Advertisement

މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި ޑިވެލޮޕްމަންޓް ފީ ބޮޑުވާނެ

1 ޑިސެންބަރު 2024 - 11:15 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓެއް: ޓިކެޓުތައް އަގު ބޮޑުވާތީ ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުން އެބައޮތް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި ޑިވެލޮޕްމަންޓް ފީ ބޮޑުވާނެ

1 ޑިސެންބަރު 2024 - 11:15 0

އެއާޕޯޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ އާއި ޓެކުހުގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން، މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީތައް ބޮޑުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅައިގެން މި ގާނޫނު ބަދަލުކުރީ ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މަތިކޮށް، ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ހޯދުމުގެ ބޭނުމުގަ އެވެ. މި ބަދަލާއެކީގައި ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް އިތުރުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވެ އެވެ.

ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ފީއަށް އަންނަ ބަދަލާ އެކީގައި އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން ފިޔަވައި އެ ނޫން އެހެން ހުރިހާ އެންމެންގެ ޓިކެޓުތައް އަގު ބޮޑު ވާނެ އެވެ.

ޓިކެޓުގެ އަގުތަކަށް އިތުރުވާ އަދަދު

  • އިކޮނޮމީ ކްލާހުން ދަތުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 50 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 50 ޑޮލަރު
  • ބިޒްނަސް ކްލާހުން ދަތުރުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 120 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 120 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 240 އެމެރިކާ ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 240 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 480 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 480 ޑޮލަރު

އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އަންދާޒާތަކުގައިވާ ގޮތުގައި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ރޭޓުތައް މަތިކުރުމާއެކީ އަންނަ އަހަރުގެ ތެރޭގައި އެ ދާއިރާއިން ދެ ބިލިއަން ރުފިޔާ (131 މިލިއަން ޑޮލަރު) ލިބޭނެ އެވެ. އަދި ޑިޕާޗާ ޓެކްސް ރޭޓު މަތިކުރުމާއެކީ 1.9 ބިލިއަން ރުފިޔާ (120 މިލިއަން ޑޮލަރު) ލިބޭނެ އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ވިޔަސް، އެއާޕޯޓު ފީ އާއި ޓެކުހަށް ގެނައި ބަދަލުތަކާ މެދު ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުން އެބަހުއްޓެވެ. އަންނަ އަހަރުގެ ތެރޭގައި އެ ސިނާއަތާ ގުޅުން ހުރި އެހެން ޓެކްސްތައް ވެސް ބޮޑު ވާތީ، މީގެ ސަބަބުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވެ އެވެ.

މި ކަންބޮޑުވުން ހިއްސާކުރާ އެއް ބަޔަކީ، ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުވާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކުން ވެސް ވަނީ މީގެ ނުރަނގަޅު އަސަރު ކޮށްފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓެކުހާއި ފީތައް އަގު ބޮޑުވާތީ، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް ވެސް މިކަން އައިސް، ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވާ ހަބަރުތައް ލިޔެފައި ވެ އެވެ.