Advertisement

އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓުވަން ޖެހޭ: ފްރާންސްގެ ރައީސް މެކްރޮން

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އަދި (ވ) އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން -- ފޮޓޯ: އޭއެފްޕީ


އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓުވަން ޖެހޭ: ފްރާންސްގެ ރައީސް މެކްރޮން

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލަން ޖެހޭ ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވިދާޅުވީ މިއަދު ގާޒާ މައްސަލައަށް ހައްލު ގެނައުމަށް އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓުމަކަށް ގެނެސް ސިޔާސީ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

"ފްރާންސުން އެއްވެސް ހަތިޔާރެއް އިޒްރޭލަށް ފޯރުކޮށް ނުދޭ. އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓުމަކަށް ގެންނަން ޖެހޭ،" މެކްރޮން ވިދާޅުވި އެވެ.

މެކްރޮން ވިދާޅުވީ އިޒްރޭލުން ލުބްނާނަށް ހަމަލާތައް ދޭން ފަށާފައިވާއިރު އެ ގައުމު ދެވަނަ ގާޒާއަށް ވާން ނޭދޭ ކަމަށެވެ.

އެގޮތުން ލުބްނާނަށް އަރައި ތިބި އިޒްރޭލުގެ ސިފައިން ފައިބައި، އެ ގައުމުގައި ވެސް ސުލްހަ ގާއިމު ކުރަން ޖެހޭ ކަމަށް މެކްރޮން ވިދާޅުވި އެވެ.

މެކްރޮންއަށް ރައްދުދީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިޒްރޭލުން ގާޒާ ހަނގުރާމައިގައި ފްރާންސާ ނުލައި ވެސް ކުރިހޯދާނެ ކަމަށެވެ.

ފްރާންސަކީ ޔޫރަޕިއަން ޔޫނިއަންގައި އަޑުގަދަ ގައުމަކަށްވާއިރު އެ ގައުމަކީ އދ. ގެ ސާލަމަތީ މަޖިލީހުގެ ވެސް ދާއިމީ މެންބަރެކެވެ.

މިދިޔަ ސެޕްޓެމްބަރުގައި އިނގިރޭސިވިލާތުން ވަނީ އިޒްްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލާފަ އެވެ. ނަމަވެސް އެމެރިކާއިން ދަނީ މެދުނުކެނޑި އިޒްރޭލަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދެމުންނެވެ.