Advertisement

ކަންނެލި މަސްވެރިންނަށް އަމިއްލަ ކުންފުނިތަކުން ދޭންޖެހޭ ފައިސާ މިލިއަނުން އެބަހުރި: ޝިޔާމް

މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް


ކަންނެލި މަސްވެރިންނަށް އަމިއްލަ ކުންފުނިތަކުން ދޭންޖެހޭ ފައިސާ މިލިއަނުން އެބަހުރި: ޝިޔާމް

ބޮޑު ކަންނެލި މަސްވެރިންނަށް ޕްރައިވެޓު ކުންފުނިތަކުން ނުދީ ހުރި ފައިސާގެ އަދަދު މިލިއަނުން ގުނާލެވޭ ކަމަށާއި ހުޅުމާލޭގައި އަޅާ ފެސިލިޓީއާއެކު މަސްވެެރިންގެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލި މަސްވެެރިންނަށް ސަރުކާރުން ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެ ވާހަކަ އެގޮތަށް ވިދާޅުވާން ޖެހުނީ ބައެއް މީޑިއާތަކުން ރައްޔިތުންނަށް އޮޅޭގޮތަށް އެ މައުލޫމާތު ގެނެސްދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ދޭންޖެހޭ އެންމެ ރުފިޔާއެއް ވެސް ނޯންނާނެ، ބޮޑު ކަންނެލި މަސްވެެރިންގެ މަސް، ބޮޑު ކަންނެލި ގަންނަމުން އަންނަނީ ޕްރައިވެޓް ކުންފުނިތަކުން،" ޝިޔާމް ވިދާޅުވި އެވެ.

"އެބަހުރި ޕްރައިވެޓް ކުންފުނިތަކުން ބޮޑު ކަންނެލި މަސްވެރިންނަށް މިލިއަނުން މިލިއަނުން ދޭން، އެ ކުންފުނިތަކުގެ ހާލަތު ހުރި ގޮތުންނާ އެކީގައި އެ ކުންފުނިތަކާއި ބޮޑު ކަންނެލި މަސްވެރިންނާ ދެމެދު އެ އޮތް އަންޑަސްޓޭންޑިންއެއްގެ ތެރެއިން."

އޭނާ ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރާ ބަޔަކަށް ވެސް އެ މަސައްކަތަކުން ލިބެންޖެހޭ އުޖޫރަ ނުލިބޭ ކަމަށްވާނަމަ އެ ބަޔަކު ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވީ ވައުދާ އެއްގޮތަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންނަށް މާލެ ސަރަހައްދުން ހެޔޮ އަގުގައި ޑީސެލް އާއި ތެޔޮ އެޅޭނެ ގޮތް ސަރުކާރުން ހަދައިދީފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭގެއިތުރުން ހުޅުމާލޭގައި ގާއިމުކުރަން މި ސަރުކާރުން ވައުދުވި ކަންނެލި މަސް ބަންދުކުރާ ފެސިލިޓީއަށް ބޭނުންވާ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ މިދިޔަ ހަފުތާގައި ފިޝަރީޒް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މިދިޔަ ހަފުތާގައި އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ އަޅުގަނޑުމެންގެ ވުޒާރާއަށް މި ވަނީ ލިބިފައި، އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދުފުޅާ އެކީގައި އަޅުގަނޑުމެން މި ދަނީ އިރާދަކުރެއްވިއްޔާ މި އަންނަ ޖެނުއަރީ މަހު އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށްޓުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ ފެސިލިޓީއަކީ ބޮޑު ކަންނެލި މަސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ ފެސިލިޓީއަކަށް ވެގެންދާނެ ކަމަށެވެ.

ކަންނެލި ބަންދުކުރާ ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން ވައުދުވީ ކ. ކަނޑުއޮތްގިރީގައި ހުރި މަސް ބަންދުކުރާ ފެސިލިޓީއަކީ މަސް ކިރަން އެކަށީގެންވާ ވަރުގެ ޖާގައެއް އޮތް ތަނެއް ނޫން ކަމަށް ބުނެ އެވެ.

ބޮޑުކަންނެލި މަސްވެރިން ބާނާ މަަސް ހުޅުމާލޭ ބަނދަރުގައި ކިރައި ބަންދު ކުރުމުގެ މަސައްކަތަށް 25،000 އަކަފޫޓުގެ ބިމެއް ހާއްސަކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި އެކަމާ ގުޅޭ ވަސީލަތްތައް ގާއިމު ކުރަން ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ 11، ގަ އެވެ.

އެ ދުވަހު ޝިޔާމް ވިދާޅުވީ މި އަހަރުގެ މެދެއްހާ ހިސާބުގައި އެ ފެސިލިޓީގެ މަސައްކަތް ފަށާނެ ކަމަށެވެ.

"މި ފެސިލިޓީއަށް ބޭނުންވާ ފަންޑު އިރާދަކުރެއްވިއްޔާ އައިއެސްޑީބީ މެދުވެރިކޮށް އަޅުގަނޑުމެންނަށް ހަމަޖެހިއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ މަހެއްގެ ތެެރޭގައި އަޅުގަނޑުމެން އިއުލާނު ކުރާނަން، އިއުލާނުކޮށް މަސައްކަތް އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަހަރުގެ ހަމަ މެދުތެރޭގައި މަސައްކަތް ފެށިގެން ދާނެ ކަމަށް،" ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރުއަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

ކަނޑުއޮތްގިރީގައި ހިންގި މަސް ބަންދުކުރާ ފެސިލިޓީ ހުޅުމާލެއަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޝިޔާމް އެންމެ ފުރަތަމަ ވިދާޅުވީ ޖޫން 13، 2024، ގައި މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ދުވަހު ޝިޔާމް ވިދާޅުވީ ހުޅުމާލޭގެ ބަނދަރުގައި މަސް ބަންދު ކުރެވޭނެ ގޮތެއް ހަދައިދިނުމަށް ބިމެއް ހޯދުމުގެ މަސައްކަތް އެޗްޑީސީ އާއެކު ކުރަމުންދާ ކަމަށެވެ.