Advertisement

މުސްލިމުންގެ ވެރިކަމުގެ ތާރީހުން ހުލާސާއެއް

27 ސެޕްޓެންބަރު 2024 - 11:55 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

ފޮޓޯ: އެބައުޓު ހިސްޓްރީ.ކޮމް


މުސްލިމުންގެ ވެރިކަމުގެ ތާރީހުން ހުލާސާއެއް

27 ސެޕްޓެންބަރު 2024 - 11:55 0

އަޅުގަނޑުގެ މިއަދުގެ ބޭނުމަކީ އިސްލާމީ ވެރިކަމުގެ ތާރީހުގެ ކުޑަ ހުލާސާއެއް ދަންނަވާލުމެވެ. އިސްލާމީ ޚިލާފަތު ނުވަތަ ޚަލީފާއެއްގެ ނަމުގައި ނުވަތަ އަމީރުލްމުއުމިނީންއެއްގެ ނަމުގައި، އެންމެ ވެރިޔަކުގެ ވެރިކަމުގެ ދަށުން މުޅި އިސްލާމީ އުންމަތަށް ވެރިކަން ހިންގި ނިޒާމުގެ ފެށުމާ ހަމައިން އެ ނިޒާމު އުވާލުމާ ހަމައަށް ކުޑަ ހުލާސާއެއް ދަންނަވާލުމެވެ. ބޭނުމަކީ މާގިނަ ދިރާސާތަކަކާ ނުލައި، މުސްލިމުންގެ ވެރިކަމުގެ ތާރީހުގެ ފަސްމަންޒަރެއް ސިކުނޑީގައި ކުރަހަން ބޭނުންވާ މީހަކަށް އަލިމަގެއް ދައްކައިދިނުމެވެ. މި މަގުސަދަށް ރިއާޔަތްކުރުމާއެކު، ދުވަސްވަރުގެ ތާރީހުތައް ވެސް ބަޔާންކުރަން ގަސްދުކުރަނީ، މީލާދީ އަހަރުންނެވެ.

މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމާއެކު މުސްލިމުންގެ ވެރިއެއްގެ ގޮތުގައި، މަތިން ވަހީ ބާވާލެއްވޭ ރަސޫލަކު އަދި ނަބިއްޔަކު ހުންނެވި ހުންނެވުން ނިމިގެންދިޔައީ އެވެ. އެޔާއެކު އައީ މަޝްހޫރު ހަތަރު ޚަލީފާއިންގެ ދުވަސްވަރެވެ. ވެރިކަމުގެ އެދުވަސްވަރަށް ތާރީޚީގޮތުން ނިސްބަތްކުރާ ނަމަކީ ޚިލާފަތުއްރާޝިދާއެވެ. ބަހުގެ ގޮތުން ބަލާއިރު، ރާޝިދުގެ ލަފުޒު އެކި ގޮތަށް މާނަކުރެވިދާނެއެވެ. ނަމަވެސް އެދުވަސްވަރަށް އެނަމުން ނަންދެވުނީ އެއީ ޚަލީފާކަމަށް އެންމެ އެކަށީގެންވާ ބޭކަލަކު ގެނެއުމަށް ކަމުވޮށިގެންވާ ބޭކަލުންގެ މެދުގައި މަޝްވަރާކުރުމުގެ މައްޗަށް ޚަލީފާއަކު އައްޔަންކުރެވެމުން އައި ދުވަސްވަރަށްވުމާއި، ހަތަރު ޚަލީފާއިންނަކީ ތެދުމަގު ލިބިވަޑައިގެންތިއްބެވި ބޭކަލުންކަން މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުތަކުން ސާބިތުވާން އޮތުމާއި، އެ ހަތަރު ބޭކަލުންނަކީ ސީދާވެގެންވާ ތެދުމަގުގައި ތިބި ހަތަރު ބޭކަލުންކަމަށް މުޅި އުންމަތް އިއްތިފާގުވާތީއެވެ. އަދި ހަތަރު ޚަލީފާއިންގެ ވެރިކަމަކީ ވަކި ދަރިކޮޅަކަށް ނިސްބަތްކުރެވޭ ވެރިކަމަކަށް ނުވުމާއެކުގައިވެސްމެއެވެ. ޚިލާފަތުއްރާޝިދާގެ ދުވަސްވަރަކީ މީލާދީ އަހަރުން، ގާތްގަނަޑަކަށް 632 އިން 661 އަށެވެ. ހަތަރު ޚަލީފާއިންގެވެސް ވެރިކަމުގެ ދަރުބާރު ނުވަތަ ވެރިކަމުގެ މަރުކަޒު އޮތީ މަދީނަތުލްމުނައްވަރާގައެވެ.

އެޔަށްފަހު އައީ އުމަވީ ދަރިކޮޅު ނުވަތަ އުމަވީ ޚިލާފަތެވެ. މުޅި މުސްލިމުންގެ ވެރިކަން ހިންގުމުގައި، އުމަވީ ޚިލާފަތު، މީލާދުން 750 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ. އުމަވީ ޚިލާފަތުގެ ބާނީއަކީ، މަޝްހޫރު މާތް ޞަޙާބީ މުޢާވިޔަތު ބިން އަބީ ސުފްޔާނެވެ. މުޢާވިޔާގެފާނަކީ އޭގެ މާކުރިއްސުރެ ޝާމްކަރައިގެ ގަވަރުނަރުކަމަށްވީހިނދު، ޚަލީފާކަން ލިބިވަޑައިގަތުމުން އިސްލާމީ ޚިލާފަތުގެ ދަރުބާރު ދިމިޝްގަށް މިހާރުގެ ސޫރިޔާ ސަރަހައްދަށް ބަދަލުވީއެވެ.

ހަތަރު ޚަލީފާއަށްފަހު ޚަލީފާ މުޢާވިޔާގެފާނު އެކަލޭގެފާނަށްފަހު ޚަލީފާކަންކުރައްވާނީ އަމިއްލަފުޅު ދަރިކަލުންކަމުގައި ކަނޑައެޅުއްވި ހިސާބުން އެދުވަހާ ހަމައަށް ޚަލީފާއަކު އައްޔަންކުރުމުގައި އާންމުކޮށް މުސްލިމުން އަމަލުކުރަމުން އައި ގޮތަށް ބޮޑު އިންގިލާބެއް އައީ އެވެ. އެޔާއެކު އެއީ އައު ބާބެއްގެ ފެށުންކަމުގައިވެސްވީ އެވެ. މިދަރިކޮޅުން ސާދަ ޚަލީފާއަކު ޚަލީފާކަން ކުރެއްވިއެވެ. މަޝްހޫރު ޚަލީފާ އުމަރު ބިން ޢަބްދުލްޢަޒީޒަކީ މިދަރިކޮޅުން އައި އުމަވީ ޚިލާފަތުގެ ތަރިއެކެވެ.

އުމަވީ އެ ނަން ނިސްބަތްކުރެވެނީ އުމައްޔަތު ބިން ޢަބްދު ޝަމްސަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ ޤުރައިޝްވަންހައިގެ އެއްގޮތްޕެވެ. މިދަރިކޮޅުން ވެރިކަން ކުރެއްވީ އުމައްޔަތުގެ ދަރީންގެ ދަރިންނެވެ. އުމަވީ ދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރު މުސްލިމުން ދުނިޔޭގެ އެތައް ސަރަހައްދެއް ފަތަހަކޮށް، ދުނިޔޭގެ ވަރަށް ބޮޑު ސަރަހައްދެއްގެ އިސްލާމީ ވެރިކަން ހިންގިއެވެ. އިރުމަތީން ސީނުކަރައާ ހަމައަށް ހުޅަނގުން ސަދަރން ފްރާންސާ ހަމައަށް ވެރިކަން ހިންގިއެވެ. އެފްރިކާއާއި މޮރޮކޯއާއި އަންދަލުސް ފަތަހަކޮށް ސެންޓްރަލް އޭޝިޔާގެ އެތައް ސަރަހައްދެއްވެސް ފަތަހަކޮށް އެތަންތަނުގައި އިސްލާމީ ވެރިކަން ގާއިމުކުރި އެވެ.

އެޔަށްފަހު މީލާދީން 750 ވަނަ އަހަރުން ފެށިގެން ދުނިޔެ ދުށީ އިސްލާމީ ޚިލާފަތުތަކުގެ ތެރެއިން އެއް ދަރިކޮޅަކަށް ނިސްބަތްކުރެވުނު އެންމެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ޚިލާފަތެވެ. މުސްލިމުންގެ ވެރިކަން އައްބާސީ ޚިލާފަތެވެ. މުސްލިމުންގެ ގޯލްޑަންއޭޖް މިދަރިކޮޅުގެ ވެރިކަމަށް ނިސްބަތްވާ ފަދައިން، އެހެން އެއްވެސް ޒަމާނެއްގައި މުސްލިމުން ނިކަމެތި ނުވާވަރަށް ނިކަމެތިވި ދުވަސްވަރުތައް ވެސް އައްބާސީ ޚިލާފަތުގެ އެކި މަރުހަލާތަކަށް ނިސްބަތްވެފައިވެއެވެ. އައްބާސީ ޚިލާފަތަށް ނިމުން އައީ 1517 ވަނަ އަހަރުއެވެ. އައްބާސީ ޚިލާފަތުގެ ނަން ވެސް ނިސްބަތްކުރެވެނީ ޤުރައިޝްވަންހައިގެ އެއްގޮތްޕަށެވެ. މާތް ނަބިއްޔާގެ ބޮޑުބޭބޭކަލެއްކަމަށްވާ އައްބާސް ބިން އަބްދުލް މުއްޠަލިބަށެވެ.

އަޅުގަނޑު މިދަންނަވަނީ ވަރަށް ކުރުކޮށެވެ. އައްބާސީ ހަރަކާތަކީ، އުމަވީ ދަރިކޮޅުގެ ޚިލާފަތާ ދެކޮޅު ސިޔާސީ ހަރަކާތެކެވެ. ފެށިގެން އައީ ސެންޓްރަލް އޭޝިޔާގައި އޮތް އިސްލާމީ ވެރިކަންތަކުގެ ތެރެއިންނެވެ. ފަހުން ގޮސް މުޅި އުންމަތުގެ ވެރިކަން ނަގައި، އުމަވީ ޚިލާފަތު ނިމުމަކަށް ގެނެސް، މި ދަރިކޮޅުން ފަސް ގަރުނަށްވުރެ ގިނަ ދުވަހު އިސްލާމީ ވެރިކަމެއް ދުނިޔޭގައިކޮށްފައިވެއެވެ. ވެރިކަމުގެ ދަރުބާރު އޮތީ އިރާގުކަރައިގައެވެ. ކޫފާގައެވެ. އެއަށްފަހު ބަޣްދާދުގައެވެ. ދޭތެރެއަކުން ސާމުއްރާގަ އެވެ. އަނެއްކާވެސް ބަޣްދާދުގައެވެ. ފަހުން 1261 އިން ފެށިގެން 1517 އާ ހަމައަށް މިސްރުގެ ގާހިރާގަ އެވެ.

އައްބާސީ ޚިލާފަތުގެ ވެރިކަމަކީ ފަސް ގަރުނަށް ދެމިގެންދިޔަ ދިގު ވެރިކަމަކަށްވާތީ، އިސްލާމީ ތާރީޚްގެ އިލްމުވެރިން، އައްބާސީ ޚިލާފަތު 6 އަސްރަކަށް ނުވަތަ ހަ ދުވަސްވަރަކަށް ބައްސަވައި ނަންދެއްވަ އެވެ. ފުރަތަމައީ އައްބާސީ ޚިލާފަތުގެ ރަން ޒަމާނެވެ. މުސްލިމުންގެ ވެރިކަމުގެ ގޯލްޑަންއޭޖް ނިސްބަތްކުރެވެނީ ވެސް މި ޒަމާނަށެވެ. އެއީ އައްބާސީ ދަރިކޮޅުގެ ވެރިކަން ފެށުނު މީލާދުން 750 ވަނަ އަހަރުން ފެށިގެން 847 ވަނަ އަހަރާ ހަމައަށެވެ. ދުނިޔޭގެ ހަތަރުބިތަށް ނަން މަޝްހޫރު ޚަލީފާ ހާރޫނުއްރަޝީދު ނިސްބަތްވަނީ މި ދުވަސްވަރަށެވެ. ހައުސް އޮފް ވިސްޑަމްގެ ނަމުގައި ދުނިޔޭގައި ނެތްވަރުގެ ބޮޑު އެކަޑަމީއެއް ބަގުދާދުގައި ގާއިމުކުރެވި، އިހު އެވޭލާ އެންމެހާ އިލްމުތަކެއް އަރަބި ބަހަށް ތަރުޖަމާކުރެވި ހުރިހާ އިލްމެއްގައި ދުނިޔޭގެ ފެންވަރުން ބެއްޔަސް އެންމެ ފުންނާބު އުސްމީހުން މުސްލިމުންގެ ތެރެއިން އުފެދެންފެށި އަދި މަޝްހޫރުވާން ފެށި ރަންޒަމާނެވެ.

ނުވަ ޚަލީފާއިންގެ ވެރިކަމަށްފަހު ދެން އައީ ތުރުކީންގެ ނުފޫޒުގެ ދުވަސްވަރެވެ. އެ ނުފޫޒުގެ ވާހަކަ އެހެން ލިޔުމެއްގައި ތަފުސީލުކުރާނަމެވެ. މިދުވަސްވަރަކީ މީލާދުން 847 އިން ފެށިގެން 945 އާ ހަމައަށެވެ. އައްބާސީ ޚިލާފަތުގެ މި އަސްރުގައި 13 ޚަލީފާއަކު ވެރިކަން ކުރެއްވިއެވެ. މިދުވަސްވަރުގައި ވެސް އޭގެ ޒާތުގައި މުސްލިމުންނަކީ ދުނިޔެ ޖެހިލުންވާ ފަދަ ބޮޑު ބާރެކެވެ. އެކަމަކު އޭގެ ގޮތުގައި އައްބާސީ ޚިލާފަތުގެ ވެރިކަން ބަލިކަށިވާން ފެށިއެވެ. ތަފާތު އެކި ސަބަބުތަކާހުރެއެވެ.

ދެން އައީ ބުވައިހީންގެ ނުފޫޒުގެ ދުވަސްވަރެވެ. ތާރީޚު އިލްމުވެރިން ނަންދޭ ގޮތުން އައްބާސީ ޚިލާފަތުގެ ތިންވަނަ އަސްރެވެ. އެހެން ލިޔުމެއްގައި ބުވައިހީންގެ ނުފޫޒުގެ މައްޗަށް އަލިއަޅުވާނަމެވެ. މިއީ 945 އިން ފެށިގެން 1055 އާ ހަމައަށެވެ. ތާރީޚް ޢިލްމުވެރިން ފާހަގަކުރަނީ އިހުނަށްވުރެ އައްބާސީ ދަރިކޮޅުގެ ވެރިކަން ބަލިކަށިވި އަސްރެއްގެ ގޮތުގައެވެ. ވެރިކަންކުރީ 5 ޚަލީފާއެކެވެ.

އެޔަށްފަހު ދެންއައީ އައްބާސީންގެ ހަތަރުވަނަ އަސްރެވެ. ސަލްޖޫޤީންގެ ނުފޫޒުވެރި އަސްރެވެ. ސަލްޖޫޤީން އެހެން ލިޔުމެއްގައި ތަފުސީލްކުރާނަމެވެ. މި އަސްރަކީ މީލާދުން 1055 އިން 1157 އަށެވެ. 6 ޚަލީފާއަކު ވެރިކަންކުރެއްވިއެވެ. މިދުވަސްވަރަކީ އަލުން ޢައްބާސީ ޚިލާފަތު ވަރުގަދަވެގެންދިޔަ ދުވަސްވަރެކެވެ.

ދިވެހިރާއްޖެ އިސްލާމްވީ މި އަސްރުގެ އެންމެ ފަހުގެ ޚަލީފާ މުޙައްމަދުލްމުޤްތަފީ ލިއަމްރިﷲގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. ދެން އޮތް ޒަމާން ފެށެނީ ވެސް އޭނާގެ ޚިލާފަތުންނެވެ. އެއީ މީލާދީން 1156 އިން 1258 އާ ހަމައަށް ނަންކުރާ ޒަމާނެއެވެ. ހަތް ޚަލީފާއަކު ވެރިކަންކުރެއްވިއެވެ. ދެންއޮތީ ހަވަނަ އަސްރުކަމުގައި ބަލާ މަމްލޫކީންގެ ދުވަސްވަރެވެ. މިސްރުގެ ގާހިރާއަށް ޚިލާފަތުގެ ދަރުބާރު ބަދަލުވީ މިދުވަސްވަރުގައެވެ. 1517 އާ ހަމައަށް ދެން އޮތީ މަމްލޫކީންގެ މި އަސްރެވެ.

ޢައްބާސީ ޚިލާފަތު 1517 ގައި އެކީއެކަށް ނިމުމުގެ ކުރިން 1299 ގައި އުސްމާނީ ޚިލާފަތު އުފެދި ހައިބަބޮޑުވެ މުސްތަގިއްލުވެއްޖެވެ. އައްބާސީ ދަރިކޮޅުގެ ވެރިކަމަށް 1517 ގައި ނިމުން އައުމުން ދެން މުސްލިމުންގެ މައި ޚިލާފަތަކީ އުސްމާނީ ޚިލާފަތެވެ. އެ ޚިލާފަތުގެ ނަން އެނިސްބަތްކުރެވެނީ އެ ޚިލާފަތުގެ ބާނީ އުސްމާން ބިން އުރުޠުޣުރުލްއަށެވެ. މި ޚިލާފަތުގެ މުއްދަތަކީ، މީލާދީން 1299 އިން 1922 އަށެވެ. ހަ ގަރުނަށްވުރެ ގިނަ ދުވަހުގެ މި ވެރިކަމުގައިވެސް ތަފާތު އެކި އަސްރާއި އެކި ކުލައިގެ މަންޒަރުން ތަސްވީރުކުރެވުނު އެތައް ވާހަކައެއް ތާރީހުގެ ފަތްފުއްތަކުން ފެންނާނެއެވެ. ރަސްމީކޮށް ޚިލާފަތު އުވާލެވުނީ 1924 ގައެވެ. ޢުޘްމާނީ ޚިލާފަތުގެ ވެރިކަމުގެ ދަރުބާރު އޮތީ މިހާރުގެ ތުރުކީގެ އެކި ރަށްރަށުގައެވެ. ޤުސްޠަންޠީނިއްޔާ ފަތަހަވުމަށްފަހު އެރަށުގައެވެ. ރޯމަނުންގެ ކޮންސްޓެންޓިނޯޕްލްއެވެ. އަރަބީންގެ ޤުސްޠަންޠީނިއްޔާއެވެ. މުސްލިމުން ވެރިކަންކުރަންފެށުމަށްފަހު އިސްލާމްބޫލެވެ. މާނައަކީ އިސްލާމް ސިޓީއެވެ. މިހާރު އިސްޓަންބޫލްއެވެ. މިއީ ޚިލާފަތުގެ ތާރީޚުން ވަރަށް ކުރު ހުލާސާއެކެވެ.