Advertisement

ބްރެޒިލްގެ ޑޭމެއް ފަޅައިގެން ދިޔުމުގެ ގެއްލުމުގެ ބަދަލަށް 30 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

26 އޮކްޓޯބަރު 2024 - 08:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބްރެޒިލްގައި ޑޭމް ފަޅައިގެން ދިޔަ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 30 ބިލިއަން ޑޮލަރު ދޭން ނިންމުން -- ފޮޓޯ: އޭޕީ


ބްރެޒިލްގެ ޑޭމެއް ފަޅައިގެން ދިޔުމުގެ ގެއްލުމުގެ ބަދަލަށް 30 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

26 އޮކްޓޯބަރު 2024 - 08:18 0

ބްރެޒިލްގައި 2015 ގައި ޑޭމެއް ފަޅައިގެން ގޮސް 19 މީހުން މަރުވެ އެތައް ސަތޭކަ މީހުންގެ ގެދޮރު ގެއްލުނު ހާދިސާއާ ގުޅިގެން ޒިންމާވާ ކުންފުނިތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 29.85 ބިލިއަން ޑޮލަރު އެ ގައުމަށް ދިނުމަށް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ފަޅައިގެން ދިޔައީ ވާލީ އަދި ބީއެޗްޕީ ހިމެނޭ ޖޮއިންޓް ވެންޗާއަކުން ދެކުނު ބްރެޒިލްގެ މެރިއާނާ ސިޓީގައި ހިންގަމުންދިޔަ ޓޭމެކެވެ. އެ ޑޭމް ފަޅައިގެން ދިޔުމުގެ ސަބަބުން ޖަންގަލިތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބަދަލު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބްރެޒިލްގެ ރައީސް އިނާސިއޯ ލޫލާ ޑަ ސިލްވާގެ އިތުރުން ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބްރެޒިލްގެ ސަރުކާރުން ބުނީ އެއްބަސްވުމުގެ ދަށުން 878 މިލިއަން ޑޮލަރު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދޭން ޖެހޭނެ ކަމަށާއި 17.5 ބިލިއަން ޑޮލަރު ކުރިއަށް އޮތް 20 އަހަރު ތެރޭގައި އަދާ ކުރަން ޖެހޭނެ ކަމަށެވެ.

ބާކީ 5.6 ބިލިއަން ޑޮލަރު ދޭން ޖެހޭނީ ހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށެވެ. އަދި ކޮންމެ އަހަރަކު ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސް ކުރަން ޖެހެނީ 2043 ގެ ނިޔަލަށެވެ.

ބްރެޒިލްގައި ޑޭމް ފަޅައިގެން ދިޔަ މައްސަލައާ ގުޅިގެން ބީއެޗްޕީއާ ދެކޮޅަށް ލަންޑަން ހައި ކޯޓުގައި ވެސް މައްސަލައެއް ދަނީ ކުރިއަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 37 ބިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް އެ ކުންފުނިން ވަނީ ހެދި އެއްބަސްވުމާ އެކު އެ މައްސަލަ ކުރިއަށް ނުގެންދަން އެދިފަ އެވެ.