Advertisement

ޕީޕީއެމް ސެނެޓުގެ ކުއްލި ބައްދަލުވުމެއް: ބައެއް ސެނެޓަރުން ބުނީ އެޖެންޑާގައި އޮތީ ޕާޓީ އުވާލުން ކަމަށް!

17 އޮކްޓޯބަރު 2024 - 09:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީޕީއެމް އިދިކޮޅުގައި އޮތްއިރު ބޭއްވި ހޯޕް ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: އަދަދު


ޕީޕީއެމް ސެނެޓުގެ ކުއްލި ބައްދަލުވުމެއް: ބައެއް ސެނެޓަރުން ބުނީ އެޖެންޑާގައި އޮތީ ޕާޓީ އުވާލުން ކަމަށް!

17 އޮކްޓޯބަރު 2024 - 09:07 0

ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ސެނެޓުގެ ކުއްލި ބައްދަލުވުމެއް މިއަދު މެންދުރު ފަހު ބާއްވަން ތާވަލުކޮށް، އެކަން ސެނެޓަރުންނަށް އަންގައިފި އެވެ.

ޕީއެންސީ އޮފީހުގައި މިއަދު މެންދުރު 2:00 ގައި ބާއްވާ އެ ބައްދަލުވުމުގެ އެޖެންޑާގައި ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް ސެނެޓަރުން "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ އެޖެންޑާގައި އޮތީ ޕާޓީ އުވައިލަން ނިންމުން ކަމަށެވެ.

މި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ބައެއް ސެނެޓަރުންނަށް ފޯނުން ގުޅުއްވައި ޕީޕީއެމް އުވައިލުމަށް ވޯޓު ދިނުމަށް ވެސް އެދިވަޑައިގެންފައިވާ ބައެއް ސެނެޓަރުން ބުންޏެވެ.

"އެހެން ނޫނީ ވަޒީފާ ގެއްލޭނެ ކަމަށް ވެސް ބުނި،" ބައެއް ސެނެޓަރުން ބުންޏެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ޖުލައި 31، 2024 ގައި "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވެ އެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވެގެން ކަމަށް، އެކަމާ ގުޅޭ ގޮތުން މި ނޫހާ އެއިރު ވާހަކަ ދެއްކި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީ ހިންގުމަށް ދަތިވާ ވަރަށް ޕާޓީ ގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން، ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށް ފަހު ޕާޓީ އުވާލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވާލެވިދާނެ އެވެ.

ޕާޓީ އުވާލެވޭ ހާލަތެއްގައި ޕާޓީގެ ފައިސާ އާއި މުދާ ބޭނުންކޮށްގެން ދަރަނި އަދާކުރުމަށް ފަހު ބާކީ ހުރި އެއްޗެއް ހަދިޔާ ކުރަންވާނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސެނެޓުން ކަނޑައަޅާ ހައިރާތު ފަންޑަކަށެވެ.

ޕީޕީއެމްގެ ސެނެޓަރުންގެ ގްރޫޕަށް ހިއްސާކުރި މެސެޖު


ޕީޕީއެމްގެ ސެނެޓުގައި މި ސަރުކާރުގެ ވަޒީރުން އެބަ ތިއްބެވި އެވެ. އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދާއިރު، ޝިޔާމް އާއި ޣައްސާން ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާ ކަމެއް އެ ބޭފުޅުން، އަދި ޕާޓީން ވެސް އިއުލާނެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ސެޕްޓެމްބަރު 18، ގެ ނިޔަލަށް ޕީޕީއެމްގައި 34698 މެންބަރުން އެބަ ތިއްބެވެ. ވެރިކަން ކުރާ ޕީއެންސީގައި ތިބީ 28،983 މެންބަރުންނެވެ.