4 އޮކްޓޯބަރު 2024 - 12:04 2
ރޫޙުލްއަމީން ޢަބްދުﷲ
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ -- ފޮޓޯ: އަދަދު
4 އޮކްޓޯބަރު 2024 - 12:04 2
ވަރަށް ކުރު ޖަވާބެއް ދެވިދާނެ އެވެ. ނަމާދުގެ ކޮންމެ ރަކުއަތެއްގައި އަލްޙަމްދުކިޔަން ޖެހެނީ އެއީ ނަމާދު އެކަމާ ލައިގެން ފުރިހަމަ ނުވާނެ ނަމާދުގެ ރުކުނެއް ކަމުގައިވާތީ އެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. ފާތިޙަތުލްކިތާބު (ފޮތުގެ ފެށުން) ނުކިޔަވާ މީހަކަށް ނަމާދެއް ނުވެ އެވެ. އަދި މިނޫންވެސް ވަރަށް ގިނަ ހަދީސްއިން ލިބޭ ދަލީލާއެކު އަލްޙަމްދު ސޫރަތް ކިޔެވުމާ ނުލައި ނަމާދު ފުރިހަމަ ނުވާނެކަމަށް ޢިލްމުވެރިން އިއްތިފާގުވެފައިވެ އެވެ.
ނަމަވެސް ރެޔަކާ ދުވާލަށް ފަރުޟުކުރެވިފައިވާ ފަސް ނަމާދުގެ ސަތާރަ ރަކުއަތުގައި، ރެޔަކާ ދުވާލަށް ސަރާތަރަ ފަހަރު އަލްޙަމްދު ސޫރަތް ކިޔެވުން މުސްލިމް އިންސާނާގެ މައްޗަށް ލާޒިމުވެފައި އޮތުމުގައި ހުރި ސިއްރުތަކާއި ދޭހަތަކަށް ވިސްނާފިކުރު ހިންގާލުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ. އެހެނީ މި ލިޔުމުގެ ފުރަތަމަ ޕެރެގްރާފްގައި ހަވާލާދެވުނު ހަދީސްގައި، ވެސް އެބަޔާންކުރަނީ ފޮތުގެ ފެށުން ނުކިޔަވާ މީހަކަށް ނަމާދެއް ނުވާކަމުގައެވެ. އެބަހީ ނަމާދުގެ ސަވާބެއް މަންފާއެއް އޭނާއަށް ލިބިގެންނުވާ ވާހަކަ އެވެ.
ދެތުންފަތުން ހަލުވާލައިގެން އެކަންޏަކު ނުފުދޭނެ އެވެ. އަލްޙަމްދު ކިޔައިގެން ނަމާދުގެ މަންފާ ހޯދައިގަނެވޭނެ ގޮތަށް އަލްޙަމްދު ކިޔުމަށްޓަކައި، ސަތާރަ ފަހަރު އެ ސޫރަތް ރެޔަކާ ދުވާލުގެ މަތީން ތަކުރާރުކުރެއްވުން އަޅުކަމުގެ މައި ރުކުނެއްގެ ގޮތުގައި ހިމެނިފައިވާ ސިއްރުތަކަށް ވިސްނުމަކީ އެސޫރަތް ފުރިހަމައަށް ކިޔެވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެކަމަށް ނުވިސްނާ މީހަކީ އެސޫރަތް ރަނގަޅަށް ނުކިޔަވާ މީހެކެވެ.
ނިކަން ބައްލަވާށެވެ. ކީރިތި ޤުރުއާނުގައި ސަތޭކަ ސާދަ ސޫރަތް އޮއްވައި، ރެޔަކާ ދުވާލަށް ފަރުޟުކުރެވުނު ފަސް ނަމާދުގެ ކޮންމެ ރަކުއަތެއްގެ ފެށުމުގައި މިސޫރަތް ތަކުރާރުކުރެވެންޖެހޭ ޙިކުމަތްތަކަކާއި ސަބަބުތަކެއް އޭގައި ފޮރުވިފައިނުވާނަމަ، އެކަން އެހެން ނުވީހެވެ. މާތް ﷲ އީ އެންމެ ހިކުމަތްވަންތަ ރަސްކަލާނގެ އެވެ.
ބިސްމިއަށްފަހު ފުރަތަމަ އާޔަތުގައި ﷲ އަކީ އާލަމްތަކުގެ ވެރި ކަލާނގެކަމުގައިވާހިނދު، އެންމެހާ ތައުރީފެއްހުރީ އެކަލާނގެއަށް ކަމުގައި ބަޔާންކުރަނީއެވެ. އާދޭހެވެ. އެންމެހާ ތައުރީފެއް އެކަލާނގެއަށެވެ. އެހެނީ އެންމެހާ އެއްޗެއް އޭގައި ޝާމިލުވެގެންވާ އެންމެހާ އާލަމްތަކެއްގެ ވެރި ފަރާތަކީ އެކަލާނގެއަށްވާތީއެވެ. އެކަލާނގެއީ އެންމެހާ ތަކެއްޗެއްގެ ވެރިފަރާތަށް ވެގެން އެކަލާނގެއީ އަނިޔާވެރިވެވޮޑިގެންވާ ފަރާތެއްކަމުގައި ނުވެއެވެ. ކިއެއްހެއްޔެވެ؟ އެކަލާނގެއީ އެންމެ އޯގާވަންތަ އެންމެ އޯގާވެރި ފަރާތެވެ. އެހެންވީމާ ވެސް އަނެއްކާވެސް އެންމެހާ ތައުރީފެއް ހުރީ މަތިވެރިވަންތަ މާތް ﷲ އަށެވެ. ދެން އޮތީ ދުނިޔޭގެ ނިމުންކަމުގައިވެ އާޚިރަތުގެ ފެށުންކަމުގައިވާން އޮތް ގިޔާމަތް ދުވަހެވެ. ދުނިޔަވީ ހުރިހާ ކަމެއްގެ ނިޔާ އިއްވަވާނެ ގިޔާމަތް ދުވަހެވެ. އެދުވަހުގެ ވެރިފަރާތަކީ ވެސް އެކަލާނގެ އެވެ. އެހެންވީމާ ހަމަ ހުރިހާ ތައުރީފެއް ހައްގުވަނީ އެކަލާނގެއަށެވެ.
ކަލާނގެ އިސްމުފުޅުތަކަކާއި ސިފަފުޅުތަކެއް ބަޔާންކުރެވިފައިވާ މިތިން އާޔަތުގެ މައްޗަށް ނަޒަރުހިންގަވާށެވެ. މުސްލިމެއްގެ ގޮތުގައި ތިމާ ހުންނަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ތިމާ ގެ އެހެން ހުރިހާ ގަބޫލުކުރުންތަކެއް އެމައްޗަށް ބިނާކޮށްގެން ހުންނަ ތިމާ އެންމެ ބޮޑަށް ގަބޫލުކުރާ ކަންތަކެވެ. އެކަންތަކުގެ އެންމެ މަތީ ނާރެހުގައި އޮތީ މާތް ﷲ އީ އެންމެހާ ތަކެއްޗެއްގެ ވެރިފަރާތްކަމާއި އެކަލާނގެ ފިޔަވައި އެކަލާނގެއާ އެއްފަދަ ހަމަ އެހެން އެކައްޗެއް ނުވާކަން ދެނެ ގަބޫލުކުރުންކަމަށް ހަދައިގެން ނޫނީ އެމީހަކު މުސްލިމަކަށް ނުވެ އެވެ.
ސަތާރަފަހަރު ކޮޅަށް ހުރެ ހުއްޓިގެން ރެޔަކާ ދުވާލަށް ސަތާރަ ފަހަރު އެކަލާނގެއަށް ތައުރީފު ރައްދުކުރަނީ އެހެންވެގެންނެވެ. އެކަލާނގެއީ އާލަމްތަކުގެވެރި ފަރާތަށް ވަނީ އެކަންޏެއް ނޫނެވެ. އެންމެ އޯގާވަންތަ އޯގާވެރި ފަރާތަށް އެކަލާނގެ ނުވިނަމަ، އެ ސަތާރަ ފަހަރު އެގޮތަށް ކިޔަވާ މީހާ ކިޔަވަން ފުރުސަތު ލިބިދާނެތޯ އެވެ. އަދި ހަމަ އެންމެ ފަހަރަކު އެސޫރަތް ނުކިޔަވާ އުޅޭ މީހާ މިދުނިޔެމަތީގައި ކައިބޮއިގެން ހަމަޖެހިލައިގެން އުޅެން އެމީހަކަށް ފުރުސަތު ލިބިދާނެތޯ އެވެ. އެހެން ދޫކުރައްވާފައި އެކަމާމެދަށް ގޮތް ކަނޑައެޅުއްވުން އޮތް ގިޔާމަތްދުވަހުގެ ވެރިކަލާނގެއަކީ ވެސް އެކަލާނގެ އެވެ.
މިއަށްފަހުގައި އާޔަތުގެ ރާގު އެބަދަލުވެގެންދަނީ، ސީދާ މުޚާތަބުކުރުމަކަށެވެ. ދެން ފެށޭ އާޔަތުން މުސްލިމް އަޅާ ފަށަނީ ސީދާ މުޚާތަބުކުރާށެވެ. "އިބަކަލާނގެ" ކަމުގައި ބުނަމުންނެވެ. ފުރަތަމަ އާޔަތްތަކުގައި އެކަލާނގެއަށް ތައުރީފު ހައްގުވެގެންވާކަން ބަޔާންކުރަނީ ސީދާ މުހާތަބުގެ އިބާރާތްތަކަކުންނޫނެވެ. ތިންވަނަ ފަރާތަކަށް ރައްދުކުރެވޭ އުސްލޫބަކުންނެވެ. އެގޮތަށް ކުރެވޭ ތައުރީފު އެކަލާނގެ ބައްލަވާވޮޑިގެން އެކަލާނގެ އަޅާއަށް އެކަލާނގެ ދަންނަވަން އުޅޭ އެއްޗެއް ދެންނެވުމުގެ އިޒުނަދެއްވި ފަދަ އެވެ.
ދެން އިންސާނާ އެބުނަނީ އެވެ. އެ ތައުރީފުތައް އިބަކަލާނގެއަށް ހައްގުވާކަމަށްޓަކައި، އަދި އެފަދަ ދެވަނަ ފަރާތެއް ނުވާތީއާއެކުގައި، އަހަރެމެން ހަމައެކަނި އަޅުކަންކުރަނީ އިބަ ﷲ އަށެވެ. ކިއެއްހޭ އެންމެހާ ކަމެއްގައި އެހީތެރިކަމާއި މަދަދާއި ވާތްގަށްވެސް އެދެނީ އިބަ ﷲ ގެ ހަޒުރަތުންނެވެ. އެހެނީ އާލަމްތަކުގެ ވެރިޔާ، އޯގާވެރިޔާ، އަދި އޯގާތެރިޔާ އަދި ގިޔާމަތް ދުވަހުގެ ވެރިޔާއަށް ނުދެއްވޭނެ އެހީތެރިކަމެއް މަދަދެއް އެކަލާނގެ މަޚްލޫގެއްގެ ކިބައިން ލިބިދާނެތޯއެވެ. ނުލިބޭނެއެވެ. އެޔަށްފަހު ދެން އެ ދަންނަވަނީ ސީދާވެގެންވާ ތެދުމަގު ދައްކައިދިނުމަށެވެ.
ކަމަކީ އަޅުކަމެއް ވިޔަސް ދުނިޔަވީ ކަމެއްވިޔަސް، އެއްވެސް ކަމެއް ފެށުމުގެ ގޮތުން އަނގަބަހުން އިންސާނަކު ބަސްތަކެއް ނުވަތަ ޖުމުލަތަކެއް ކިޔާން ގަސްދުކޮށްފިނަމަ، ފާތިޙާ ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތަށްވުރެ ތަކުރާރުކުރުން ރީތި އަދި މޮޅު އެހެން ޖުމުލަތަކެއް ހަމަ އެއްވެސް ތާކުން ނުހޯދާނެ އެވެ. ނުލިބޭނެ އެވެ. އެހެނީ އެއީ މާތްވެގެންވާ ފޮތުގެ ކީރިތިވަންތަ ފެށުމުގެ ވެސް ފެށުމެވެ. އަލްޙަމްދުގެ ވެސް ފެށުމެވެ. ޤުރުއާނަކީ މި އުންމަތުގެ މާތް ނަބިއްޔާގެ މުޢުޖިޒާތެވެ.
ތިމާ ހަމައެކަނި އަޅުކަންކުރަނީ އެންމެ ފަރާތަކަށްކަމާއި، ތިމާ ހަމައެކަނި ވާތްގަށް އެދެނީ ވެސް އެފަރާތުންކަމަށް ތަކުރާރުކޮށް އެކަލާނގެއާ މުހާތަބުކޮށް ރެޔަކާ ދުވާލަށް ސަތާރަ ފަހަރު ދަންނަވާ އުޅޭ މީހަކު އެކަން އޭނާގެ ހިތުގައި ބިންވަޅު ނަގައިފިނަމަ، އެހެން އިންސާނެއް ދެކެ އޭނާ ގަންނާނެ ބިރެއް ނޯންނާނެ އެވެ. އެހެން އިންސާނުންގެ ކިބައިން އޭނާ ހޯދައިގަނެގެން އުޅޭ ފޯލްސް ހޯޕްތަކުން އިރުއިރުކޮޅުން އެ ލިބިގަންނަ ދެކޮޅު ނުޖެހޭ މާޔޫސްކަމާއި ޑިޕްރެޝަނުން އޭނާ ހުންނާނީ އަބަދުމެ އަރައިގަނެގެން، އެހެން އަނެކުންނަށްވުރެ ނަފްސާނީގޮތުން ފުދިއިތުރުވެގެންނެވެ. ތެދުމަގު ފެންނައިރަށް އެމަގުން ދުއްވައިގެނެވޭނެ ފުރިހަމަ ބާރުވެރިކަމުގައެވެ. ތެދުމަކީ ހަމައެކަނި އެކަމުގައި ފަހުން ސުވަރުގެ ލިބުން އޮތް މަގެއް ނޫނެވެ. ތެދުމަގަކީ އޭގައި ދުނިޔޭގެ މޮޅާއި ނަސީބު ހޯދައިގަތުމުގެ ވެސް މަގެވެ. އެމަގު ފެނުނަސް އެމަގުން ދެވޭނީ ތިމާގެ ނަފްސާނީ ހާލަތު އަނެއް އިންސާނާއާ ނުލައި، ތިމާއެކަނި ފުދިގެން ހުރެވޭނެ ހާލަތެއް ލިބިގަނެވުނީމައެވެ.
ޤުދުސިއްޔަ ހަދީސްގައި އައިސްފައިވެ އެވެ. ތިމަންކަލާނގެއާއި ތިމަންކަލާނގެ އަޅާއާ ދެމެދުގައި ނަމާދު ދެބަޔަކަށް ބެއްސެވުނެވެ. އެއްބައި ތިމަންކަލާނގެއަށެވެ. އަނެއްބައި ތިމަންގެ އަޅާއަށެވެ. އަދި ތިމަންގެ އަޅާއަށް އޭނާ އެދޭ އެއްޗެއް ދެއްވޭނެ އެވެ. "ތައުރީފުތައް ހުރީ އާލަމްތަކުގެ ވެރިކަލާނގެއަށެވެ." މިގޮތަށް އޭނާ ދަންނަވައިފިނަމަ، ﷲ ވަހީ ކުރައްވަ އެވެ؛ ތިމަންގެ އަޅާ ތިމަންކަލާނގެއަށް ތައުރީފުކޮށްފި އެވެ. "އެކަލާނގެއީ އޯގާވެރި އޯގާވަންތަ ކަލާނގެއެވެ." މިގޮތަށް އޭނާ ދަންނަވައިފިނަމަ، ﷲ ވަހީ ކުރައްވަ އެވެ؛ ތިމަންގެ އަޅާ ތިމަންކަލާނގެ އަށް ސަނާ ދަންނަވައިފި އެވެ. "އެކަލާނގެއީ ގިޔާމަތް ދުވަހުގެ ވެރިކަލާނގެއެވެ." މިގޮތަށް އޭނާ ދަންނަވައިފިނަމަ، ﷲ ވަހީކުރައްވައެވެ؛ ތިމަންގެ އަޅާ ތިމަންކަލާނގެ މަތިވެރިކޮށްފިއެވެ. "އަޅަމެން އަޅުކަންކުރަނީ، އިބަކަލާނގެއަށެވެ. އަދި އަޅަމެން އެހީތެރިކަމަށްއެދެނީ އިބަކަލާނގެ ހަޒުރަތުންނެވެ." މިގޮތަށް އޭނާ ދަންނަވައިފިނަމަ، ވަހީ ކުރައްވައެވެ. މިއާޔަތް ވަނީ ތިމަންކަލާނގެއަށް އެއްބައި ތިމަންގެއަޅާއަށް އެނެއް ބަޔެވެ. އަދި ތިމަންގެ އަޅާއަށް އޭނާ އެދޭ ކަމެއް ދެއްވިގެންވެއެވެ. "އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! އެބަޔަކަށް އިބަކަލާނގެ ނިއުމަތް ދެއްވި މީހުންގެ މަގެވެ. އެބަޔެއްގެ މައްޗަށް ކޯފާލެއްވި މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫނެވެ." މިގޮތަށް އޭނާ ދަންނަވައިފިނަމަ، ވަހީކުރައްވާނެ އެވެ؛ ތިޔަކަންކަން ހުރީ ތިމަންގެ އަޅާއަށެވެ. އޭނާ އެދުނު އެއްޗެއް އޭނާއަށެވެ.
Comment