ރައްޓެހިކަމާއި ރައްޓެހިން

18 އޮކްޓޯބަރު 2024 - 01:58 0

ރޫޙުލްއަމީން ޢަބްދުﷲ

ރ


ރައްޓެހިކަމާއި ރައްޓެހިން

18 އޮކްޓޯބަރު 2024 - 01:58 0

އިސްލާމީ ތާރީހުގެ ރަންޒަމާނުގައި މުސްލިމުންގެ ޚަލީފާކަން ކުރެއްވި އައްބާސީ ޚަލީފާ މައުމޫންގެ ވަޒީރު ބޭކަލެއްކަމުގައިވާ އަލްހަސަން ބިން ސަހްލަށް މައުމޫން ވިދާޅުވިކަމަށް ރިވާވެގެންވެ އެވެ. އޭ ހަސަންއެވެ. އަހަރެންނަށް ތަޖުރިބާއިން އެނގުނީ ދުނިޔޭގެ ކޮންމެ އަރާމަކީ ދެތިން ފަހަރަކު އެ އަރާމެއް ލިބޭ އިރަށް އިސާހިތަކު އެމަތިން ފޫހިވެގެންދާ ފަދަ ކަންކަމެވެ. ހަތް ކަމެއް ފިޔަވައެވެ. އެކަންކަން އެއީ ހަމަ އެއްގޮތަކަށް އެކަންކަމާމެދު ފޫހިކަން ގެނުވާ ބާވަތުގެ ކަންކަންކަމުގައި ނުފެނުނެވެ. އެހިނދު ހަސަން ދެންނެވިކަމުގައިވެ އެވެ. އޭ އަމީރުލްމުއިމިނީން އެވެ. އެއީ ކޮން ކަންތައްތަކެއްތޯ އެވެ؟

މައުމޫން ވިދާޅުވި އެވެ. އެކައްޗަކީ ވީޓް ބްރެޑެވެ. ދެވަނައީ ކަންބަޅި މަހެވެ. ތިންވަނައީ ފިނިކޮށްފައި ހުންނަ ފެނެވެ. ހަތަރުވަނައީ އޮމާން ފޭރާމެވެ. ފަސްވަނައީ މީރު ވަހެވެ. ހަވަނައީ އަރާމު ތަންމައްޗެވެ. ހަތްވަނައީ، މި ދުނިޔޭން ރީތި ރަނގަޅު ހަމަ ކޮންމެ އެއްޗަކާއި ކަމެކެވެ. އެހިނދު ހަސަން ދެންނެވި އެވެ. އެހެންވީއިރު ރައްޓެހިންނާ އަނގަތަޅާ އެކަކު އަނެކަކަށް ރައްދުދީ ޖަވާބުދީ، ހިޔާލު ބަދަލުކުރުމާމެދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ އެވެ؟ މައުމޫން ވިދާޅުވި އެވެ. ތިބާއީ ތެދެކެވެ. ހަތްވަނައަށް މިބުނި ކަންތަކުގެ ފުރަތަމަ ކަމަކީ އެއީ އެވެ.

ޚަލީފާ މައުމޫންގެ ހިކުމަތްތެރިކަމުގެ ތެރެއިން ރިވާވެގެން އަންނަ މި ވާހަކައިން މައުމޫންގެ ސަމާސާ މިޒާޖުފުޅު ވެސް ދައްކުވައިދެ އެވެ. އެހެނީ ހަތްވަނައަށް އެ ވިދާޅުވި ކަންތަކުގައި، ދުނިޔޭގެ ރީތި ކޮންމެ އަރާމަކާއި މޮޅުކަމެއް ހިމެނުއްވީމާ، ހަތްކަންތައް ހަތްހާސް ކަންތަކަށް ބަދަލުވެގެން އެބަދެ އެވެ. އާދޭހެވެ. ހިކުމަތުގެ ސަމާސާއެކެވެ. އަދި ހަސަން ބިން ސަހްލު ރައްޓެހިންނާ ހީސަމާސާކުރުމާ މެދު ދެކެވަޑައިގަންނަވާ ގޮތް އެއްސެވިއިރު، އެ ދެބޭކަލުން ކުރައްވަން އެތިއްބެވި ކަމަކީ ވެސް ހަމަ އެކަންތަކެވެ.

ޝައްކެތް ނެތެވެ. ރައްޓެހިންނާއި ރައްޓެހިކަމަކީ، ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއިން ހިމެނިގެންވާ މާތް ﷲ ދެއްވި ނިއުމަތްތަކުގެ ތެރެއިން ބޮޑު ނިއުމަތެކެވެ. ރަނގަޅު ރަހުމަތްތެރިކަމެއް ނުވަތަ ރަނގަޅު ރައްޓެހިންތަކެއް ލިބިއްޖެ މީހަކަށް ވަރަށް ގިނަ ހެވާ ލާބަ މި ދުނިޔޭން ލިބިއްޖެކަމާމެދަށް ހަމަ އެކަކަށް ވެސް އިންކާރެއް ނުކުރެވޭނެ އެވެ. އަހަރެމެންގެ ހަތަރުވަނަ ޚަލީފާ އަލީގެފާނު ވެސް ވިދާޅުވެފައިވެ އެވެ. އެ މީހަކަށް ރަނގަޅު ރައްޓެއްސަކު ލިބިފައިނުވާ މީހާގެ މިސާލަކީ ވާތެއް ލިބިފައި ނެތް ކަނާތެއްގެ މިސާލެވެ. ބުއްދިވެރިން ބުނެއުޅެއެވެ. ވަރަށް ގިނަ ކާވެނިތައް ރޫޅެނީ ދެމަފިރިންގެ ދެމެދުގައި ލޯބި ނެތިގެންނެއް ނޫނެވެ. ރައްޓެހިކަން ނެތިގެންނެވެ.

ރައްޓެހިކަމަކީ ﷲ އެކަލާނގެ އަޅުތަކުންނަށް ދަރުމަކުރެއްވި ނިއުމަތެކެވެ. އެއްބަޔަކު އަނެއްބަޔަކުގެ ކިބައިން ހަމަޖެހުން ލިބިގަތުމަށެވެ. ދުނިޔަވީ އުނދަގޫތަކާއި ގޮންޖެހުންތަކުގައި އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވުމުގެ ވަސީލަތެއްގެ ގޮތުންނެވެ. ހަގީގީ ރައްޓެހިން ދުނިޔެ ދާއިމަށް އޭނާގެ އެކުވެރިންނާ ގުޅުން ދަމަހައްޓައެވެ.

މީހަކަށް އޭނާގެ މައިބަފައިން އިހްތިޔާރެއް ނުކުރެވޭނެއެވެ. އަދި ތިމާގެ މީހުންނާއި ދަރިންނަކީ ވެސް އިހްތިޔާރުކުރެވޭ ބައެއް ނޫނެވެ. އެކަމަކު އޭނާ އިހްތިޔާރުކުރާ ރައްޓެހިން އޭނާގެ ތިމާގެ މީހުންނާ އެއްދަރަޖައިގައި ގާތްވެ ލޯބި އުފެދި އިތުބާރުހިނގާކަމީ މާތް ﷲ އިންސާނުންގެ ކިބައިގައި ލައްވާފައިވާ އާދަމުގެ ދަރިވަންތަކަމުގެ މައްޗަށް ވެސް އޮތް އަލިގަދަ ދަލީލެކެވެ. އެންމެހާ އިންސިތަކުންނީ އެއްބަފައެއްގެ ދަރީންކަމުގެ މާއުޖާލާ ހެއްކެއްމެއެވެ.

ހަގީގީ ރައްޓެހިންނަކީ އޭނާގެ އަމިއްލަ ނަފުސާމެދު ފަރުވާތެރިވާ ފަދައިން އޭނާގެ ރަހުމަތްތެރިންނާމެދު ފަރުވާތެރިވާ ބަޔެކެވެ. އޭނާގެ އަމިއްލަ ނަފުސަށް ބިރުގަންނަ ކަންކަމުގައި ރައްޓެހިންނާމެދު ބިރުހީވާ ބަޔެކެވެ. ކޮންމެ މީހަކީ އެކަކަށްވުރެ ގިނަ ރައްޓެހިން ލިބިފައިވާ މީހަކަށްވެދާނެއެވެ. އެކަމަކު ކޮންމެ ރައްޓެއްސަކީ އަނެކަކާ ގޮތަކުން ތަފާތު، ދިމާއަކުން އޭނާއަށްވުރެ މީނާ މާ ގާތް މީހުންނެވެ. ހައްތާވެސް މާތް ﷲ ދެއްވި ނިއުމަތްތައް އެއްނިއުމަތް އަނެއް ނިއުމަތާ ގޮތަކުން ތަފާތުވެފައި އެއްނިއުމަތް އަނެއް ނިއުމަތަށްވުރެ މަންފާވެރިކަން ދެއްވުމުގައި މާތް ﷲ ގެ ތަނަވަސްކަމާއި ދީލަތިވަންތަކެމެވެ.

ރައްޓެހިކަމަކީ އެކަމުގައި އަޖައިބުކުރަނިވި އަސަރުތަކެއް ތިމާއާމެދު ހިނގާ ޖާޒުބީ ބާރުވެރިކަމެއް އޭގައި އޮންނަ ކަމެކެވެ. ވަރަށް ގިނަ ފަހަރަށް ތިމާގެ މައިބަފައިންނާއި އެދުރުންނާއި ގާތްތިމާގެ މީހުން ދީފައި ހުންނަ ނަސޭހަތާއި ބުނެފައި ހުންނަ ބަސްތައް ގަބޫލުނުކުރާން އުޅޭ މީހާ ހަމަ އެ ނަސޭހަތާއި އިރުޝާދުތައް އޭނާގެ ރައްޓެއްސެއްގެ ކިބައިން ލިބޭހިނދު އެއިން އަސަރު ލިބިގަނެ، އޭގެ ތެދުހަގީގަތް ދެނެގަނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބުއްދަރުދާއުއާއި ޢަބްދުﷲ ބިން ރަވާޙާއާ މިއީ ވަރަށް ގާތް ދެ ރައްޓެހިންނެވެ. ނަމަވެސް ޢަބްދުﷲ ބިން ރަވާޙާ އިސްލާމްވެވަޑައިގެންނެވިއިރު އަބުއްދަރްދާއު އިސްލާމްވެވަޑައި ނުގަންނަވައެވެ. އަބުއްދަރުދާއު ވެވަޑައިގަތީ ބުދަށް އަޅުކަންކުރާ ބޭކަލަކު ކަމުގައެވެ. އެއްދުވަހަކު އަބުއްދަރުދާއުގެ ގެކޮޅަށް ޢަބްދުﷲ ބިން ރަވާޙާ ވަޑައިގެން ގެކޮޅުގައި ހުރި ހުރިހާ ބުދުތަކެއް ތަޅުއްވައި ހަލާކުކޮށްލެއްވިއެވެ. އެތަކެއްޗަކީ މަންފާއެއް ނުކުރާ ތަކެތިކަން ސާބިތުކޮށްދެއްވުމުގެ ގޮތުންނެވެ. ފަހަރުގައި އެކަން ހިނގީ ރައްޓެއްސަކު ފިޔަވައި އެހެން މީހެއްގެ ފުށުން ނަމަ ނުކުމެދާނެ ނަތީޖާ ތަފާތެވެ. އެކަމަކު އަބުއްދަރުދާއު އިސްލާމްވެވަޑައިގަތީ މިހާދިސާއާ ގުޅިގެންނެވެ.

އަޅުގަނޑު ކުރިން ދެންނެވި ރައްޓެހިކަމުގައިވާ ޖާދުވީ ޖާޒުބިއްޔަތުގެ އަސަރަކީ އެބާވަތުގެ ތަފާތު ކަމެކެވެ. އެހެންނާ ކޮންމެ މީހަކު ވެސް އެމީހަކު އޭރެއްގައި ގަބޫލުކޮށްގެން ހުންނަ ކަންތަކަށް އަނެކާ ފާޑުކީމާ އަރާނީ ރުޅިއެވެ. ތިމާގެ ކަލާނގެތައް ތަޅައިގަތީމާ އޭނާވެސް ދައްކާނީ ރުޅިވެރިކަމާއި ގަދަބަދަވިކަމެވެ. އެކަމަކު ޢަބްދުﷲ ބިން ރަވާޙާއާއި އަބުއްދަރުދާއުގެ މެދުގައި ހިދާޔަތުގެ މަގަށް މަގުދެއްކެވުމުގެ ސަބަބު އެކަމުން މެދުވެރިކުރެއްވީ ރައްޓެހިކަމުގައި މާތްކަލާނގެ ލައްވާފައިވާ ޖާޒުބީ ބާރުވެރިކަމުންނެވެ.

އަލްޢަޞްރު ސޫރަތް ވެސް ބައްލަވާށެވެ. މާތް ﷲ ޒަމާން ގަންދެއްވައި އެސޫރަތުގައި ވަޙީކުރައްވާފައިވަނީ އިންސާނާ ވަނީ ގެއްލިހަލާކުވެގެންކަމުގައެވެ. އެޔަށްފަހު އެކަމުން އިސްތިސްނާވާ މީހުންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އޭގައި ހިމެނެނީ އީމާންކަމާއި ހެޔޮއަމަލުކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް ޙައްޤަށް ވަސިއްޔަތްކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިކަމަށް ވަސިއްޔަތްކުރުމެވެ.

އީމާންވެވިދާނެއެވެ. އަދި އީމާންވުމަށް އެކަކު އަނެކަކަށް ދައުވަތުދެވިދާނެއެވެ. ހެޔޮ އަމަލުކުރުމަށްވެސްމެއެވެ. އެކަމަކު ވަރަށް ގިނަ ފަހަރަށް ހަގީގަތް ގެއްލިފައިވާ މީހާއަށް ހައްގު މަގު ދައްކައިދެވެނީ އެވަސިއްޔަތް ރައްޓެއްސެއްގެ ކިބައިން ލިބިގަނެވިގެންނެވެ. ހަމަ އެގޮތަށް ކެތްތެރިކަމަށް ބާރުދިނުމުގައި ވެސް ރައްޓެހިންގެ ފުށުން ލިބޭ ވާގިވެރިކަމުން މެނުވީ މީހެއްގެ ފުށުން ކެތްތެރިކަން ލިބިގަތުމަކީ އުނދަގޫ ކަމެކެވެ. އެހެންވީމާ ރައްޓެހިކަމުގެ ނިއުމަތްނުވާނަމަ އިންސާނުން ގެއްލި ހަލާކުވާނެކަމަށް މިސޫރަތުން ދަލީލު ނުލިބޭތޯއެވެ.

މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. މީހާއަށް ހުރެވޭނީ އޭނާގެ އެކުވެރިޔާ ހުންނަ ގޮތަކަށެވެ. ތިޔަބައިމީހުން އެކުވެމިއުޅެވެނީ ކާކާތޯ ބަލާހުށިކަމެވެ.

އާދޭހެވެ. ރައްޓެހިކަމާއި ރައްޓެހިންނަކީ ނިއުމަތެކެވެ. ތިމާގެ ލޯހުޅުވައިދޭ ތިމާއަށް ހަގީގަތް ބުނެދޭ ރައްޓެހިންނެވެ. ރައްޓެހިކަމަކީ ނިއުމަތެކެވެ. ރަނގަޅު ތެދުވެރި ވަފާތެރި ރަހުމަތްތެރިންނެވެ. ރަނގަޅު ރައްޓެހިކަމަކީ އޭގައި ކަށިނެތް ހަމައެކަނި ފިނިފެންމަލެވެ. ބުއްދިވެރިން ބުނެއުޅެއެވެ. އުފާވެރިކަމުގެ ނަމޫނާ ހަޔާތަކަށް ބޭނުމީ ރަނގަޅު ރައްޓެއްސަކާއި ފައިދާކުރަނިވި ފޮތަކާއި ނިއަނެތި ނަފުސަކާއެވެ. ރަނގަޅު ރައްޓެއްސަކު ލިބިފައިވާނަމަ މާތް ﷲ އަށް ޝުކުރުކުރާށެވެ! އެއީ ހަނދާން ނައްތާލައިގެން ނުވާނެ އަގުނުކުރެވޭނެ ނިއުމަތެކެވެ.