Advertisement

މި ބަސްތައް އެނގޭތަ؟ ބޭނުންކުރަންތަ؟

11 އޮކްޓޯބަރު 2024 - 10:01 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


މި ބަސްތައް އެނގޭތަ؟ ބޭނުންކުރަންތަ؟

11 އޮކްޓޯބަރު 2024 - 10:01 3

ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ މީހަކު ދިވެހިރާއްޖޭގައި ވާހަކަ ދައްކައި އުޅޭ ބަހަށް އަހުލުވެރިއެއް ނުވާނެ އެވެ. މީހާގެ ސިކުނޑި ހޭނެމުން ދާނީ އޭނާ ދިރިއުޅޭ މާހައުލުން ފެންނަ މަންޒަރުތަކަށާއި އިވޭ އަޑުތަކަށެވެ. ދިވެހި ބަސް ނެތިގެންދާ ކަމުގައިއާއި، ދިވެހި ޒުވާނުން ދިވެހި ބަހަށް އަހުލުވެރި ނޫންކަމުގެ ކަންބޮޑުވުން ފާޅުކޮށް ލިޔެފައި ހުރި ލިޔުންތައް މީގެ ދަހަރުތަކެއް ކުރިންވެސް ލިޔެވިފައި ހުރީތީ ފެނެ އެވެ. މުހައްމަދު ޖަމީލުދީދީ، އިބްރާހީމް ޝިހާބު އަދި ހުސައިން ސަލާހުއްދީނު ފަދަ ގައުމީވަންތަ އިލްމުވެރިންގެ ގަލަންތަކުންނެވެ. އެ ބޭފުޅުން 'މިހާރުގެ ޒުވާނުންނޭ' ވިދާޅުވެފައިވާނީ އަޅުގަނޑުމެންގެ ކާފަމެންގެ ޖީލަށެވެ. އެހެންވީމާ އޭރު ހީނަރުވާން ފެށިގޮތަށް އަދިވެސް ދިވެހިބަސް މިދަނީ ހީނަރުވަމުންނެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ރޭވިފައިވާ ގޮތާއި، މި މުޖުތަމައުގެ އާދަކާދަ ހުރިގޮތަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ދިވެހި ބަހަށް ކުރިއެރުމެއް އައިސްދާނޭކަމަކަށް ނުފެނެ އެވެ. ދިވެހިބަސް ދާނީ ހަމަ ހީނަރުވަމުންނެވެ. އެއީ އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެތިއްބަވާ ބޭފުޅުން އެކަމުގައިވެސް އަމަލުކުރައްވަނީ އެހެން ޒިންމާތަކުގައިވެސް އަމަލުކުރައްވާ އުސޫލުންނެވެ. އިދާރާތަކުގެ ޒިންމާއަކަށް ވެފައި އޮންނަނީ ކަންބޮޑުވުން ފާޅުކުރެއްވުމާއި، ގޮވާލެއްވުމާއި، އިލްތިމާސްކުރެއްވުމެވެ. ދެން އޭގެ ފަހުން ހަނދާންނައްތަވާލެއްވުމެވެ.

ދިވެހިބަހާމެދު ލޯބި އޮތް ކޮންމެ މީހަކަށްވެސް އޮންނަ، ކަންބޮޑުވުން ފާޅުކުރުމުގެ ޒިންމާ އަޅުގަނޑަށްވެސް އެއޮތީ އަދާކުރެވިފަ އެވެ. ދެންއޮތީ ބަހުގެ ރަދީފުގައި ހިމެނޭ، އެކަމަކު ލިޔުންތަކާއި، އާންމު ބޭނުންތަކުގައި އެހައި އާންމު ނޫން ބައެއް ބަސްތަކަށް ބަލައިލުމެވެ. ދިވެހި ބަހަށް ޝައުގުވެރިކަން ހުރި ދިވެއްސެއްގެ ހައިސިއްޔަތުންނެވެ.

މައީޝަތު

މި ބަހުގެ މާނައެއް ކަމުގައި ރަދީފުގައި އޮތީ 'ދިރިއުޅުމުގެ ފާގަތިކަމާއި ދުޅަހެޔޮކަމާއި ތަނަވަސްކަމާއި ހިތްހަމަޖެހުން ފަދަ ހާލަތްތައް' އެވެ. މިއީ އިނގިރޭސި ބަހުގައި އެކިޔާ 'ކުލަޓީ އޮފް ލައިފް' ގެ ވާހަކަ އެވެ. މި ބަސް ބޭނުންކުރެވިދާނޭ ހާލަތަށް ބަލާއިރު 'ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް ދިވެހިރާއްޖެއަކީ އާންމު މައީޝަތު ރަނގަޅު ގައުމެކެވެ.' މިހެން ބުނެވިދާނެ ކަމަށް ފެނެ އެވެ.

ރައުނަގު

މި ބަހުގެ މާނައަކީ 'ހިތްދަމައިގަންނަ ފަދަ އުޖާލާކަމާއި ރިވެތިކަން ހުރި' އެވެ. ބައެއް ޅެންތަކުގައި، އަދި ބައެއް ލިޔުންތަކުގައި މި ލަފުޒު ބޭނުންކޮށްފައި ހުންނާތީ ފެނެ އެވެ. އެކަމަކު އާންމުކޮށް ވާހަކަ ދައްކައި އުޅޭ އުޅުމުގައި މި ލަފުޒު ބޭނުމެއް ނުކުރެ އެވެ. އެކަމަކު މިއީ ބޭނުންކުރަން ރަނގަޅު، ދުލަށް ފަސޭހަ ރީތި ލަފުޒެކެވެ. މިސާލަކަށް ޒުވާންކަމުގެ ރައުނަގު ފަނޑުނުވެޔޭ ބުނެވިދާނެ އެވެ. ޖަވާހިރުގައި ހުރި ރައުނަގީ އަސަރޭވެސް ބުނެވިދާނެ އެވެ. މި ލަފުޒު ބޭނުންކޮށްލުމުން، ތިޔަ ބުނާ ބަހުގެ ރައުނަގު އިތުރުކުރެވިދާނެ އެވެ.

އިޖުރާތު އަދި ލުއިފަރުވާ

މި ދެބަހުގެވެސް އިނގިރޭސި ލަފުޒަކީ ޕްރޮސީޖަރ އެވެ. ދިވެހި ބަހުގައި އިޖުރާތުގެ މާނައަކީ ކަމެއް ކުރުމަށްޓަކައި ޒަމާނުއްސުރެ ކަނޑައެޅިފައިވާ ނުވަތަ ރަސްމީކޮށް ކަނޑައަޅައިފައިވާ ގޮތެވެ. އެއީ އާންމު ހާލަތުތަކުގައި އެ ބަސް ބޭނުންކުރާނަމަ އެވެ. ސިއްހީ ކަމަކާ ގުޅުވައި އެ ބަސް ބޭނުންކުރާނަމަ 'ލުއިފަރުވާ' އަކީ އެހާލަތަށް ހާއްސަ ތަރުޖަމާ އެވެ. ރަދީފުގައި ލުއިފަރުވާ މާނަކޮށްދީފައި އޮންނަނީ 'ސިއްހީ ފަރުވާއެއް ދިނުމުގެ ގޮތުން ކުރާ ކުދިކުދި ކަންތައް. މީގެ ތެރޭގައި އިންޖެކްޝަން ޖެހުމާއި ކުދިކުދި ފެޅުންތަކާއި ބޭސް އެޅުން ފަދަ ކަންކަން ހިމެނެއެވެ.' މިހެންނެވެ.

ގުނާނަ

މިއީ އިނގިރޭސި ބަހުގައި އެކިޔާ ކައުންޓްޑައުން އެވެ. މި ބަސް ބޭނުންކުރުން މިހާރު މަޑުމަޑުން އިތުރުވަމުން އެބަ ދެ އެވެ.

މި ބަސް ބޭނުންކުރާނޭ ގޮތުގެ މިސާލުވެސް ރަދީފުގައި ހިމަނާފައި އޮވެ އެވެ. މިސާލަކަށް؛ އައު އަހަރު ފެށުމުގެ ގުނާނަ ފެށޭނީ، ޑިސެންބަރު އެއްތިރީސްވަނަ ދުވަހުގެރޭ އެގާރަގަޑި ފަންސާސް ނުވައެއްގަ އެވެ.

އެހީދާރު

ބަހުގެ އޮނިގަނޑަށް ބެލުމުން މި ލަފުޒުގެ މާނަ އެބަ ދޭހަ ވެ އެވެ. އެހީއަކީ އަޅައިލުން ނުވަތަ އެކި ގޮތްގޮތުން މީހުންނަށް ލުއިކޮށްދިނުމެވެ. 'ދާރު' އެއީ އަކުރެކެވެ. އެއީ ކަމެއް ބަލަހައްޓަން ހަވާލުވާ ފަރާތެއްކަން އަންގައިދޭން އެ ކަމަކާ ގުޅޭ ލަފުޒެއްގެ ފަހަތަށް އިތުރުކުރާ އެކައެކެވެ. އެހެންވީމާ އެހީދާރު އެއީ އެހީވުމާ ހަވާލުވެ ހުންނަ މީހާ އެވެ. އެހެންނަމަވެސް މި ބަސް ބޭނުންކުރަންޖެހޭ ކޮންމެ ތަނެއްގައި އާންމުކޮށް ބޭނުންކުރަނީ 'އެހީތެރިޔާ' މި ލަފުޒެވެ. 'އެހީތެރިޔާ' އަކީ އެހީވާ މީހާ އެވެ. އެ މީހަކީ ކޮންމެހެން އެކަމާ ހަވާލުވެހުރި މީހަކަށް ނުވެދާނެ އެވެ. ވަޒީރުންގެ ނައިބުންނަކީ އެމީހުންގެ އެހީދާރުންނެވެ. އެއީ ވަޒީފާއެއްގެ ގޮތުގައި އެކަން މަތިކުރެވިފައިވާތީ އެވެ.

ވާސަ

މިއީ ބަހުރުވައިގެން ގޮތުން ބަލާނަމަ ބޯދާ ނުވަތަ އެވޭލާ ޒަމާނުގެ ބަހެކެވެ. މާނައަކީ ދިރިއުޅޭ ވެށި އެވެ. ދޫނިސޫފާސޫފީގެ ވާސައަކީ ގަސްގަހާގެއްސެވެ. މި ބަސް ބޭނުންކުރަން މިހާރު ބުނެއުޅެނީ 'ދިރިއުޅެނީ' ކަމުގަ އެވެ.

ހީރަސްކުރުން

މިބަހުގެ އިނގިރޭސި ލަފުޒަކީ އެޓޭޗް އެވެ. ލިޔުމަކާއެކު ހިމެނިފައިވާ އިތުރު ލިޔުމެއް ނުވަތަ ކަރުދާހަކީ އެ ލިޔުމާއެކު ހީރަސްކުރެވިފައިވާ ތަކެއްޗެވެ. އަޅުގަނޑަށް ކިޔާލަން ލިބުނު ބައެއް އިހުގެ ލިޔުންތަކުގައި 'މި ސިޓީއާއެކު އެއްއުރަ ކުރެވިފައިވާނެ އެވެ.' މިހެން ލިޔެފައިވާތީ ފެނުނެވެ. އެ ޒަމާނުގައި ހީރަސް ކުރުމަކީ އެހައި އާންމު ކަމަކަށް ނުވާނެ އެވެ. ސިޓީއާއެކު ހިމަނަން ބޭނުންވާ އެއްޗެއް އެ ސިޓީ އުރައަށް އަޅާނީ އެވެ. އޭރުން އެކުރެވުނީ އެއްއުރަ އެވެ. ހީރަސްކުރުން އެއީ ފަހުގެ ބަހެކެވެ. މިހާރު ރަދީފުގައި ރަސްމީ ގޮތެއްކަމަށް ބަލައިގެންފައި އޮތީ ހީރަސްކުރުމެވެ. ރީތި ބަހެކެވެ.

އަނަފާ

އަނަފާއަކީ ނާޖާއިޒު ފައިދާ ނުވަތަ މަންފާ ނަގާ ނެގުމެވެ. މިއީ 'ނަފާ' މި ބަހުގެ އަސްލުން އުފެދިފައިވާ ބަހެކޭ ހިތަމެވެ. އެހެންނަމަވެސް މިއީ 'ނަފާ' ގެ އިދިކޮޅެއް ނޫނެވެ. ނަފާގެ މާނައަކީ މަންފާ ނުވަތަ ފައިދާ އެވެ. 'އަނަފާ' އޭ ބުނުމުން ނަގާ ނާޖާއިޒު މަންފާގެ ވާހަކަ ބުނެވެ އެވެ. މިސާލަކަށް؛ "ރާއްޖޭގެ މާލީ ތާށިކަން ފިލުވުމުގެ ނަމުގައި އަނަފާ!؟" މި ސުރުހީގައި އެވަނީ ދިވެހިރާއްޖޭގެ މާލީ ތާށިކަން ސަބަބަކަށް ހަދައި ބަޔަކު ނާޖާއިޒު މަންފާ ނަގަމުން ދަނީތޯ ސުވާލު އުފައްދާފަ އެވެ.

ނިމުތު

ނިމުތަކީ ކުރާ ލަފާ ނުވަތަ އަންދާޒާ އެވެ. ނުވަތަ ފޯކާސްޓް އެވެ. މިސާލަކަށް ރާއްޖޭގެ އިގުތިސާދު އިތުރަށް ހީނަރުވާނޭކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ނިމުތު ކުރެ އޭ ބުނެވިދާނެ އެވެ. މޫސުން ނިމުތުކުރާ ގޮތުގައި މެދުރާއްޖެތެރެއާ ދެކުނަށް މާދަމާވެސް ވިއްސާރަކުރާނެ އެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާގެ ރަސްމީ އިންޓަނެޓު މަންސައިގައި ބޭނުންކުރަނީ މި ލަފުޒެވެ. އެހެންނަމަވެސް ޓީވީ ރޭޑިއޯއިން އިއްވަނީ މޫސުން ކުރިއަށް ލަފާކުރާ ގޮތެވެ. ނިމުތުކުރާ ގޮތެއް ނޫނެވެ.

ތަޒުކާރު

ކުޑަކޮށް ހާވައި ބަލައިލިއިރު ބަސް ފޮތް ނޫން އެހެން އެއްވެސް ތަނަކުން މި ލަފުޒެއް ނުފެނުނެވެ. އެކަމަކު ތަޒުކާރު ދިނުމާއި ގަތުމާއި ވިއްކުމަކީވެސް އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. ތަޒުކާރަކީ ސުވެނިއަރ އެވެ. ތަނެއް ނުވަތަ ކަމެއްގެ ހަނދާން ދަމަހައްޓައިދޭ ނުވަތަ ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ދޭ ތަކެއްޗެވެ. ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް އަޅުގަނޑުމެންގެ ވެރިން ހަދިޔާއަށް އަރުވާ ކުދި އޮޑިދޯނި ފަދަ ތަކެއްޗަކީ ރާއްޖެއިން ވެދުމަށް އަރުވާ ތަޒުކާރެވެ.

މަތީގައި މި ބުނެވުނު ބަސްތަކުގެ އިތުރުންވެސް، އަޅުގަނޑުމެންގެ ރަދީފު ފުރިފައި ހުރީ މިފަދަ ޗާލު ބަސްތަކުންނެވެ. ބޭނުން ނުކުރާތީ ނުވަތަ ފަސޭހަ ގޮތް ހިޔާރުކުރެވޭތީ އަޅުގަނޑުމެންގެ ރާޑަރަށް ނާރައިހުރި، ނުވަތަ އަޅުގަނޑުމެން އެހައި ފަރިތަ ނޫން މިކަހަލަ ކިތަންމެ ބަހެއް ރަދީފުގައި އެބަހުއްޓެވެ. ލިޔުންތަކުގައި ބޭނުންކުރާ އިނގިރޭސި ބަސްބަހުގެ ބަދަލުގައި މިފަދަ ބަސްތައް ބޭނުންކުރެވޭނަމަ މި ބަސްތައް އާންމުވެ ހިނގައިގަންނާނެ އެވެ. 'ދުވާރު' އެ ލަފުޒު އާންމުވެ، 'ދުވެގަތް' ހެންނެވެ.