Advertisement

ސަރުކާރުގެ މަކަރުވެރި ސިޔާސަތާ ދެކޮޅަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ތެދުވަންޖެހޭ: އައްބާސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް


ސަރުކާރުގެ މަކަރުވެރި ސިޔާސަތާ ދެކޮޅަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ތެދުވަންޖެހޭ: އައްބާސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަކަރުވެރި ސިޔާސަތަކީ ޑޮލަރުން މުސާރަ ދިނުން ހުއްޓުވައި، ޓޫރިޒަމް އިންޑަސްޓްރީގެ ވެރިންނާއި މުވައްޒަފުން ޖައްސައި، ފިތުނަ އުފެއްދުން ކަމަށާއި، އެހެންވެ ޑޮލަރު މާރުކަން މަޖުބޫރުކުރުމުގެ ސިޔާސަތާ ދެކޮޅު ހަދައި، ހައްގު ހޯދުމާއި، ސަރުކާރު ޖަވާބުދަރީ ކުރުވުމަށް މުވައްޒަފުންނާއި އާއިލަތަކުން ތެދުވުމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

އެމްޑީއޭއަށް ނިސްބަތްވާ އަދި މީދޫ ދާއިރާގެ މެންބަރު މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝިޔާމް އަހުމަދުގެ އެންމެ އަރިސް އެއްބޭފުޅެއްގެ ގޮތުގައި ހުންނެވި އައްބާސް އެކްސްގައި މި ސަރުކާރަށް ރޭ ވަށިވަށިން ދެއްވީ، ރިސޯޓުތަކާއި ގެސްޓު ހައުސްތަކާއި ޓޫރިޒަމް ދާއިރާގެ އުޅަނދުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުވާތީ އެވެ.

"މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ސަރުކާރުން މަޖުބޫރު ކުރަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަށް މުސާރަ އާއި ސާވިސް ޗާޖު ޑޮލަރުން ނުދީ، ދިވެހި ރުފިޔާއިން ދޭން. ދިވެހި ރައްޔިތުން ނިދިން ހޭލާ ހައްގު ހޯދުމަށްޓަކައި ހައްގު ބަސް ބުނަންވީ ވަގުތު މީ،" އައްބާސް ވިދާޅުވި އެވެ.

މިއީ މުޅި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ ހައްގުގައި ބަސް ބުނަންވީ މުހިއްމު ވަގުތު ކަމަށާއި މިކަމުގައި ބަސް ނުބުނެފި ނަމަ މުވައްޒަފުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވެދާނެ ކަމަށް އައްބާސް ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން ބޭނުމަކީ ރިޒޯޓްތަކުގެ މުވައްޒަފުންނަށާއި، ކުދި ވިޔަފާރިތަކަށާއި، މިއުޒިކް ބޭންޑްތަކަށާއި މިބާވަތުގެ އެންމެހާ ހިދުމަތް ދޭ ފަރާތްތަކަށް ދޭން ބަހައްޓާފައި ހުންނަ ޑޮލަރު ސަރުކާރުގެ އިސްރާފަށް ފަންޑު ކުރަން ނަގައި، މުވައްޒަފުންނާއި ރިސޯޓުތަކުގެ އެހެން ޕޭމެންޓުތައް ރުފިޔާއިން ހެދުމަށް މަޖުބޫރުވާ ގޮތަށް ސިޔާސަތު ބައްޓަން ކުރުން ކަމަށް އައްބާސް ވިދާޅުވި އެވެ.

"ރިސޯޓުތަކުން ތިބޭފުޅުންނަށް މުސާރަ އާއި ސާވިސް އެލަވަންސް ރުފިޔާއިން ދޭން ފެށައިފި ނަމަ އެއީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ގަ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް. މިކަމުގައި ބަސް ނުބުނެ ނުތިބޭ. ހައްގު ހޯދަން އެ ކުއްޖަކަށް ކުރެވުނު މަސައްކަތެއް ކުރަންވީ މުހިއްމު ވަގުތު މީ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާއެކު ރިސޯޓުތަކަށާއި ސަފާރީތަކަށް ވަންނަ ހުރިހާ އާމްދަނީއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހެ އެވެ. އަދި މިގޮތަށް ޖަމާކުރާ ފައިސާގެ ތެރެއިން ރިސޯޓު ނޫނީ ސަފާރީއަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ބޭންކުން މާރުކުރަން ޖެހެ އެވެ. މާރުކުރާ ޑޮލަރުގެ ބޭންކުތަކުގައި ބެހެއްޓެނީ 40 ޕަސެންޓެވެ. ބާކީ 60 ޕަސެންޓު ބޭންކުތަކުން މާރުކުރަން ޖެހެނީ އެމްއެމްއޭއަށެވެ.

މިގޮތަށް މާރުކޮށްގެން ޑޮލަރު ގެންދިޔުމަށް ފަހު އެ "ޑޮލަރު ސަރުކާރުން ހޭދަކުރާނީ ފުށިދިއްގަރު ފަޅަށް، އަދި އިތުރު ޑްރޯން ގަތުން ފަދަ ކަންކަމަށް" ކަމަށް އައްބާސް ވިދާޅުވި އެވެ.

"ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ނުކުޅެދުމުން ކުށްވެރިވާންވީ ބަޔަކީ ވިޔަފާރިވެރިންތޯ؟ ނޫނީ ސަރުކާރުން ވިޔަފާރިވެރިން ނޮޅާ ކާންވީތޯ؟"

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ކުރެވެން ނެތް ކަމަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން އެމްއެމްއޭއަށް ވަނީ އަންގައިފަ އެވެ.