Advertisement

ކަސެމީރޯ އަށް ޔުނައިޓެޑް ދޫކޮށްލަން ފުރުސަތު އެބައޮތް

5 ސެޕްޓެންބަރު 2024 - 08:04 0


ކަސެމީރޯ އަށް ޔުނައިޓެޑް ދޫކޮށްލަން ފުރުސަތު އެބައޮތް

5 ސެޕްޓެންބަރު 2024 - 08:04 0

މެންޗެސްޓާ (ސެޕްޓެމްބަރު 5) - ފޯމު ދަށްވެފައިވާތީވެ، ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯ އަށް އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 3-0 އިން ވާދަވެރި ލިވަޕޫލް އަތުން ބަލިވެފަ އެވެ. މި މެޗުގައި ލިވަޕޫލުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނެގީ، ކަސެމީރޯ އަތުން ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. އެ ގޯސްތަކުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ކަސެމީރޯ ބަދަލުކޮށްފަ އެވެ.

މެޗަށް ފަހު، ޔުނައިޓެޑްގެ ސަޕޯޓަރުންނާއި އިނގިރޭސި ފުޓްބޯޅަ ޕަންޑިޓުން އަންނަނީ ކަސެމީރޯ އަށް ފާޑުކިޔަމުންނެވެ. އެކަންކަމަށް ޖަވާބެއްގެ ގޮތުން، ކަސެމީރޯގެ އަންހެނުން އިންސްޓަގްރާމްގައި ޕޯސްޓްކުރީ ކަސެމީރޯ ހޯދާފައިވާ ޓްރޮފީތަކެވެ.

މި ހުރިހާ ބޮލުގެ ރިހުމަކާއި ހަމަނުޖެހިހުރި ކަންތައްތަކާ ހުރެ، އިނގިރޭސި ފުޓްބޯޅައިގެ މި މާހައުލުން ދުރަށް ދާން ކަސެމީރޯ ވިސްނަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ޔުނައިޓެޑުން މިދިޔަ ޖޫން މަހުން ފެށިގެން ވެސް އޮތީ ކަސެމީރޯ ގަންނަން ރަނގަޅު ބިޑެއް އައިސްފިނަަމަ ދޫކޮށްލަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ވަގުތުގެ ހާލަތަށް ބަލައި، ތުރުކީގެ ގަލަސަތަރާއި އިން އަންނަނީ ކަސެމީރޯ ހޯދަން ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ތުރުކީ ކްލަބްތަކަށް ޓްރާންސްފާ މާކެޓް މި ފަަހަރު ބަންދުވަނީ، މި މަހު 13 ގަ އެވެ. ކަސެމީރޯގެ ޑީލް މަޝްވަރާކުރަން، ރަނގަޅު އަގެއް ދޭނަމަ، ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.

ކަސެމީރޯ މި ވަގުތު ޔުނައިޓެޑްގައި ހުރީ ސީޒަަނަކު 17 މިލިއަން ޑޮލަރަށެވެ. ރެެއާލް މެޑްރިޑަށް 80 މިލިއަން ޑޮލަރު ދައްކާފައި، ޔުނައިޓެޑުން ކަސެމީރޯ ގެނައީ 2022 ވަނަ އަހަރު އެވެ.