Advertisement

ސައީދު ކަނޑައެޅި ތާރީހު އަނެއްކާ ވެސް ފަސްވެ، ބަންކަރިންގެ ހިދުމަތް ފެށުން އަންނަ މަހަށް!

22 އޮގަސްޓު 2024 - 07:29 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ސައީދު ކަނޑައެޅި ތާރީހު އަނެއްކާ ވެސް ފަސްވެ، ބަންކަރިންގެ ހިދުމަތް ފެށުން އަންނަ މަހަށް!

22 އޮގަސްޓު 2024 - 07:29 1

ރާއްޖޭގެ އުތުރުގެ މާކަނޑުގައި ދެ ބޯޓު ބާއްވައިގެން ބަންކަރިންގެ ހިދުމަތް މިއަދު ފަށަން ކަނޑައަޅާފައި އޮތަސް، އެކަމަށް ބޭނުންވާ ބޯޓުތައް ނުގެނެވި، ހިދުމަތް ފެށުން އަންނަ މަހަށް ފަސްކޮށްފި އެވެ.

ބަންކަރިންގެ ހިދުމަތް މިއަދު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރަން މި މަހުގެ 6 ގައި ބޭއްވި "މޯލްޑިވްސް-ސެޗުއަން ޓްރޭޑް އެންޑް އިންވެސްޓްމެންޓް ކޯޕަރޭޝަން ކޮންފަރެންސް" ގަ އެވެ.

އެ ކޮންފަރެންސްގައި ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށުމަކީ މެރިޓައިމް ސިނާއަތް ފުޅާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ފުރަތަމަ މަސައްކަތް ކަމަށާއި "ބަންކަރިން ހިދުމަތް ވެސް މި މަހުގެ 22 ވަނަ ދުވަހު ފެށިގެން ދާނެ،" ކަމަށެވެ.

ބަންކަރިންގެ ހިދުމަތް ދެތިން ހަފުތާތެރޭގައި ފެށޭނެ ކަމަށް ފެބްރުއަރީ މަހު ވެސް ސައީދު ވިދާޅުވި އެވެ. އެއަށް ފަހު، ދެން ވިދާޅުވީ ޖުލައި މަހުގައި ބަންކަރިންގެ ހިދުމަތް ފެށޭނެ ކަމަށެވެ. އެ އަމާޒު ހާސިލު ނުވެ، އެންމެ ފަހުން ވިދާޅުވީ އޯގަސްޓު 22 ގައި ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ބޭނުންވާ ބޯޓުތައް ވެސް އަދި ނުގެނެވެ އެވެ.

މާކަނޑުގައި ބާއްވައިގެން ބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ދެ ބޯޓު މިއަދު ރާއްޖެއަށް އަންނާނެ ކަމަށް، އެމްޕީއެލްގެ ސީއޯއީ މުހައްމަދު ވަޖީހު އޯގަސްޓު 8 ގައި ޓީވީއެމްއަށް ވިދާޅުވެފައިވެ އެވެ.

ބަންކަރިން ވިޔަފާރި ކުރަނީ އެސްޓީއޯއިން ނަމަވެސް އެ ހިދުމަތް ފެށުމުގެ ކުރިން ކޮންމެހެން ބޭނުންވާ އެހެން މަސައްކަތްތަކުގެ ބޮޑު ބަޔެއް ކުރަނީ އެމްޕީއެލްއިންނެވެ. އެ ކުންފުނިން މި މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ.

އުލިގަމުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ. ވަޖީހު ވިދާޅުވީ މި މަހުގެ 21 އަށް މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ބަންކަރިންގެ ހިދުމަތް މިއަދު ނުފެށޭނެ ކަމަށާއި އެ ހިދުމަތް ފެށޭނީ އަންނަ މަހު ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ގެންނަ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ ވަންނާނީ މި މަހުގެ 27 ގައި ކަމަށާއި ދެ ވަނަ ބޯޓު އަންނާނީ ސެޕްޓެމްބަރު 11 ގައި ކަމަށެވެ.

ބަންކަރިން ވިޔަފާރީގައި އެސްޓީއޯއާ ބައިވެރިވަނީ މި ދާއިރާގައި އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލް އެވެ.

ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ. އެސްޓީއޯއާއެކީ ޓާމްޝީޓެއްގައި ސޮއިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ވިޓޯލް އިން ވަނީ އެ ކުންފުނީގެ ބަންކާސް މެޕުގައި ރާއްޖެ ހިމަނާފަ އެވެ.

އެސްޓީއޯއާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުގައި އެސްޓީއޯއިން މި ހިދުމަތް ފަށަނީ 4000 މެޓްރިކް ޓަނުގެ ދެ ބަންކަރުންނެވެ. ސަރުކާރުން ބުނަނީ މި ވިޔަފާރި ފެށުމުން ފުރަތަމަ އަހަރުގެ ތެރޭގައި ވެސް 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށެވެ.