Advertisement

މެރިންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

22 އޮގަސްޓު 2024 - 12:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މެރިންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާނުގައި އެ ވޯކްޝޮޕާ ޖެހިގެން ހުރި ގުދަންތަކަށް ވެސް ބޮޑެތި ގެއްލުންވެފައިވޭ -- ފޮޓޯ: އެމްއެންޑީއެފް


މެރިންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

22 އޮގަސްޓު 2024 - 12:27 0

ތިލަފުށީގައި ހުރި މެރިންޑޯ މެރިންވޯކްސް ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލައިފި އެވެ.

މެރިންޑޯ ވޯކްޝޮޕުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ވޯކްޝޮޕުގައި އަލިފާން ރޯވިއިރު، އެތަނުގެ ތެރޭގައި 30 އެއްހައި މުވައްޒަފުން ތިބި ކަމަށް މެރިންޑޯ ކުންފުނީގެ އޮފިޝަލެއް މައުލޫމާތު ދިނެވެ. ނަމަވެސް އެ ހުރިހާ އެންމެން ވެސް ރައްކާތެރިކަމާ އެކު އެތަނުން ނުކުތް ކަމަށް އޭނާ ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވައިލީ މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވެސް ތިލަފުށްޓަށް ގޮސް ތިލަފުށީ ފަޔާ އެންޑް ރެސްކިއު ސާވިސްއާ ގުޅިގެން ކަމަށެވެ.

މިއަދު ހެނދުނު 8:35 ހާއިރު މެރިންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާންގަނޑު އެ ސަރަހައްދުގައި ހުރި އިރާއީ ބުކްޝޮޕުގެ ގުދަނުގައި ވެސް ހިފި އެވެ. ނަމަވެސް 10:00 ޖެހުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ 11:04 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާނުގެ ސަބަބުން މެރިންޑޯ ވޯކްޝޮޕާ އިންވެގެން ހުރި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.