Advertisement

ބަންގްލްދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ: އައިސީޓީން ބަންގްލްދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ހައްޔަރު ކުރަން ވަނީ އަމުރެއް ނެރެފައި -- ފޮޓޯ: ރައީސް އޮފީސް


ބަންގްލްދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި އެވެ.

އައިސީޓީން ހަސީނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރުނީ މިދިޔަ ޖުލައި އަދި އޯގަސްޓް މަހު ބަންގްލަދޭޝްގެ ކުރީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުތް މީހުންނާ މެދު އަމަލު ކުރި ގޮތުންނެވެ.

އެ މުޒާހަރާތަކުގައި 753 މީހަކު މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވިއިރު، މުޒާހަރާގެ ބައިވެރިންނާ ފުލުހުންގެ އިތުރުން އޭރުގެ ސަރުކާރު ސަޕޯޓަރުން ވަނީ ކުރިމަތިލާފަ އެވެ.

މުޒާހަރާތަކުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން 60 އަށްވުރެ ގިނަ މައްސަލަ އައިސީޓީއަށް ވަނީ ހުށަހަޅާފަ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ހަސީނާގެ އިތުރުން 46 މީހަކު ނޮވެމްބަރު 18، ގެ ކުރިން ހައްޔަރު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ. އެ 46 މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ މިނިސްޓަރުން ހިމެނެ އެވެ.

މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެން ހަސީނާ ވަނީ ބޮޑުވަޒީރު ކަމުން އޯގަސްޓް 5، ގައި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. އަދިވެސް ހަސީނާ ހުންނެވީ އިންޑިއާގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.