2 ނޮވެންބަރު 2024 - 12:36 1
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
2 ނޮވެންބަރު 2024 - 12:36 1
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ދައުލަތުގެ ބަޖެޓުގައި ރައީސުލްޖުމްހުރިއްޔާ، ރައީސުލްޖުމްހުރިއްޔާގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ މުލީއާގެއަށެވެ. އެގޮތުން އަންނަ އަހަރަށް މުލީއާގޭގެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 29.9 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ މިލިއަނެއް އިތުރު އަދަދެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އާއިލާ މުލީއާގެއަށް ބަދަލުވެވަޑައިގަތުމަށް މުލީއާގޭގެ މަރާމާތަށް ދައުލަތުގެ ބަޖެޓުން 3.6 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. ހަރަދުވީ ފައިސާގެ އަދަދާއެކީ ވަކި ވަކި ބިލުތަކަށް އެރި އަދަދުތައް ރައީސް އޮފީހުން ހިއްސާކުރި ނަމަވެސް، އެ ބިލުތަކުގައި ހަރަދުކުރި ކަންކަމުގައި ތަފުސީލު ހިމަނާފައިވާ ނުވާތީ، މުލީއާގެއަށް ރައީސް ބަދަލުވެވަޑައިގަންނަވަން ކުރީ ކޮން ކަހަލަ މަރާމާތެއް ކަމެއް ސާފެއް ނޫނެވެ.
ނައިބު ރައީސްގެ ރަސްމީ ގެ، ހިލާލީގެއަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 9.8 މިލިއަން ރުފިޔާ އެވެ. މިއީ ވެސް މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ މިލިއަނެއް އިތުރު އަދަދެކެވެ. ނައިބު ރައީސްގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އަދި އާއިލާއިން ހިލާލީގެއަށް ބަދަލުކުރެވުމުގެ ކުރިން އެ ގެވެސް ވަނީ މަރާމާތުކޮށްފަ އެވެ. އެ މަރާމާތުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 5.4 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މަރާމާތުގެ މަސައްކަތް ކުރީ ސަރުކާރުގެ ކުންފުނި އެސްޓީއޯ އިންނެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅަށް ހިނގާނެ ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ. މިއީ ވެސް މި އަހަރުގެ ބަޖެޓަށް ވުރެ އިތުރު އަދަދެކެވެ.
އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫ އަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރިން އެ ގެ ވެސް ވަނީ މަރާމާތުކޮށްފަ އެވެ. ސަރުކާރުގެ ކުންފުނި ވެމްކޯއިން މި މަސައްކަތަށް 3.5 މިލިއަން ރުފިޔާ ބިލުކުރި ކަމަށް އެ ކުންފުނިން މި ނޫހަށް ވަނީ މައުލޫމާތު ދީފަ އެވެ.
Comment