Advertisement

ލުބްނާނަށް ދޭ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ގައުމުތަކުން ގޮވާލައިފި

26 ސެޕްޓެންބަރު 2024 - 11:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން: ހަމަލާތައް ހުއްޓާލަން ބައެއް ގައުމުތަކުން ވަނީ ގޮވާލާފައި -- ފޮޓޯ: ރޮއިޓާސް


ލުބްނާނަށް ދޭ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ގައުމުތަކުން ގޮވާލައިފި

26 ސެޕްޓެންބަރު 2024 - 11:12 0

އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް މެދުކަނޑައިލަން ބައެއް ގައުމުތަކުން ގޮވާލައިފި އެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކާއި އީޔޫގެ ބައެއް ގައުމުތައް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ލުބްނާނަށް ދޭ ހަމަލާތައް 21 ދުވަހަށް ހުއްޓާލަން ގޮވައިލާ ކަމަށެވެ.

އެ ބަޔާން ނެރުނީ ގަތަަރު، ޔޫއޭއީ، ސައުދީ އަރަބިއްޔާ، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ޖަޕާނުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ފްރާންސް، ޖަރުމަން އަދި އިޓަލީ ގުޅިގެންނެވެ.

"މިއީ ލުބްނާނާއި އިޒްރޭލުގެ ބޯޑަރު ކައިރީ ތިބި މީހުންނަށް ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ދިޔުމަށް ފުރުސަތުދީ ހަނގުރާމަ މެދުކަނޑައިލަން ފުރުސަތު ދޭންވީ ވަގުތު،" ބަޔާނުގައި ބުންޏެވެ.

ހަނގުރާމަ ހުއްޓައިލާ ވަގުތު ދެ ގައުމު ގުޅިގެން މަޝްވަރާތައް ކުރުމަށް ވެސް ބަޔާނުގައި ބާރު އަޅައި، ދެ ގައުމުން ވެސް ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވުމަކަށް އައުމަށް ވަނީ ގޮވާލާފަ އެވެ.

އިޒްރޭލުން ލުބްނާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރިތާ ހަފްތާއެއް ވެފައިވާއިރު މިހާތަނަށް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 600 އަށްވުރެ ވަނީ އިތުރުވެފަ އެވެ. އަދި ހަމަލާތަކާ ގުޅިގެން ބައި މިލިއަނެއްހާ މީހުން ލުބްނާނުގައި ހާލުގައި ޖެހިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.

އިޒްރޭލުން ލުބްނާނުގެ އިތުރުން ފަލަސްތީނުގެ ގާޒާއަށް ވެސް އަންނަނީ އޮކްޓޯބަރު 7، އިން ފެށިގެން މެދުނުކެނޑި ހަމަލާތައް ދެމުންނެވެ. އެގޮތުން ހަމަލާތަކުގައި މިހާތަނަށް 41،495 މީހުން މަރުވެ، 96،006 މީހުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުން ލުބްނާނުގެ އިތުރުން ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލަން ގައުމުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާތަނަށް ވެސް އިޒްރޭލުން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ.