Advertisement

ޕީއެންސީ މެންބަރުޝިޕް ޑްރައިވް: ކޮންމެ މިނިސްޓަރަކު 500 ފޯމު ހަމަކުރަން އަންގައިފި

23 ސެޕްޓެންބަރު 2024 - 18:14 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ލީޑަރު، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ޕީއެންސީ މެންބަރުޝިޕް ޑްރައިވް: ކޮންމެ މިނިސްޓަރަކު 500 ފޯމު ހަމަކުރަން އަންގައިފި

23 ސެޕްޓެންބަރު 2024 - 18:14 1

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރަން އެ ޕާޓީން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ސަރުކާރުގެ ކޮންމެ މިނިސްޓަރަކު 500 ފޯމު ހަމަ ކުރަން ލީޑަޝިޕުން އަންގައިފި އެވެ.

ޕީއެންސީގެ ލީޑަޝިޕުގެ ބައެއް ބޭފުޅުން "އަދަދު" އަށް ވިދާޅުވީ 500 މެންބަރުން ހަމަނުކުރާ މިނިސްޓަރުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށެވެ.

"ކޮންމެ މިނިސްޓަރަކު 500 ފޯމު ހަމަކުރަން އެންގީ، ބައެއް މިނިސްޓަރުން އެބަ އުޅޭ ފޯމު ހަމަ ނުވެގެން ކަންބޮޑުވެގެން ވެސް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ޕީއެންސީ ލީޑަޝިޕުގެ ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އަމާޒު ކަނޑައަޅުއްވާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށެވެ.

އެ އަމާޒުގެ ދަށުން ޕީއެންސީގެ ލީޑަޝިޕުން މަސައްކަތް ކުރަމުން ދަނީ މި އަންނަ ނޮވެމްބަރުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދު 70،000 އަށްވުރެ އިތުރު ކުރަން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ސެޕްޓެމްބަރު 11، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސް އެންމެފަހުން ރޭ އޮތް ޖަލްސާގައި ވިދާޅުވިފަދައިން ހަމަ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 70،000 މެންބަރުން ޕީއެންސީއަށް ވެއްދުން، އިނގޭތޯ؟،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މިހާރު ޕީއެންސީގެ މެންބަޝިޕް، ސައްހަ މެންބަރުންގެ އަދަދަކީ 28،000، މި މަސައްކަތް ފެށިއިރު. އެހެންވީމާ ނޮވެމްބަަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް ހަމަ 100 ޕަސެންޓު ޔަގީން 70،000 ހަމަ ކުރެވޭނެ. އެހެންވެއްޖެއްޔާ އެއީ ގާތްގަނޑަކަށް 45،000 ނޫނީ 49،000 މެންބަރުން މި އިތުރު ކުރެވެނީ."

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގައި މަޖިލިސް މެންބަރުން ހިމެނޭހެން ކެބިނެޓުގެ ވަޒީރުން ވެސް އަވަދިނެތި މަސައްކަތް ކުރައްވާއިރު، ފާއިތުވި ފަސް މަސްދުވަސް ތެރޭގައި އެޕާޓީއަށް އިތުރު ކުރެވުނީ 1279 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި އަދާހަމަ ކުރި މައުލޫމާތައް ބަލާއިރު، މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ޕީއެންސީގެ ރަސްމީ ދަފުތަރުގައި ތިބީ 28،983 މެންބަރުންނެވެ.

ޕީޕީއެމްގެ ތާއީދާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެކެވެ. އެ ޕާޓީގެ ވަކި އޮފީހެއް ހަދައި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ.

އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި ޕީއެންސީއަށް 10،000 މެންބަރުން އިތުރު ކުރި އެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މިއަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަން ފެށުމުން ރައީސް އަބްދުﷲ ޔާމީނުގެ އަރިސް ބައެއް މީހުންގެ ފާޑުކިޔުމާއި ތުހުމަތުތައް ރައީސް މުއިއްޒުއަށް އަމާޒު ކުރި އެވެ.

އެގޮތުން މަޖިލިސް އިންތިހާބާ ހަމައަށް ދާއިރު، ޕީޕީއެމް އެއްކޮށް ހުސްކޮށްލުމަށް ޕީއެންސީގެ އިސްވެރިން މަސައްކަތް ކުރާ ކަމަށް ޕީއެންއެފްގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި، ޑރ. މުހައްމަދު ޖަމީލު އަހުމަދު އޭރު ވިދާޅުވި އެވެ.

އެ ވާހަކަތައް ޕީއެންސީގެ އިސްވެރިން އޭރު ދޮގު ކުރި އެވެ. ނަމަވެސް ރައީސް މުއިއްޒު އާއި މަޖިލިސް ރައީސް، އަބްދުއްރަހީމް އަބްދުﷲ އަންގަވައިގެން ޕީޕީއެމް އުވައިލުމުގެ މަސައްކަތް މިދިޔަ އޯގަސްޓު 1، ގައި ރަސްމީކޮށް ފެށި އެވެ.