Advertisement

އިޒްރޭލުން ހިންގާ ނަސްލުހޭދުކުރުން: މުސްލިމު ނޫން ބައެއް ގައުމުތައް މުސްލިމު ގައުމުތަކަށްވުރެ ރަނގަޅު!

7 އޮކްޓޯބަރު 2024 - 09:16 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އާޓްވޯކް: އިސްމާއިލް އިމްދާދް


އިޒްރޭލުން ހިންގާ ނަސްލުހޭދުކުރުން: މުސްލިމު ނޫން ބައެއް ގައުމުތައް މުސްލިމު ގައުމުތަކަށްވުރެ ރަނގަޅު!

7 އޮކްޓޯބަރު 2024 - 09:16 2

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި މެދުނުކެނޑުމެއް ނެތި ނަސްލުހޭދު ކުރުމެއް ހިންގަމުންދާތާ މިއަދަށް އަހަރެއް ފުރުނީ އެވެ. އެކަމަކު، އެ އަނިޔާވެރިކަމުގެ ހަގީގަތް ގަބޫލު ކުރަން ބޭނުން ނުވާ ގައުމުތައް އަދިވެސް މަދެއް ނޫނެވެ.

އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އެމެރިކާ އަދި އިނގިރޭސިވިލާތެވެ. އިޒްރޭލުން ހިންގާ ލާއިންސާނީ ހަނގުރާމަ ކުށްވެރި ކުރުމުގެ ބަދަލުގައި އެ ދެ ގައުމުން ދަނީ ފައިސާ އައި ހަތިޔާރުން ޔަހޫދީންނަށް ހިތްވަރުދެމުންނެވެ.

އިޒްރޭލުގެ ނަސްލުހޭދު ކުރުމަށް ބީރު ކަންފަތެއް ދީގެން ތިބި މުސްލިމު ގައުމުތައް ވެސް މަދެއް ނޫނެވެ.

ބައެއް މުސްލިމު ގައުމުތައް ހުޅުނގުގެ ގައުމުތަކުގެ ފައި ބުޑަށް ވެއްޓިފައި ތިބުމުން، ފާޅުގައި އިޒްރޭލާ ދެކޮޅަށް މަސައްކަތެއް ނުކުރެ އެވެ. މުސްލިމް އެތައް ހާސް ބަޔެއްގެ ތާރީހީ ލޭއޮރުވުމެއް ހިންގަމުންދާއިރު، މުސްލިމު ގިނަ ގައުމުތައް ތިބެނީ ހަނެވެ.

ނަމަވެސް ހުޅަނގުގެ ބައެއް މަދު ގައުމުތަކުން ދަނީ ފާޅުގައި އިޒްރޭލާ ދެކޮޅަށް ތެދުވެ އަޑު އުފުލަމުންނެވެ. އޭގެ ތެރޭގައި ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެ ގައުމުތައް ހިމެނެ އެވެ.

މުސްލިމް ބައެއް ގައުމުތައް އިޒްރޭލާ ދެކޮޅަށް ތެދުވަން ނުކެރެނީ ވަރުގަދަ އެމެރިކާއާ އޮތް ގުޅުން ކެނޑި، ލިބެމުންދާ އެހީތައް ނުލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބެލެވެ އެވެ. ބައެއް ގައުމުތައް އިސްކުރަނީ ސިޔާސީ އެޖެންޑާ އެވެ. ބައެއް ގައުމުތައް ޖެހިލުންވަނީ ބިމުން ބައެއް ގެއްލިދާނެތީ އެވެ. އެހެން ބައެއް ގައުމުތަކުގެ މަގުސަދަކީ މަކަރުވެރިކަމުން އިތުރަށް ބިން ހޯދުމެވެ. އޭގެ އިތުރުން، ސުންނީ އަދި ޝިއައީ މުސްލިމުންގެ ހިޔާލު ތަފާތުވުން ވެސް ގާޒާގައި ހިންގާ ގަތުލްއާންމަށް ވުރެ އިސްކުރެވެނީ އެވެ.

މުސްލިމު ގިނަ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ތެދުވަން ނުކުރެނީ ކީއްވެ؟

އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން 28 ގައުމެއް އިޒްރޭލަކީ މިނިވަން ދައުލަތެއް ގޮތުގައި ބަލައި ނުގަނެ އެވެ. އޭގެ ތެރޭގައި 15 ގައުމަކީ އަރަބި ގައުމުތަކެވެ. އެ ގައުމުތަކަކީ އަލްޖީރިއާ، ކޮމޯރޮސް، ޖިބޫޓީ، އިރާގް، ކުވައިތު، ލުބްނާން، މައުރިޓޭނިއާ، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ސޯމާލިއާ، ސީރިއާ، ޓިއުނީޝިއާ އަދި ޔަމަނެވެ.

އޭގެ އިތުރުން މުސްލިމު ގައުމުތަކުގެ ތެރެއިން އިޒްރޭލަކީ މިނިވަން ދައުލަތެއް ގޮތުގައި އަފްގާނިސްތާން، ބަންގްލަދޭޝް، ބުރުނާއީ، އިންޑޮނީޝިއާ، އިރާން، މެލޭޝިއާ، ރާއްޖެ، މާލީ، ނިގާ އަދި ޕާކިސްތާނުން ބަލައިގަނެފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓް 13 ގައުމަކުން ވަނީ މަނާ ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަލްޖީރިއާ، ބަންގްލަދޭޝް، ބުރުނާއީ، އިރާން، އިރާގް، ކުވައިތު، ލުބްނާން، ލީބިޔާ، މެލޭޝިއާ، ޕާކިސްތާން ސައުދީ އަރަބިއްޔާ، ސީރިއާ އަދި ޔަމަން އެވެ.

ރާއްޖެއިން ވެސް ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމިކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އެކަން ރަސްމީ ކުރުމަށް ރާއްޖެއަކުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެމެރިކާ ފަދަ ގައުމުތަކުގެ ނުފޫޒު އޭގެ ތެރެއަށް ވަދެ ރާއްޖެއިން އެކަން ރަސްމީ ކުރުން ދަނީ ދިގު ދަންމަމުންނެވެ.

މިސްރު އަދި ޖޯޑަން:

މިސްރާއި އުރުދުންއަކީ އެ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލައި، ސުލްހައިގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރި ދެ ގައުމެވެ. މިސްރުން 1979 ގައި އެ އެއްބަސްވުމުގައި ސޮއިކުރިއިރު، ޖޯޑަންއިން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރީ 1994 ގަ އެވެ. އެއަށްފަހު އެ ދެ ގައުމުން ވެސް ދަނީ އިޒްރޭލާއެކު ހެދި އެއްބަސްވުން ދަމަހައްޓަމުންނެވެ.

އިޒްރޭލުން މިސްރު އަދި ޖޯޑަންއާއެކު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ މެދުވެރިއަކަށްވީ އެމެރިކާ އެވެ. އެމެރިކާއިން ދިޔައީ އެ ދެ ގައުމަށް ވެސް އެއަށްފަހު އެހީވެ، އެ ގައުމުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އަސްކަރީ ބޭސްތައް ގާއިމުކޮށް އިޒްރޭލަށް ހިމާޔަތް ދެމުންނެވެ. އެމެރިކާ ދުރުގައި އޮތުމުން އަރަބި ގައުމުތަކަށް ނުފޫޒު ފޯރުވަނީ އިޒްރޭލު މެދުވެރިކޮށްގެންނެވެ. އަދި އެ ގައުމަށް ވާގިވެރިވާ އެހެން އަރަބި ގައުމުތައް ބޭނުންކޮށްގެން ވެސް ނުފޫޒު ފޯރުވަ އެވެ.

އިޒްރޭލުގެ ގަތުލްއާންމު ފެށުނު ފަހުން އެ ގައުމަށް އިރާނުން ހަމަލާދިން ދެ ފަހަރު ވެސް އެކަން ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދިޔަ އެއް ގައުމަކީ ޖޯޑަން އެވެ. އެ ގައުމުން ވަނީ އިރާންގެ މިސައިލްތަކާއި ޑްރޯންތައް ހުއްޓުވަން އިޒްރޭލަށް ވައިގެ ސަރަހައްދު ހުޅުވައިދީ، އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިޒްރޭލުން ހިންގާ ގަތުލްއާންމާ ގުޅިގެން މިސްރު އަދި ޖޯޑަންއިން މާ ބޮޑު ސަމާލު ކަމެއް ނުދެ އެވެ. އެ ދެ ގައުމުން ބުނާ ގޮތުގައި އެންމެ އިސްކުރަނީ ސުލްހަ އެވެ. ނަމަވެސް ސަރަހައްދުގައި ސުލްހަ ގާއިމު ކުރުމުގެ ބަދަލުގައި އެ ދެ ގައުމުން ވެސް ހަގީގަތުގައި އިސްކުރީ އެ ދެ ގައުމުގެ މަސްލަހަތެވެ. އެ ގައުމުގައި ދިރިއުޅޭ މުސްލިމުން އެކަމާ ދެކޮޅެވެ. އަދި އަޑު އުފުލައި މުޒާހަރާތައް ވެސް ވަނީ ކޮށްފަ އެވެ.

ޔޫއޭއީ، މޮރޮކޯ، ބަހްރެއިން އަދި ސޫދާން:

އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުން ހަދަން ސީރިއާ، ލުބްނާން، މޮރޮކޯ، ބަހްރެއިން، އޮމާން، ގަތަރު، ޓިއުނީޝިއާ، ޔޫއޭއީ އަދި ސައުދީން އެކި އަހަރުތަކުގައި މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމަކާ ހިސާބަށް ނުދެވި ގުޅުން ބަދަހި ކުރެވުނީ 2020 ގައި ޔޫއޭއީ، މޮރޮކޯ، ބަހްރެއިން އަދި ސޫދާނާ އެކުގަ އެވެ. އެހެން ގައުމުތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނެވެ.

ޔޫއޭއީން އިޒްރޭލާ އޮތް ގުޅުން މިއަދާ ހިސާބަށް ވެސް ދަމަހައްޓަމުން އަންނައިރު، އެ ގައުމުން ވަނީ އިޒްރޭލާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް 2022 ގައި ހަދާފަ އެވެ. އަދި ޓޫރިޒަމްގެ ދާއިރާއިން ވެސް ދެ ގައުމުން އޮތީ ގުޅުން ބަދަހިކޮށްފަ އެވެ. އަދި 2021 ގައި ޔޫއޭއީން ވަނީ އިޒްރޭލުގައި އެމްބަސީއެއް ގާއިމުކޮށް އިޒްރޭލާއެކު ހާރިޖީ ގުޅުން ފުރިހަމައަށް ގާއިމުކުރި ފުރަތަމަ ގައުމަށް ވެފަ އެވެ.

ސޫދާނުން އިޒްރޭލާއެކު ގުޅުން ގާއިމުކުރަން 2020 ގައި އެއްބަސްވީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައެއް ކަންކަމަށް އެއްބަސްވުމުންނެވެ. އެއްބަސްވީ އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫދާން ނަގައި، އެހީތައް އިއާދަކޮށް އެހީތައް ދޭން ނިންމުމަށެވެ. އެއާއެކު ސޫދާނުން މިއަދާ ހަމައަށް ވެސް އިޒްރޭލާ އޮތް ގުޅުން ދަނީ ދަމަހައްޓަމުންނެވެ.

މޮރޮކޯއިން 2020 ގައި އިޒްރޭލާއެކު ގުޅުން ބަދަހި ކުރިއިރު ވެސް މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ އެމެރިކާއިންނެވެ. އެގޮތުން ގުޅުން ބަދަހި ކުރުމުގެ ބަދަލުގައި އެމެރިކާއިން ވަނީ މޮރޮކޯއިން ވެސްޓާން ސަހަރާގެ މައްޗަށް އިހުތިސާސް އޮތް ކަމަށް ބުނާ މައްސަލައިގައި އެ ގައުމަށް ތާއީދު ކުރުމަށް ނިންމައި، ސަލާމަތީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ޑްރޯންތަކެއް ހަދިޔާކޮށްފަ އެވެ.

މުސްލިމު ބައެއް ގައުމުތަކުން އިޒްރޭލަށް ވާގިވެރިވަމުން ދިޔައީ އެ ގައުމުތަކުގެ އަމިއްލަ މަސްލަހަތު އިސްކޮށްގެންނެވެ. އަމިއްލަ ގައުމަށް މޮޅު ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެމެރިކާގެ ނިވަލުގައި ތިބެންވެގެންނެވެ. އެކަމަކު ގާޒާގައި މުސްލިމުންނަށް ލާއިންސާނީ އެތައް އަނިޔާއެއް ދޭއިރު އެއްޗެކޭ ނުބުނެ ތިބެން މިއަދު ލަދު ނުގަންނަނީބާއޭ ހިތާ ސުވާލު ކުރެވެ އެވެ.

އަރަބި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ސައުދީ އަރަބިއްޔާ ހަނު

ސައުދީ އަރަބިއްޔާއަކީ އަރަބި ގައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި ގައުމެވެ. މުޅި ދުނިޔޭގެ ތެލުގެ ރިޒާވުގެ 15 ޕަސަންޓް ހިއްސާކުރާ ސައުދީން ހޯދާ އާމްދަނީގެ 90 ޕަސެންޓަކީ ތެލުގެ ވިޔަފާރި އެވެ. އެހެން ކަމުން އެ ގައުމުން ޔޫރަޕްގެ ގައުމުތަކާ އޮތް ޒަމާންވީ ގުޅުން ދަމަހައްޓަން ބޭނުންވާނެ އެވެ.

ސައުދީ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރަށް ވަރުގަދަ އެވެ. ނަމަވެސް އިޒްރޭލާއެކު އެ ގައުމުން މިހާތަނަށް ގުޅުން ގާއިމު ކޮށްފައި ނުވެ އެވެ. އެކަމަށް އެމެރިކާއިން ބާރު އެޅި ނަމަވެސް، މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. އެކަމަށް ސައުދީގެ ސަރުކާރުން އެއްބަސް ނުވަނީ އެވެ.

ސައުދީން ފަލަސްތީނުގެ ދިފާއުގައި ބަސް ބުނި ނަމަވެސް، އެ ގައުމުން ސަރަހައްދުގެ އެންމެ ނުފޫޒުގަދަ އަދި މުއްސަނދި ގައުމު ގޮތުގައި އޮވެގެން އިޒްރޭލާ ދެކޮޅަށް މާބޮޑު މަސައްކަތްތަކެއް ނުކުރެ އެވެ. އެކަމާ އެ ގައުމުގެ ރައްޔިތުން އަދި ގިނަ މުސްލިމުން އަންނަނީ އެކި ތުހުމަތުގެ އިނގިލި ސައުދީއަށް ދިއްކުރަމުންނެވެ.

ސައުދީ އާއި އިރާންގެ ވާދަވެރިކަން ސަރަހައްދުގައި ބޮޑުކަމީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. ނަމަވެސް ގާޒާއަށް އެހީވުމުގެ ބަދަލުގައި ސައުދީން ދަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދޭ އެމެރިކާއަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ. ހަގީގަތުގައި ސައުދީ ވެސް އޮތީ އެމެރިކާ އަތްދަށުވެފައި ކަމަށް ބުނުމުގެ ޖާގަ މިއަދު އެބަ އޮތެވެ.

ސައުދީއަކީ އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓުވުމުގެ ބާރު އޮތް ގައުމެކެވެ. އެ ގައުމުން އެމެރިކާ އަދި އިޒްރޭލުފަދަ ގައުމުތަކަށް ތެޔޮ ވިއްކުން ހުއްޓުމާއެކު އިޒްރޭލަށް ގަތުލްއާންމު ހުއްޓާލަން މަޖުބޫރު ވާނެ އެވެ. އެކަމަކު ސައުދީން އެކަން ކުރަން ބޭނުން ނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ފަހަރެއްގައި ސައުދީން އެމެރިކާއާ ގުޅިގެން ސަރަހައްދުގެ ބާރު ހޯދަން ކުރާ މަސައްކަތަށް ހުރަސް އެޅިދާނެތީ ކަމަށް ވެދާނެ އެވެ.

އިރާނުން ދެ ފަހަރެއްގެ މަތިން އިޒްރޭލަށް ހަމަލާދިން

އޮކްޓޯބަރު 7، ގައި އިޒްރޭލުން ގާޒާގައި ގަތުލްއާންމު ހިންގަން ފެށި ފަހުން ގައުމަކުން އެންމެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް ދިނީ އިރާނުންނެވެ. ލުބްނާނުގެ ހިޒްބުﷲ އަދި ފަލަސްތީނުގެ ހަމާސްއިން ވެސް މެދުނުކެނޑި އިޒްރޭލަށް ދިޔައީ އެކި ގޮތް ގޮތުން މިދިޔަ އެއް އަހަރު ތެރޭގައި ހަމަލާތައް ދެމުންނެވެ.

އިރާނުން ފުރަތަމަ ހަމަލާ ދިނީ އޭޕްރިލް 13، ގަ އެވެ. އެ ހަމަލާ ދިނީ ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ރައްދުގަ އެވެ. އަދި ދެވަނަ ހަމަލާ އޮކްޓޯބަރު 1، ގައި ދިނީ ހަމާސް އާއި ހިޒްބުﷲ ގެ ލީޑަރު މަރާލުމާ ގުޅިގެން އެކަމުގެ ރައްދެއްގެ ގޮތުގަ އެވެ.

އިރާނުގެ ފުރަތަމަ ހަމަލާގައި 185 ޑްރޯން، 110 ސާފޭސް ޓު ސާފޭސް މިސައިލް އަދި 36 ކްރޫޒް މިސައިލް ފޮނުވާލި އެވެ. އެ ހަމަލާތައް ދިނީ އިރާނުގެ ހުރި ބާރު ދައްކާލަން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހަމަލާ ބައެއް ތަންތަނަށް އަމާޒުވި ނަމަވެސް، ގިނަ ހަމަލާތައް ވަނީ ހުއްޓުވާފަ އެވެ.

ނަމަވެސް އިރާނުން ދިން ދެވަނަ ހަމަލާގައި 200 ބެލެސްޓިކް މިސައިލް އިޒްރޭލަށް ފޮނުވާލި އެވެ. އެ މިސައިލްތައް އަމާޒުކުރީ އިޒްރޭލުގެ އަސްކަރީ ބޭސްތަކަށެވެ. އެގޮތުން ބޮޑެތި ގެއްލުންތަކެއް އަސްކަރީ ބޭސްތަކަށް ލިބުނު ކަމަށް ރިޕޯޓްތައް ބުންޏެވެ. އެކަމާ ގުޅިގެން ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

އިރާނުން ވެސް މިހާތަނަށް އިޒްރޭލާއެކު ހަނގުރާމައަށް ނުދާތީ އަދި ގާޒާ ސަލާމަތް ކުރަން ހުރި ބާރުގެ ބޭނުން ކޮށްގެން ނޫޅޭތީ ގިނަ ބަޔަކު އިރާނަށް ވެސް ތުހުމަތުތަކެއް ކުރެ އެވެ. އެއީ އިރާނުން ވެސް ވަކި އެޖެންޑާއެއް ގެންގުޅެ، ފަލަސްތީނުގެ ދިފާއުގައި މާ ބޮޑަށް ނުއުޅޭ ކަމުގެ ހެއްކެކެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރަމުން އަންނަ ހަމާސް އާއި ހިޒްބުﷲ އަށް ހަތިޔާރު ފޯރުކޮށްދެނީ އިރާނުން ކަމަށްވެ އެވެ. އަދި އިރާނުން ފާޅުގައި އިޒްރޭލާ ދެކޮޅަށް ނުކުމެ ހަނގުރާމަ އިއުލާން ނުކުރާތީ އެ ގައުމުގައި މުޒާހަރާތައް ވެސް އަންނަނީ ކުރަމުންނެވެ.

މުޅި މެދުއިރުމައްޗަށް އަދި މުސްލިމް ގައުމުތަކަށް މިވަގުތު އިޒްރޭލާ ދެކޮޅަށް ހަމައެކަނި މަސައްކަތް ކުރާނެ ކަމުގެ އުންމީދެއް ކިރިޔާ ވެސް އޮތީ އިރާނެވެ. އެއީ އެ ގައުމުން މިހާތަނަށް ދެ ފަހަރު އިންޒާރު ދިނުމަށްފަހު އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާތީ އެވެ.

މުސްލިމު ބައެއް ގައުމުތަކަށްވުރެ އެހެން ގައުމުތައް މާ ރަނގަޅު

އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި އެންމެ ފުރަތަމަ އަޑު އުފުލީ ދެކުނު އެފްރިކާއިންނެވެ. އެ ގައުމުން ވަނީ އިޒްރޭލް ގޮވައިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގޮސް، އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓާލުމަށް ގޮވާލައިފަ އެވެ. ދެކުނު އެފްރިކާއިން ގަބޫލު ކުރާ ގޮތުގައި އިޒްރޭލުން ހިންގަނީ ގަތުލްއާންމެކެވެ.

ދެކުނު އެފްރިކާއިން ވެއްދި އެ މައްސަލައާއެކު ގައުމުތަކުން ވަނީ އިޒްރޭލުން ހިންގަނީ ނަސްލުހޭދު ކުރުމެއް ކަމަށް ބުނެ ހަރު އަޑުން އެކަން ހުއްޓާލަން ގޮވާލަން ފަށާފަ އެވެ. އޭގެ ތެރޭގައި ޔޫރަޕް، އެފްރިކާ އަދި އޭޝިއާގެ ގައުމުތައް ހިމެނެ އެވެ. އެއާއެކު އިޒްރޭލުން ދިޔައީ އެ ގައުމުތަކަށް އެކި ގޮތްގޮތުން ބިރު ދައްކަމުންނެވެ.

ދެކުނު އެފްރިކާ ކޮޅަށް އަރައި އިޒްރޭލުން ގަތުލްއާންމު ހިންގާ ކަމަށް ގަބޫލުކުރާ ގައުމުތައް:

  • ސްޕެއިން
  • އަޔަލޭންޑް
  • ބެލްޖިއަމް
  • މިސްރު
  • ލީބިޔާ
  • ތުރުކީ
  • ކޮލަމްބިއާ
  • ޗިލީ
  • މެކްސިކޯ
  • ރާއްޖެ
  • ނިކަރަގުއާ

ބައެއް ގައުމުތަކަކުން ވަނީ އިޒްރޭލާ އޮތް ގުޅުން ކަނޑާލާފަ އެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ، ކޮލަމްބިއާ، ތުރުކީ އަދި ބޮލީވިއާ ހިމެނެ އެވެ. އަދި ޖޯޑަން، ބަހްރެއިން، ހޮންޑިއުރަސް، ބްރެޒިލްއިން ވަނީ އެ ގައުމުގެ އެމްބެސެޑަރުން އަނބުރާ ގައުމަށް ގެނެސްފަ އެވެ.

އިޒްރޭލުން މިއަދު ބުނަމުން ދަނީ އެ ގައުމުން މަސައްކަތް ކުރަނީ އެ ގައުމުގެ ދިފާއުގައި ކަމަށެވެ. ނަމަވެސް އެންމެންނަށް އެނގޭ ހަގީގަތަކީ ކޮންމެ ދުވަހަކު ވެސް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމަކީ ސީދާ ނަސްލެއް ނައްތާލުމަށް ކުރާ މަސައްކަތް ކަމެވެ.

އިޒްރޭލުގެ ނަސްލުހޭދުކުރުމުގައި ގާޒާގައި މިހާތަނަށް 42،524 މީހުން މަރުވެފައިވާއިރު ވީނުވީއެއް ނޭގި ގެއްލުނު މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިން ކަމުން އޭގެއިން އެނގިގެން ދަނީ އިޒްރޭލުން ހަމަލާތައް އަމާޒުކުރަނީ އާންމު ރައްޔިތުންނަށް ކަމެވެ.

އިޒްރޭލާ ދެކޮޅަށް އެމެރިކާ ސަރަހައްދުގެ ގައުމުތަކާއި، އޭޝިއާގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތައް ނުކުތީ އިޒްރޭލުން ހިންގާ ގަތުލްއާންމު ގަބޫލުކޮށްގެން އެކަމާ ދެކޮޅަށެވެ. ނަމަވެސް އިޒްރޭލުން ހިންގާ ގަތުލްއާންމު ފެނުނު ނަމަވެސް، ނުފެންނަ ކަމަށް ހަދައިގެން މިއަދު އެތައް މުސްލިމު ގައުމެއް ކަމެއް ނުކޮށް ތިބުމަކީ ލަދުވެތި ކަމެކެވެ.