12 މާރިޗު 2026 - 14:09 0
12 މާރިޗު 2026 - 14:09 0
އިޒްރޭލުގައި ހުންނަ ސްޕެއިންގެ ސަފީރު ދާއިމީ ގޮތެއްގައި އަނގުރާ ގައުމަށް ގެންދަން އަންގާރަ ދުވަހު ނިންމައިފި އެވެ.
އިޒްރޭލާއި ސްޕެއިނާ ދެމެދު އޮތް ގުޅުން ގޯސްވެފައި މިވަނީ އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައާ ގުޅިގެންނެވެ. އެމެރިކާ އާއި ސްޕެއިނާ ދެމެދު އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
މި މައްސަލަ ހޫނުވާން ފެށީ، އިޒްރޭލަށް ހަތިޔާރު އުފުލާ ބޯޓުފަހަރާއި ބޯޓުތައް ސްޕެއިންގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބޭނުންކުރުން އެ ގައުމުން މަނާކުރުމާ ގުޅިގެންނެވެ.
ސްޕެއިންގެ މި ނިންމުމަކީ ޔަހޫދީންނާ ދެކޮޅު ނިންމުމެއް ކަމަށް ބުނެ އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާ ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ނަމަވެސް، ސްޕެއިނުން ވަނީ އެ ގައުމުގެ ސަފީރުގެ މަގާމު އުވާލާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ސްޕެއިންގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ތެލް އަވީވުގައި ހުންނަ އެ ގައުމުގެ އެމްބަސީ ހިންގާނީ ސަފީރެއްގެ ބަދަލުގައި "ޗާޖް ޑި އެފެއާޒް" އެކެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވަމުން ގޮސް، އެޅި އެންމެ ވަރުގަދަ ފިޔަވަޅެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްޕެއިނުން ނިންމި ނިންމުމާ ގުޅިގެން، އިޒްރޭލުން ވެސް ވަނީ މީގެ ކުރިން އެ ގައުމުގެ ސަފީރު އަނބުރާ ގެންގޮސްފަ އެވެ.
Comment