9 އޮކްޓޯބަރު 2025 - 15:19 0
އަރުޝަމް އަބްދުالله
9 އޮކްޓޯބަރު 2025 - 15:19 0
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހު ހަސީނާ ހައްޔަރު ކުރުމުގެ އަމުރެއް އެ ގައުމުގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ނެރެފި އެވެ.
ބުދަ ދުވަހު ނެރުނު މި އަމުރުގައި, ހަސީނާގެ ޕާޓީ، އަވާމީ ލީގު ވެރިކަން ކުރި ދުވަސްވަރު ހިންގާފައިވާ މީހުން ގެއްލުވާލުން އަދި އަނިޔާކުރުން ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތު ޝޭހު ހަސީނާ އަދި އޭނާގެ ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ބުނީ ހަސީނާގެ މައްޗަށް ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. ފުރަތަމަ މައްސަލައަކީ، ހަސީނާ، އޭނާގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރު ތާރިގު އަހުމަދު ސިއްދީގީގެ އިތުރުން 15 މީހުން އޭރުގެ ސިޔާސީ އިދިކޮޅު ފަރާތްތައް ރެޕިޑް އެކްޝަން ބެޓެލިއަންގެ ބެލުމުގެ ދަށުގައިވާ ޓީއެފްއައި ސެލް ކިޔާ ސިއްރު ބަންދު މަރުކަޒަކަށް ވައްދައިގެން ގަދަކަމުން ބަންދުކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ދެވަނަ މައްސަލައަކީ، ހަސީނާ، ސިއްދީގީ އަދި އިތުރު 11 މީހުން ގައުމުގެ މިލިޓަރީ އިންޓެލިޖެންސް އޭޖެންސީ ޑީޖީއެފްއައި އާ ގުޅުންހުރި ޖޮއިންޓް އިންޓަރޮގޭޝަން ސެލް ކިޔާ އެހެން ސިއްރު ތަނެއް މިފަދަ ކުށްތަކަށް ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި މައްސަލަތަކުގައި ބަންގްލަދޭޝްގެ ކުރީގެ ހޯމް މިނިސްޓަރ އަސަދުއްޒަމާން ހާން ކަމާލް، ކުރީގެ ޕޮލިސް ޗީފް ބެނަޒީރު އަޙްމަދު، އަދި ކުރީގެ އާރްއޭބީ ޗީފް އެމް. ހުރްޝިދު ހުސައިން ފަދަ ޝޭހް ހަސީނާގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އެތައް ބައެއްގެ ނަން ހިމެނެ އެވެ.
މި މައްސަލަ ތަކުގައި ކޯޓުން ވަނީ އޮކްޓޯބަރ 22 ގެ ކުރިން މި މައްސަލަ ތަކުގައި ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކުރުމަށް އަންގާފަ އެވެ.
ޝޭހު ހަސީނާ މިހާރު ހުންނެވީ ބަންގްލަދޭޝްގައި ނޫން ކަމުން އޭނާ ކޯޓަށް ހާޒިރު ނުވެއްޖެނަމަ, ކޯޓުން މައްސަލަ ކުރިއަށް ގެންދާނީ އޭނާގެ ގައިރު ހާޒިރުގައި ކަމަށް ބުނެފައިވެ އެވެ. މިއީ މިފަދަ ކުށްތަކަކަށް މިހާ ގިނަ އަދަދެއްގެ އިސް ސިޔާސީ އަދި ދިފާއީ އޮފިޝަލުންތަކަކަށް ބަންގްލަދޭޝްގެ ކޯޓަކުން ދައުވާކުރާ ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މިކަމުގެ މަގްސަދަކީ, އިންސާފު ނުލިބި ވާ ރައްޔިތުންނަށް އިންސާފު ހޯދާ ދިނުމެވެ. ނަމަވެސް ހަސީނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މި ދައުވާތަކަކީ ސިޔާސީ ދައުވާތަކެކެވެ.
Comment