Advertisement

އިޒްރޭލުން އދ. ގެ އިންޓަރިމް ފޯސްއަށް ދިން ހަމަލާ ގައުމުތަކުން ކުށްވެރިކޮށްފި

12 އޮކްޓޯބަރު 2024 - 10:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އދ. ގައި ހަރަކާތްތެރިވަމުން އަންނަ އިންޓަރިމް ފޯސް: އިޒްރޭލުން އެ ފޯސްގެ ހެޑްކުއާޓަރަށް ހަމަލާ ދިނުން ގައުމުތަކުން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ: އޭއެފްޕީ


އިޒްރޭލުން އދ. ގެ އިންޓަރިމް ފޯސްއަށް ދިން ހަމަލާ ގައުމުތަކުން ކުށްވެރިކޮށްފި

12 އޮކްޓޯބަރު 2024 - 10:41 0

އިޒްރޭލުން ލުބްނާނުގައި ހަރަކާތްތެރިވާ އދ. ގެ އިންޓަރިމް ފޯސްއަށް ދިން ހަމަލާ ގައުމުތަކުން ކުށްވެރިކޮށް، އެކަން ތަކުރާރު ނުކުރަން ގޮވާލައިފި އެވެ.

އދ. އިން ބުނީ އިޒްރޭލުގެ ޓޭންކަރަކުން ދެކުނު ލުބްނާނުގައި ހުންނަ އެ ޖަމިއްޔާގެ އިންޓަރިމް ފޯސްގެ ހެޑްކުއާޓާއަށް ހަމަލާދީފައިވާ ކަމަށެވެ. .

"ހަމަލާގައި ޒަހަމްވި މީހުންނަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫން. އެކަމަކު އެ މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން،" އދ. އިން ބުންޏެވެ.

"އަލްޖަޒީރާ" އިން ބުނީ އދ. ގެ ހެޑްކުއާޓަރުގައި ހުންނަ ގާޑް ޓަވަރަކަށް އަމާޒުވި އެ ހަމަލާގައި ޒަހަމްވީ އިންޑޮނީޝިއާއަށް ނިސްބަތްވާ އދ. ގެ ދެ އޮފިސަރުން ކަމަށެވެ.

އިޒްރޭލުގެ އެ ހަމަލާ އިންޑޮނީޝިއާ، ސްޕެއިން، ފްރާންސް، އިޓަލީ، އަޔަލޭންޑް، ތުރުކީ، ކެނެޑާގެ އިތުރުން ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އިޒްރޭލުން އދ. ގެ އިންޓަރިމް ފޯސްއަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް ގޮވާލާފަ އެވެ.

އދ. ގެ އިންޓަރިމް ފޯސްއެއް ލުބްނާނުގައި 1978 ގައި ގާއިމުކުރީ އދ. ގެ ސެކިއުރިޓީ ކައުންސިލުންނެވެ. އެއީ ދެކުނު ލުބްނާނުގައި އޭރު އިޒްރޭލާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން ގާއިމުކުރި ފޯސްއެކެވެ.

އެ ފޯސް ގާއިމުކުރީ ލުބްނާނުގައި ސުލްހަ ގާއިމުކޮށް، އިޒްރޭލުގެ ސިފައިން އެ ގައުމުން ބޭލުމަށް މަސައްކަތް ކުރުމުގެ ގޮތުންނެވެ.

އދ. ގެ އިންޓަރިމް ފޯސްގައި 50 ގައުމަކުން 10،058 ސިފައިން އަންނަނީ ލުބްނާނުގައި ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރޭގައި އިންޑޮނީޝިއާ، އިޓަލީ، އިންޑިއާ، ނޭޕާލް އަދި ޗައިނާގެ ސިފައިން ހިމެނެ އެވެ.