ހިޔާ ރޯދިގޭގައި ރޯވުމުގެ ކުރިން އެ ގެއަށް ވަން މީހާ: އެ މީހާގެ މައުލޫމާތު ފުލުހުން މިހާތަނަށް އާންމުކޮށްފައެއް ނުވޭ -- ފޮޓޯ: ސީސީޓީވީ
ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަން ކަން ސީސީޓީވީ ފުޓޭޖުން ހާމަވެއްޖެ އެވެ.
އަދަދު އަށް ލިބިފައިވާ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި އައި މީހަކު ވެހިކަލް ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.
މި ނޫހާ ވާހަކަ ދައްކަމުން އެ ގޭގެ ވެރި ފަރާތް، އާދަމް ސަލީމް ބުނީ ހިޔާ ރޯދީގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީކަމެއް ޔަގީންކަމާއެކު ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ހުޅު ހިފުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާތީީ ހާދިސާ ހިނގި ގޮތާމެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.
"ގަސްތުގައި ރޯކޮށްލަން ވަން މީހެކޭ ބުނެވޭކަށް ވެސް ނެތް. އެހެންނަމަވެސް އޭނަގެ އިހުމާލުންކަން އެބަ އެނގޭ ރޯވެފައި އެހުރީ. އޭނަ އެތަނަށް ވަދެފައި ނިކުތްތާ ހަ މިނެޓު ވަރުވި. ވަދެފައި ނިކުތްތާ ތިން މިނެޓު ފަހުން ދުން ފެނުނު ކަމަށް ސީސީޓީވީން ނަގާފައިހުރި ވީޑިއޯތަކުން ދައްކާ،" އޭނާ ބުންޏެވެ.
ސަލީމް ބުނީ އެގެއަށް ވަނީ އެ ހިސާބު އެހެން ގެއެއްގައި ދިރިއުޅޭ، ދެކިފަރިތަ މީހެއް ކަމަށެވެ. އޭނާގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޑެގު އަޅައިގެން ހަތަރު ބުރިއަށް ހަދާފައި ހުރި ހިޔާ ރޯދި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ގޭގެ ވެރި ފަރާތުން މައުލޫމާތު ދެ އެވެ. އެ ގޭގައި ބުދަ ދުވަހު ރޯވީ، ގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
ހިޔާ ރޯދީގައި އަލިފާން ރޯވި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އަދި އަލިފާން ރޯވުމުގެ ކުރިން އެ ގެއަށް ވަން މީހާއާމެދު ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ވެސް ނުވެ އެވެ.
މާލޭގައި ފަޅަށް ހުންނަ ގެތަކުގައި ރޯވުމަކީ އާ ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފަޅަށް ހުންނަ ގެތަކަށް ވަންނަ ކަމަށް ފާހަގަ ކުރެވެ އެވެ. އެމީހުން ސިނގިރޭޓު ބުއިމާއި އަލިފާން ގެންގުޅެންޖެހޭ އެހެން ކަންކަން ކުރުމުގެ ތެރޭގައި ބައެއް ތަންތަނުގައި ހުޅު ހިފާފައި އެބަހުއްޓެވެ.
Comment