about 2 hours 0
އަހުމަދު އާއިދު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް މުހައްމަދު މުއިއްޒު އާއެކު --- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
އިންޑިއާ ސަރުކާރުގެ އެދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދޭ ޑޮލަރުގެ އަދަދު އިތުރު ކުރުމުން، ރެމިޓެންސް ފޮނުވޭ އަދަދު އިތުރުކޮށްފި އެވެ.
ޑޮލަރު ލިބުން ދަތިވެގެން، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ މުސާރަ ފޮނުވޭ އަދަދު 150 ޑޮލަރަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދަން އެސްބީއައި އިން ނިންމީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެއާއެކު މިކަމަށް ހައްލެއް ހޯދުމަށް ފޮރިން މިނިސްޓްރީ އާއި އެމްއެމްއޭ ހިމެނޭހެން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބަޔާނެއް ނެރުނީ އޮކްޓޯބަރު 17، ގަ އެވެ.
މި މަޝްވަރާތަކުގެ ނަތީޖާ އިންޑިއާގެ ސަރުކާރުން ހާމަކޮށްފައިވަނީ މިކަމާއި ގުޅިގެން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި، އެކްސްޓާނަލް މިނިސްޓްރީ އަށް ހުށަހެޅި ސުވާލަކަށް ދިން ޖަވާބުގަ އެވެ.
އިއްޔެ ބޭއްވި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޖަލްސާގައި އާންމުކުރި މި މައުލޫމާތުގައި ބުނާ ގޮތުން އިންޑިއާ ސަރުކާރުގެ އެދުމާއި އެއްގޮތަށް އެމްއެމްއޭ އިން އެސްބީއައި އަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމީ މިދިޔަ މަހު އެވެ.
އެމްއެމްއޭގެ މި ނިންމުމާއެކު، ރެމިޓެންސްގެ ގޮތުގައި ކުރިން 150 ޑޮލަރު ފޮނުވުނު ނަމަވެސް މިހާރު 300 ޑޮލަރު ފޮނުވޭނެ ގޮތް އެސްބީއައި އިން ވަނީ ހަދައިފަ އެވެ.
އެސްބީއައިގެ ރުފިޔާ-ރުޕީސް ރެމިޓަންސްގެ ދަށުން މުސާރަ ފޮނުވާއިރު، ދިވެހި ރުފިޔާއިން ޖަމާކުރުން އިންޑިއާ ރުޕީސްއިން އެ ފައިސާ އިންޑިއާގައި ހުންނަ އެކައުންޓުތަކަށް ޖަމާކޮށްދެމުން ދިޔަ އެވެ. މިއީ ރާއްޖޭގައި މަސައްކަތް އިންޑިއާ މީހުންނާއި އެމްޕްލޯޔަރުންނަށް ވެސް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އެ ބޭންކުން ކުރަމުން ދިޔަ ކަމެކެވެ.
އޮކްޓޯބަރު މަހު އާންމުކުރި ބަދަލުތަކާއެކު އެސްބީއައިއިން ފޮނުވުނީ 2،313ރ. އެވެ. ބާކީ މުސާރަ ފޮނުވަން ބޭނުން ނަމަ ޖެހޭނީ ބޭންކަށް ޑޮލަރު ޖަމާކުރާށެވެ. މި ގޮތަށް ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަތުމެވެ. މިހާރު ހުރި ރޭޓުތަކުގައި، މާރުކުރަން ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭނެ އެވެ.
ނަމަވެސް، އެ އަދަދު ދެ ގުނަކުރަން ނިންމުމާއެކު ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް 4،626ރ. ގައުމަށް ފޮނުވޭނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 30،000 ގާތްކުރާ އަދަދަކަށް އިންޑިއާ މީހުން މަސައްކަތް ކުރެ އެވެ. އިންޑިއާ މީހުން އެންމެ ގިނައީ ކޮންސްޓްރަކްޝަނާއި ޓޫރިޒަމާއި ފިނޭންސް ދާއިރާގަ އެވެ.
އިންޑިއާ ސަރުކާރުގެ އެދުމަށް އެމްއެމްއޭ އިން އެސްބީއައި އަށް ދޭ ޑޮލަރުގެ އަދަދު އިތުރުކުރީ ކިހާ މިންވަރަކަށް ކަމެއް ސާފެއް ނޫނެވެ. އަދި، އިތުރު ލުއިތަކެއް ދިން ކަމެއް މިހާތަނަށް ބޭންކުން އަދި އެމްއެމްއޭ އިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
Comment