26 އޮގަސްޓު 2024 - 12:01 1
އަހުމަދު ސައީދު
ބަންކަރިން ހިދުމަތް ފެށުމަށް އެމްޕީއެލްއިން ގެނައި ޕައިލެޓް ބޯޓު: މިބޯޓު ކުޅުދުއްފުށި ޕޯޓަށް ގެންދިއުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައި-- ފޮޓޯ އެމްޕީއެލް
26 އޮގަސްޓު 2024 - 12:01 1
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފެށުމަށް ސަރުކާރުން ދައްކާ 'ހުވަފެން' އެންމެ ފަހުން ދިން ތާރީހުގައި ހަގީގަތަކަށް ނުވީ، ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް ދެއްވި ތިން ތާރީހުގައި ވެސް އެކަން ފެށިފައިނުވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ބަންކަރިންގެ ހިދުމަތް، އެއް ތާރީހު ދެ ތާރީހު ދީފައި ތިން ވަނަ ތާރީޙެއް އައިއިރު ނުފެށުނު ވާހަކަ.......... އަޅުގަނޑު ހިތައްއެރީ މޫސޫމަށް މިދޭތެރެ އިން މިއައި ބޮޑު ހުޅަނގުގެ ގަދަކަން ވެސް، އަޅުގަނޑު ދަންނަވާލާނަމޭ، މިހާރު އަޅުގަނޑުމެން ޓާގެޓް މި ކުރަނި 12 ވަނަ ދުވަހަށް (އަންނަ މަހުގެ 12 ވަނަ ދުވަސް) ބަންކަރިންގެ ހިދުމަތް ފަށަން،" މިނިސްޓަރު އާތާރީހެއް ދެއްވި އެވެ.
ބަންކަރިން ހިދުމަތް ފެށޭނެ ކަމަށް އެންމެ ފަހުން ދީފައި އޮތް ތާރީހަކީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ކުރިއަށް އައި ހަފުތާ އަކީ މުޅި ރާއްޖެ އަށް ވެސް މޫސުން ވަރަށް ގޯސްވި ހަތް ދުވަހެވެ. ބަންކަރިން ހިދުމަތް ނުފެށުނު ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ގެންދެވީ، އެ ކަމާއި ގުޅިގެން މީޑިޔާގައި ހެޑްލައިންތައް ހައްދަވަމުންނެވެ.
ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ކުޅުދުއްފުށި ޕޯޓް ލިމިޑެޑް (ކޭޕީއެލް) އަށް ގެންދިއުން ފާހަގަ ކުރުމަށް އެމްޕީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެން މި މަހުގެ ކުރީކޮޅު ބޮޑު ރައްމިއްޔާތެއް ބާއްވާފައިވެ އެވެ.
ބޭރުގެ އާގު ބޯޓުފަހަރަށް ތެލާއި ފެނާއި ބައެއް އެހެން ހިދުމަތްތައް ދިނުމަށް، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތް ފެށޭނެ ކަމަށް، ސައީދު ފުރަތަމަ ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު، ހއ. ހޯރަފުށީގެ ރައްޔުތުންނާއި ބައްދަލުކުރައްވާ ވަހަކަ ދައްކަވަމުނެވެ.
އާގު ބޯޓުފަހަރަށް ހިދުމަތް ދިނުމަށް، އެމްޕީއެލް އިން ވަނީ އުލިގަމުގައި ހަތަރު ކޮންޓޭނަރު ބަހައްޓައިގެން އޮފީހެއް ގާއިމުކޮށްފަ އެވެ. ބަނދަރުގެ ހިދުމަތާއި ފެން ވިއްކުމުގެ ހިދުމަތް އެމްޕީއެލް އިން ދޭން ނިންމާފައިވާއިރު، ބޯޓު ފަހަރަށް ތެޔޮ ފޯރުކޮށްދޭން ނިންމާފައިވަނީ އެސްޓީއޯ އިންނެވެ.
Comment