އޮޑިޓާ ޖެނެރަލް ލަފާދީފައި ވެ އެވެ.